ލޮކްޑައުންްގެ ހާލަތުގައި މޯލްޑިވްސް ޕޮލިސް ސާވިސް ގެ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ ނުވާނަމަ، އެ ވިޔަފާރިއަކަށް ފުލުހުން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ފުލުހުންގެ ހުއްދައިގެ ދަށުން، ލޮކްޑައުންގެ މުއްދަތުގައި ހިދުމަތްދޭ ފިހާރަތަކުން ރައްކާތެރިކަމުގެ ގޮތުން ހަތަރު ފިޔަވަޅެއް އަޅާފައި ހުންނަން ވާނެ ކަމަށެވެ.

އެގޮތުން ފިހާރައިގެ ކުޑަ ބޮޑު މިނަށް ބަލައި، އެންމެ ގިނަވެގެން ވަދެވޭނެ ކަސްޓަމަރުންގެ އަދަދު ބޭރަށް ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެއެވެ.

އަދި ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ތިބެންވާނީ ހިދުމަތްދޭ ގަޑީގައި، ނޭފަތާއި އަނގަމަތި ފޮރުވޭ ގޮތަށް، މާސްކު އަޅައި، ދެ އަތް ތިލައަށް އަންގި ލައްވައިގެންނެވެ.

ފިހާރައިގެ އެތެރޭގައި، އެ ފިހާރައެއްގައި މަސައްކަތްކުރުމުގެ ހުއްދަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޫކޮށްފައިވާ ފަރާތްތައް ފިޔަވައި، އިތުރު މީހުން ބައިތިއްބައިގެން ނުވާނެއެވެ.

ހަމައެއާއެކު މޯލްޑިވްސް ޕޮލިސް ސާވިސްއިން ހުއްދަ ދީފައިވާ ފިހާރައެއްނަމަ، އެ ފިހާރައަކުން ހިދުމަތް ދިނުމަށް ހުޅުވިފައި ހުންނަ ގަޑިތަކުގައި، ގަވާއިދުން ހުޅުވަން ޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ކަންތައްތަކަށް ރިއާޔަތްކޮށްގެން ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން އަމަލުކުރަން އިލްތިމާސްކުރާ ކަމަށެވެ.

އެ ފިިޔަވަޅުތައް ފުރިހަމަ ނުކުރާނަމަ، ވިޔަފާރިއަކަށް ފުލުހުން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރާނެއެވެ.

ލޮކްޑައުންގެ މުއްދަތުގައި ފިހާރަ ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަ ވެފައިވާ ކަމަށާއި މިގޮތަށް އަމަލު ކުރާނަމަ އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.