11 May 2020, 13:52
"ކީއްވެ ކުއްލިއަކަށް ތިހާ އުފާ ވީ؟" އަބޫޤަތާދާ އެހިއެވެ.
"އުޒުރެއް ނެތި ފަސް ވެ ހުރުމުގެ ކުށް ކުރީ އަހަރެން އެކަނި ނޫން ކަން އެނގުމުން ހިތަށް ތަސައްލީއެއް ލިބުނީ. އަދި ތެދު ބަސް ބުނި އިތުރު ބަޔަކު ތިބީ ތީ އެ ކަމާ އުފާ ވީ." ކަޢުބު ބުންޏެވެ.
"އެކަމަކު ކަޢުބު! ތިޔަ ކަމަކުން ކަލެއަށް އޮތް އަދަބު ލުޔެއް ނުވާނެ." އަބޫޤަތާދާ ބުންޏެވެ.
"އަހަރެން ކަންބޮޑު ވަނީ ﷲ ގެ ރަސޫލާ އަހަންނަށް ދެއްވާން ވަކި އަދަބެއް ކަނޑަ ނޭޅުއްވީމާ. ކޮން އަދަބެއް ބާ ދެއްވާނީ؟" ކަޢުބު ބުންޏެވެ.
ކަޢުބުއާއި އަދިވެސް އުޒުރެއް ނެތި ލަޝްކަރުގައި ބައިވެރި ނުވި އަނެއް ދެ މީހުންގެ އަދަބެއްގެ ގޮތުން، ﷲ ގެ ނަބިއްޔާ، މަދީނާގެ އަހުލުވެރީންނަށް އެންގެވީ ﷲ ވަކި ގޮތަކަށް އަންގަވާން ދެން އެމީހުންނާ ވާހަކަ ނުދެއްކުމަށެވެ. އެއިން މީހަކު ސަލާމް ގޮވިޔަސް އެއްވެސް މީހަކު އެމީހުންގެ ސަލާމް ބަލައެއް ނުގަނެއެވެ.
*****
"މަންމާ އަޅުގަނޑުގެ ބައްޕަ ކޮބައި ތޯ؟" ކަޢުބުގެ ދަރިފުޅު ޢަބްދުﷲ އެހިއެވެ.
"މަންމައަކަށް ނޭނގޭ. ދަރިފުޅާ ޢަބްދުﷲ." ޢަބްދުﷲ ގެ މަންމަ ބުންޏެވެ.
"މަންމައަށް އެނގޭ ތޯ ބައްޕައަށް އަދަބެއްގެ ގޮތުގައި ކަނޑަ އެޅުނީ ކޮން ކަމެއް ކަން؟" ޢަބްދު ﷲ އެހިއެވެ.
"އާނ. މަންމައަށް އެނގޭ. ﷲ ގެ ރަސޫލާ ވަނީ މަދީނާގެ އަހުލުވެރީންނަށް ބައްޕަމެންނާ ވާހަކަ ދެއްކުން މަނާ ކުރައްވާފައި." ޢަބްދު ﷲ ގެ މަންމަ ބުންޏެވެ.
"އޭގެ މާނައަކީ ދެން ދުވަހަކު ވެސް އެއްވެސް މީހަކު ބައްޕައާ ވާހަކަ ނުދައްކާނެއޭ ތަ؟" ޢަބްދު ﷲ އެހިއެވެ.
"އާނ. ދަރިފުޅާ! ﷲ އެހެން ގޮތެއް ދައްކަވާން ދެން އޮތީ އެ ގޮތް." ޢަބްދު ﷲ ގެ މަންމަ ބުންޏެވެ.
"އަޅުގަނޑަށް ވެސް އެހެންވީމާ ބައްޕައާ ވާހަކައެއް ނުދެއްކޭނެ ތޯ؟" ޢަބްދު ﷲ އެހިއެވެ.
ޢަބްދު ﷲ ގެ އެ ސުވާލަށް ޢަބްދު ﷲ ގެ މަންމައަކަށް ޖަވާބު ނުދެވުނެވެ. އޭގެ ބަދަލުގައި ލޮލުން އޮހޮރޭން ފެށީ ކަރުނައެވެ.
