ކެންޔާގައި ހަރަކާތްތެރިވަމުން ދަނިކޮށް 2018 ވަނަ އަހަރުގެ ނޮވެމްބަރުގައި ކިޑްނެޕްކޮށްފައިވާ އިޓަލިއަން އެއިޑް ވޯކާއެއް އޭނާގެ ގައުމަށް އަނބުރާ ގޮސްފިއެވެ.

އުމުރުން 25 އަހަރުގެ ސިލްވިއާ ރޮމާނޯ ކިޑްނެޕް ކުރިތާ ދެ އަހަރު ފަހުން އެންމެ ފަހުން އޭނާގެ ގައުމަށް ދިޔައިރު އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން އޭނާގެ އާއިލާގެ އިތުރުން އިޓަލީގެ ބޮޑުވަޒީރާއި ފޮރިން މިނިސްޓަރު ވަނީ ވަޑައިންނަވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސިލްވިއާ ކިޑްނެޕްކޮށްފައިވަނީ އިސްލާމިސްޓް ގްރޫޕެއް ކަމަށްވާ އަލް ޝަބާބް އިންނެވެ. އެ ގްރޫޕުން އޭނާ ކިޑްނެޕްކޮށްފައި ބަހައްޓާފައި ހުރީ ސޯމާލިއާގެ ވެރިރަށް މޮގައްދިޝުގައި ކަމަށް ކެންޔާގެ ބައެއް ނޫސްތަކުން ބުނެއެވެ.

އިޓަލީގެ ސީކްރެޓް ސާވިސް އާއި ތުރުކީ ސަރުކާރުން ގުޅިގެން ވަނީ ސިލްވިއާ ހޯދައި ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސިލްވިއާ ކިޑްނެޕް ކޮށްގެން 18 މަސް ވަންދެއް ހޯދަމުން ދިޔައިރުވެސް އޭނާ ކިޑްނެޕް ކުރި ކަމަށް ބުނެ އެއްވެސް ބައެއް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އެންމެފަހުން ސިލްވިއާ އިއްޔެ އިޓަލީއަށް އެނބުރި ގޮސްފައިވާއިރު އޭނާ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ހާލު ރަނގަޅު ކަމަށް ސިލްވިއާ ބުންޏެވެ.

އޭނާ ދިރިއުޅެނީ މިލާންގައެވެ. އަދި މިލާންގެ ސިލްވިއާ ދިރިއުޅޭ އަވަށަށް ދިޔުމުން އެތައް ބަޔަކު ވަނީ އެއްވެ އެ ސަރަހައްދުން އޭނާއަށް މަރުހަބާ ކިޔާފައެވެ.