ނިއުދިއްލީ (11 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ރޭލް ދަތުރުތަކުގެ ބައެއް ހިދުމަތްތައް މާދަމާ އަލުން ފަށަން އިންޑިޔާއިން ނިންމައިފި އެވެ.

އިންޑިއަން ރެއިލްވޭ އާބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 15 ރޫޓަކުން ކުރާ ރޭލު ދަތުރުތައް މާދަމާ ފަށާނެކަމުގައެވެ. ނަމަވެސް ރޭލްތައް ތޮއްޖެހޭގޮތަށް މީހުން ނާރުވާނެ ކަމަށާ ރޭލަށް އަރާމީހުންވެސް ގައިދުރުކޮށް ތިބުމަށް އެބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މުޅި އިންޑިއާ ފުރަބަންދުގައި އޮއްވައި ފަށާ މި ރޭލް ދަތުރުތަކަށް ވަނީ ޚާއްސަ ޓިކެޓެއްވެސް ތަޢާރަފް ކޮށްފައެވެ. އެ ޓިކެޓް ނުގަންނަ މީހުންނަށް ރޭލުތަކަކަށް ނޭރޭނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާގެ ސަރުކާރުން ފުރަބަންދުގެ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމާއެކު އިންޑިއާއިން ރޭލް ދަތުރުތައް ހުއްޓާލީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. މިއީ އިންޑިއާގެ ރޭލްވޭގެ 167 އަހަރުގެ މާޒީއަށް ބަލާއިރު ރޭލްދަތުރުތައް އެއްފަހަރާ ހުއްޓުމަކަށް ގެނައި ފުރަތަމަ ފަހަރެވެ.

މިއާއެކު އިންޑިއާގެ އާންމުންނަށްވަނީ ތަންތަނުގައި ތާށިވެ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. މީގެތެރޭގައި ކޮންމެ ދުވަހަކު ތަންތަނަށް ގޮސް މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުންގެ އާމްދަނީ ހުއްޓުމަކަށް އައިސް އެމީހުންނާއި އެމީހުންގެ އާއިލާތައް ބަނޑަށް ޖެހޭ ހާލަތަށް ދިޔުމާއި ފަގީރުންނަށް ހޮސްޕިޓަލަށް ދެވޭނެގޮތް ނެތުންވެސް ހިމެނެއެވެ.

ފުރަބަންދުގެ ފިޔަވަޅުތަކާއެކު އިންޑިއާގައި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަަކެތި ފޯރުކޮށްދެނީ

ފުރަބަންދުގެ ތެރޭގައި ވަނިކޮށް އިންޑިއާއިން ފަށާ ޚާއްސަ ރޭލު ދަތުރުތަކުގައި ފުތަރަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އާ ގުޅޭ މަސައްކަތްކުރާ ސިއްހީ މަރުކަޒުތައް ހުންނަ ސަރަހައްދުތަކުގެ ކައިރީގައިވާ ސްޓޭޝަންތައް ކަވަރުވާގޮތަށެވެ. ކޮވިޑް-19 އާ ގުޅޭ މަސައްކަތްކުރާ 29 ހާހަށްވުރެ ސިއްހީ މަރުކަޒު އިންޑިއާގެ އެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައިވެއެވެ.

އެއަށްފަހު އެހެން ސަރަހައްދުތަކަށްވެސް ރޭލް ދަތުރުތައް ފުޅާކުރުމަށްވަނީ ހަމަޖެހިފައެވެ. އިންޑިއާގެ އެކި ހިސާބުތަކުގައި ތާށިވެފައިވާ އާންމުންނަށް މި ދަތުރުތަކުގެ ސަބަބުން އެމީހުންގެ އަމިއްލަ ވަޒަނަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. ފުރަތަމަ ދަތުރުތަކުގެ މައިގަނޑު ބޭނުމަކީވެސް އެއީ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ.

އިންޑިއާއިން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކުގެ މުއްދަތު ހަމަވާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިފިޔަވަޅުތަކާއެކު ކޮވިޑް-19 ފެތުރުމަށް މަޑުޖެހުމެއް އައިކަމަށް އިންޑިއާގެ ސިއްހަތާބެހޭ މާހިރުން ވިދާޅުވެއެވެ. ނަމަވެސް ފުރަބަންދުގެ ފިޔަވަޅުތަކާއެކުވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންޑިއާގައިވަނީ އިތުރުވެފައެވެ.

ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގައި ގިނަ ބަޔަކު ހާލުގައިޖެހި ހޮސްޕިޓަލްތަކަށް ނުދެއްކިގެން ބައެއްމީހުން އެހެން ބަލިތަކުގައި މަރުވާކަމުގެ ރިޕޯޓްތައް ފެންމަތިވުމާއެކު އިންޑިއާއިންވަނީ އެތެރޭގެ ދަތުރުރަކަށް ދޭ ލުއިތައް މަޑުމަޑުން އިތުރުކުރާނެކަންވެސް އިއުލާނުކޮށްފައެވެ.

ދަތުރުފަތުރުގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމަށް އެގައުމުން ރާވާފައިވަނީ މަޑުމަޑުން އަދި ލަސްލަހުން ކަމަށާ އެކި ސަރަހައްދުތަކަށް ލުއިދޭނީ އެކި މިންވަރަށްކަމަށް އިންޑިޔާގެ ނޫސްތައް ބުނެއެވެ. ލުއިދިނުމަށް ރާވާފައިވާގޮތުގެ ޕްލޭންތައް އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 67 ހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު އެރޯގާގައި މަރުވި މީހުންގެ އަދަދުވަނީ 2 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. އިންޑިއާއަކީ އާބާދީގެ ނިސްބަތުން ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދު އެންމެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިންޑިއާގައި ކޮވިޑް-19 އަށް ގިނައިން ޓެސްޓް ކުރެވޭނަމަ ޕޮޒިޓިވް ކޭސްތައް އާދަޔާ ޚިލާފަށް މައްޗަށް ދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރެއެވެ. (ނޫސްއެޖެންސީތައް)