އެހެން އަންހެނުންނެކޭ އެއްފަދައިން އޭނާއަކީ ވެސް ފިރިމީހާ ކިތައްމެ މުހިއްމު ކަމެއްގައި ދާން ވެގެން ވެސް، ބޭރަށް ހަމަ ނުކުންނާން އުޅޭ އިރަށް "އަދި މަޑުކޮށް ބަލަ!" ނުވަތަ "އަދި ކުޑަ އިރުކޮޅެއް ފަހުން ވެސް ދެވިދާނެއެއް ނޫން ތަ؟" ބުނާ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ކަޢުބުއަކީ އޭނާ އެހެން ބުނުމުން އިތުރު ޖަދަލު ކުރުމެއް ނެތި ބޭރަށް ނުކުތުން ލަސްކޮށް ލާ ފިރިއެކެވެ.
އޭނާ އެހެން ބުނަނީ ކީ ކޮންމެހެން ފިރިމީހާ ގެއިން ނުކުތުން މަނާ ކުރާކަށް ނޫނެވެ. އެމީހުންގެ އެ ބުނުންތަކަކީ އެ ލަފްޒުތަކުގެ ބޭރުފުށުގެ މާނައާ މުޅީން ތަފާތު އަސަރީ މާނައެއް އެކުލެވޭ ބުނުންތަކެކެވެ. އޭގެ މާނައަކީ މަޑުކޮށްލާށޭ ނުވަތަ ފަހުން ދާން މަޑު ކުރާށޭއެއް ނޫނެވެ. އޭގެ މާނައަކީ "އަހަރެން ތިބާ ދެކެ ވަރަށް ލޯބިވޭ" މިއެވެ. އޭގެ ޖަވާބު އޭނާ ބޭނުުން ވަނީ ލޯބި ލަފްޒުތަަކަކުންނެވެ. ގޭގައި މަޑު ކުރުމަކުން ނޫނެވެ. އެ ކަން ކަޢުބަށް ނޭނގުނަސް، އެ ކަހަލަ ނިސްވާނީ ފަލްސަފާގެ އުސޫލުތައް ފިރިމީހާއަށް ކިޔައި ދިނުމަކީ ވެސް ނިސްވާނީ އުސޫލުތަކާ ޚިލާފު ކަމެކެވެ.
*****
މީހަކު ސަލާމް ބަލައި ނުގަތަސް، މަގުމަތީން ދަމުން ސަލާމް ގޮވައިލުން ކަޢުބު ހުއްޓައެއް ނުލައެވެ.
"އައްސަލާމު ޢަލައިކުމް!" މަގުމަތީން ދިޔަ ދެ މީހަކަށް ކަޢުބު ސަލާމް ގޮވައިލިއެވެ.
ކަޢުބުގެ ސަލާމުގެ އަޑަށް އެ ދެ މީހުން ބަލައި ލި އިރު، އެއީ ކަޢުބު ކަން އެނގުމުން ސަލާމުގެ ޖަވާބެއް ނުދިނެވެ. އަދި އެ ތަނުން އެކަކު އަނެކަކުުގެ ގާތުގައި ބުންޏެވެ.
"ސަލާމް ގޮވައިލުމުން ސަލާމުގެ ޖަވާބު ދިނުމަކީ ވާޖިބެއް ނޫން ތަ؟"
"މި މީހާއާ ވާހަކަ ދެއްކުން އަހަރެމެންގެ މައްޗަށް ﷲ ގެ ރަސޫލާ ވަނީ މަނާ ކުރައްވާފައި. އޭނާއާ ދިމާއަށް ނުބަލާ. މޫނު އަނބުރާލާ." އަނެއް މީހާ ބުންޏެވެ.
"އަހަންނަށް ހީވާ ގޮތުން އޭނާ އެ ދަނީ އޭނާގެ ބޮޑުބޭބެގެ ދަރިފުޅު އަބޫޤަތާދާގެ ގެޔަށް." ކުރީން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އެއީ އަހަރެމެންނާ ބެހޭ ކަމެއް ނޫން. ހިނގާ." އަނެއް މީހާ ބުންޏެވެ.
