އޯކިޑް މަގުގައި ހުންނަ ދަމާސް ކުންފުނީގެ އޮފީސް ފަޅާލައި ދެ ތިޖޫރީ ވަގައި ނަގައި އޭގައި ހުރި ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފި އެވެ.

ދަމާސް ކުންފުނީގެ ޖެނެރަލް މެނޭޖާ އަހުމަދު ޝަކީބް މިއަދު ވިދާޅުވީ ދަމާސްގެ އޮފީހުގައި ބަހައްޓާފައި ހުރި ދެ ތިޖޫރީ ވަގަށް ގެންގޮސްފައިވާ ކަން އެނގުނީ މިއަދު އެ އޮފީސް ހުޅުވުމުން ކަމަށެވެ.

ޝަކީބް ވިދާޅުވީ އެ އޮފީހަށް ވަދެފައި ވަނީ ދޮރުގެ ތަޅު ހުޅުވައިގެން ކަމަށް ބެލެވޭ ކަމަށާއި އޮފީހަށް އެއްވެސް ގެއްލުމެއް ދީފައިނުވާ ކަމަށެވެ.

"ތަޅަށް އެއްވެސް ގެއްލުމެއް ނުދޭ. ހީވަނީ ތަޅުދަނޑިއަކުން ހުޅުވާފައި ހުރި ހެން. ވަރަށް ބޮޑަށް ރާވައިގެން ]ހިންގި ކަމެއް[ ކަމަށް ބެލެވެނީ. އެއީ އެމީހުން ވަދެފައި ހުރި ކަން އެނގެނީ ތިޖޫރީ ހުރިތަނަށް އެކަނި،" ޝަކީބް ވިދާޅުވި އެވެ.

ޝަކީބް ވިދާޅުވީ ދެ ތިޖޫރީގައި ހުރި ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަކީ ޕެޓީ ކޭޝްގެ އިތުރުން އެ ކުންފުނީގެ ފިހާރަތަކަށް ބުރާސްފަތި ދުވަހު ލިބިފައި ހުރި ފައިސާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އޮފީހުގައި ސެކިއުރިޓީ ކެމެރާ ހަރުކުރީ ބުދަ ދުވަހު ކަމަށާއި ނަމަވެސް އެ ކެމެރާތައް ބޭނުން ކުރަން ނުފަށާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިހާރު އިތުރަށް ތަހްގީގު ކުރަމުން އަންނާތީ ތަފްސީލެއް ދެވެން ނެތް ކަމަށެވެ.