11 May 2020, 10:06
ކޮރޯނާ ވައިރަސްއާ ގުޅިގެން ލޮކްޑައުން ހާލަތުގައި ބެލްޖިއަމްގައި އެއްގެއިން އަނެއްގެއަށް މީހުން ގޮސް އުޅުމުގައި ލުއިތަކެއް ދީފި އެެވެ.
މިއީ މަޑުމަޑުން ލޮކްޑައުން އުވާލަށް ފެށުމުގެ ގޮތުން ކުރި ކަމެކެވެ. އެގޮތޮން އިއްޔެއިން ފެށިގެން ކޮންމެ ގެއަކަށްވެސް އެހެން ގޭގެއިން ޖުމްލަ ހަތަރު މީހަކު އެގެއަށް އައުމަށް ދައުވަތު ދެވޭނެއެވެ.
ބެލްޖިއަމްގެ ބޮޑުވަޒީރު ސޯފީ ވިލްމަސް ވިދާޅުވީ އާއިލާތަކާ ރައްޓެހިންނާ ދުރުވެ ތިބެން ޖެހުމުން ގިނަ ބަޔަކަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށެވެެ.
ގޭގެއަށް ދިއުމުގައި ލުޔެއް ދިން ނަމަވެސް، އެކަން ހިނގަނީ ރަނގަޅަށްތޯ ބަލެމަކީ ކުރެވޭނެކަމެއް ނޫން ކަމަށް ބެލްޖިއަމްގެ ފުލުހުން ވަނީ ބުނެފައެވެ.
ބެލްޖިއަމްގެ ކޮވިޑްގެ ތަރުޖަމާނު ސްޓީވަން ވެން ވަނީ ގޭގެއަށް ޒިޔާރަތްކުރުމުގައި ވަރަށް ބޮޑަށް ވިސްނުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި އެ ގޮތަށް ދާއިރު އެއް ގެއެކަށް ދިއުމަށްވެސް ވަނީ ބާރުއަޅައިފައެވެ.
އޭގެ އިތުރުން ގޭގެއަށް ޒިޔާރަތްކުރާއިރު 1.5 މީޓަރު ދުުރުގައި ތިބުމަށާއި އެކަކު އަނެކަކު ބައްދައި ނުހެދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޭގޭގޭ ޓެރެސް ނޫނީ ގޯތި ތެރޭގައި ތިބުމަށްވެސް ވަނީ ގޮވާލައިފައެވެ.
އެންމެ ހަތަރު މީހުން ޒިޔާާރަތްކުރީ ކީއްވެކަން ބެލްޖިއަމްއިން ހާމައެއް ނުކުރެއެެވެ. ނަމަވެސް މިއީ ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ދިމާވެދާނެ ދަތިތަކަށް ވިސްނައިގެން ނިންމި ނިންމުމެއް ކަމަށް ވަނީ ބެލެވިފައެެވެ.
އެފަދަ ގޮތަކަށް މީހުން ގޭގެއަށް ޒިޔާރަތްކޮށް އުޅުމަށް ހުއްދަ ދިނުމަށް އިނގިރޭސިވިލާތުންވެސް މިހާރު ދަނީ ވިސްނަމުންނެވެ.
ބީބީސީ