އެ މީހާ ހީ ކުރީ ރަނގަޅަށެވެ. ކަޢުބު ދިޔައީ އޭނާގެ ބޮޑުބޭބެގެ ދަރިފުޅު އަބޫޤަތާދާގެ ގެއަށެވެ. އެ ގެއާ ހަމަޔަށް ގޮސް، އެ ގެއަށް ނުވަދެ ބޭރުގައި ހުރެ ކަޢުބު ސަލާމް ގޮވައިލިއެވެ.
"އައްސަލާމު ޢަލައިކުމް! ބޮޑުބޭބޭގެ ދަރިފުޅާ!"
އެ ވަގުތު އެ ގޭގެ މެދު ގޯތީގައި އަބޫޤަތާދާ ހުއްޓެވެ. ކަޢުބުއަށް އަބޫޤަތާދާ ފެނެއެވެ. އަދި އަބޫޤަތާދާއަށް ވެސް ކަޢުބު ފެންނާނެއެވެ. އެހެންނަމަވެސް އަބޫޤަތާދާ އެއްވެސް ޖަވާބެއް ނުދިނެވެ. އަބޫޤަތާދާ ޖަވާބެއް ނުދިނުމުން އަނެއްކާވެސް ކަޢުބު ބުންޏެވެ.
"އަހަންނަކީ ތިބާގެ ބޮޑުބޭބެގެ ދަރިފުޅެއް ނޫން ތަ؟ އަޑު އަހާ ބަލަ! ކަލޭ ނުދަންނަމު ތަ އަހަރެން ﷲ އާއި އެއިލާހުގެ ރަސޫލާ ދެކެ ލޯބިވާ ކަން."
ކަޢުބު އެހެން ބުނުމުން "ތިޔަ ކަމުގެ ހަގީގަތް ދެނެވޮޑިގެން ވަނީ ﷲ. އަދި އަހަރެމެންނަށް ވުރެ ރަނގަޅަށް ކަންކަމުގެ ހަގީގަތް ދެނެވަޑައިގަންނަވަނީ ﷲ ގެ ރަސޫލާ." އޭ ބުނެފައި އަބޫޤަތާދާ ގެއަށް ވަދެ ދޮރު ލެއްޕިއެވެ.
ދެރަ ވެފައި ހުރި ކަޢުބު ވެސް އޭނާގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
*****
ކަޢުބު ފަދައިން އެމީހަކާ ވާހަކަ ދެެއްކުން މަނާ ކުރެވިފައިވާ މުރާރަތު ގޭގައި ހުއްޓައި، މީހަކު އައިސް ގޭގެ ދޮރުގައި ޓަކި ޖެހިއެވެ.
"ދޮރު މަތީގައި ކާކު؟" ޓަކީގެ އަޑަށް ދޮރު ކައިރިއަށް އައިސް، ދޮރު ހުޅުވުމުގެ ކުރީން މުރާރަތު އެހިއެވެ.
"ފެން ފޮދެއް ބޭނުން ވެގެން އައި ބީރައްޓެއްސެއް. ބޭރަށް ނުކުމެ އަހަންނާ ވާހަކައެއް ނުދައްކާނަން ތަ؟" ޓަކި ޖެހި މީހާ ބުންޏެވެ.
އޭނާ އެހެން ބުނުމުން ކިޑިކީގެ ތަންފޯސް މަތީގައި ފެން ކުރައަކާއި އޭގެ މަތީގައި ކަދުރު އަތުރައިފައި އޮތް ތޮށަލިއަރިއެއް ބެހެއްޓުމަށް ފަހު، މުރާރަތު ބުންޏެވެ.
"އަހަންނަށް ވަނީ މީހުންނާ ވާހަކަ ދެއްކުން މަނާ ކުރެވިފަ."
"ކީއްވެ؟ ކާކު މަނާ ކުރީ؟" ބޭރުގައި ހުރި މީހާ އެހިއެވެ.
"މި ދޮރާ ޖެހިގެން މިހިރަ ކިޑިކީގެ ތަންފޯސް މަތީގައި ބަހައްޓާފައި އެހެރަ ފެން ކުރައާއި ކަދުރު ހިފައިގެން ދޭ." މުރާރަތު ބުންޏެވެ.
"އަހަރެން ބޭނުން ވަނީ ތިބާއާ ވާހަކަ ދައްކާން. ފެނާއި ކަދުރު ބޭނުން ވެގެންނެއް ނޫން އަހަރެން މި އައީ." ބޭރުން އައި މީހާ ބުންޏެވެ.
އޭނާ އެހެން ބުނުމުން މުރާރަތު އެއްވެސް ޖަވާބެއް ނުދިނެވެ. ދެން އިތުރަށް އެއްވެސް ޖަވާބެއް ދިނުމަކީ ވެސް ވާހަކަ ދެއްކުން ކަމަށް ވާނެތީއެވެ. މުރާރަތުގެ ޖަވާބެއް ނުލިބުމުން ބޭރުން އައި މީހާ ވެސް ހިނގައިގަތެވެ.
*****
"ސާހިބާ އަޅުގަނޑު މިއައީ ޔަސްރިބުން. ވިޔަފާރިވެރިއެއް ކަމުގައި ހެދިގެން އަހަރެން ދިޔައީ." އަސަދު ބުންޏެވެ.
"ތިޔަ ތަފްސީލުތަކެއް ބޭނުމެއް ނޫން. އަސްލު ނުގުތާއަށް ވާހަކަ ދައްކާ. އަވަސް ކުރޭ އަދި ކަލޭގެ ކިބައިގައި ވާ ވާހަކައެއް ބުނޭ." ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"ފުރަތަމައަށް ފެންފޮދެއް ލިބިދާނެ ތަ؟" އަސަދު ބުންޏެވެ.
"ނޫން. އެންމެ ފުރަތަމައަށް ކިޔައި ދީ، ހަވާލު ކުރެވުނު މަސައްކަތުގެ ނަތީޖާ." ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"ހަނގުރާމައަށް ނުނުކުތުމުގެ ސަބަބުން މުޙައްމަދުގެފާނު އަދަބު ދެއްވި މީހުންގެ ޚަބަރުތައް އަޅުގަނޑު ހޯދިން. އޭގެ ތެރެއިން މުރާރަތު ގާތަށް އެންމެ ފުރަތަމައަށް އަހަރެން ދިޔައީ. އޭނާއަކީ ބަސްމަދު އަދި ހިތްވަރުގަދަ މީހެއް. ހަމައެހެންމެ ހިތްހެޔޮ އަދި ދީލަތިި މީހެއް. އަހަންނަކީ ކާކު ކަން ނުބުނެ އޭނާއާ ވާހަކަ ދެއްކޭ ތޯ އުޅުނިން. އޭނާ އަހަންނަކާ ވާހަކައެއް ނުދެއްކި." އަސަދު ބުންޏެވެ.
"ތިޔަ މީހާގެ ކިބައިން އަހަރެމެންނަށް އެހީތެރިކަމެއް ނުލިބޭނެ." ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"ހިލާލު ބްނު އުމައްޔާއަކީ ތަންކޮޅެއް ދުވަސް ވީ މީހެއް. މާ ގިނައިން ތަންތަނަށް ގޮސް އުޅޭ މީހެއް ވެސް ނޫން." އަސަދު ބުންޏެވެ.
"ތިޔައީ ވެސް އަހަރެމެން ބޭނުން ވާ ކަހަލަ މީހެއް ނޫން. ތިންވަނަ މީހަކީ ކާކު؟" ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"ތިންވަނަ މީހަކީ ކަޢުބު ބްނު މާލިކް. އެއީ ޅެންވެރިއެއް. މީހުންނާ ގުޅިގެން މީހުންގެ ތެރޭގައި އުޅުމަށް ލޯބި ކުރާ މީހެއް. ގެއިން ބޭރަށް ނުކުތުން މަނާ ވެފައި ނެތަސް އަނެއް ދެ މީހުން ބޭރަށް ނުނުކުމެ ތިބެނީ ގޭގައި. އެ ދެ މީހުން ގޭގައި ތިބޭ އިރު ވެސް ކަޢުބު ގެއިން ބޭރަށް ނުކުމޭ. މިސްކިތަށް ވެސް ދޭ. ބާޒާރު މަައްޗަށް ވެސް ނުކުމޭ. އަދި މީސްތަކުން އޭނާއާ ވާހަކަ ނުދެއްކިޔަސް މީހުންނަށް އިސް ވެ ސަލާމް ގޮވައި ހަދާ. އަދި މީހުން ފެންނަ ހިސާބުގައި މަޑު ކޮށްގެން އެ މީހުންނަށް ބަލާން ހުރޭ." އަސަދު ބުންޏެވެ.
"އަހަރެމެން ބޭނުން ވާ ކަހަލަ މީހަކީ އެއީ." ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"ކިހިނެއް ތޯ ސާހިބާ؟" އަސަދު އެހިއެވެ.
"ޅެންވެރީންނާއި ބަހުގެ އަދީބުންނަކީ އެމީހުންގެ ތޮބީއަތުގައި ވެސް މައްސަލަތައް ބޭނުން ވާ ބައެއް ނޫން. އެމީހުންނަށް އެހެން މީހުންގެ ފާޑި ކިއުމާއި އެހެން މީހުންގެ އަމުރަށް ތަބާ ވުން ގަބޫލެއް ނުކުރެވޭނެ. އެމީހުން ބޭނުން ވާނީ މަސައްކަތް ލުއި، އަދި ހިތްހަމަ ޖެހޭ މާހައުލެއް. އެއްމެން އެމީހުންނަށް ތައުރީފު ކުރުން ބޭނުން ވާނީ. މީހުންގެ ލޯބި ބޭނުން ވާނީ. ރީތިކަމަށް އެމީހުން ލޯބި ކުރާނީ. ވީމާ ކަޢުބުއަށް އަހަރެމެންގެ އަޅައިލުން ދީގެން އަހަރެމެންގެ މީހަކަށް ހެދިދާނެ." ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"އެއީ ވެދާނެ ކަމެއް ތޯ؟ މުރާރަތު ވެސް އަހަންނާ ވާހަކައެއް ނުދެއްކި. އެހެންވެ އެހެން މީހުންގެ ގާތަށް ނުގޮސް އަހަރެން މި އައީ ވެސް. ހަމަ އެކަނި އެމީހުންގެ ޚަބަރުތައް ހޯދައިގެން." އަސަދު ބުންޏެވެ.
"މުރާރަތަކީ ބަސްމަދު މީހަކަށް ވެފައި އޭނާ އިސް ވެ މީހުންނާ ވާހަކަ ދައްކާން ނޫޅުނަަސް، ކަޢުބުގެ ކަންތައް ހުރީކީ އެހެންނެއް ނޫނެއް ނު؟ އަދި އަނެއް ކޮޅުން މުސްލިމުންގެ ތެރޭގައި އެމީހުންގެ މީހެއް ކަމަށް ހެދިގެން ހުރެ އަހަރެމެންނަށް އެހީތެރިކަން ފޯރު ކޮށްދޭނެ މީހަކަށް އަހަރެމެން މި ތިބީ ނުހަނު ބޮޑަށް ބޭނުން ވެފައި. އެމީހަކު ވާން ޖެހޭނީ އެމީހުންގެ މިސްކިތަށް ވަދެވޭ އަދި އެމީހުންގެ ތެރޭގައި އުޅެވޭ މީހަކަށް. އެމީހުން ދައްކާ ވާހަކަތަކުގެ އަޑު އިވޭ ހިސާބުގައި ހުރެވޭ މީހަކަށް. ވީމާ ކަޢުބުގެ ގާތަށް ގޮސް އޭނާ އަހަރެމެންގެ ބަޔަށް ގެނެވޭ ތޯ މަސައްކަތް ކުރުން ނޫން އެހެން އިޚްތިޔާރެއް ނެތް." ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"ތިޔަ ވިދާޅުވީ ރަނގަޅު ވާހަކައެއް. ސާހިބާ. މުސްލިމުންގެ ރޭވުންތަކާއި މަޝްވަރާތައް ހިނގަނީ އެމީހުންގެ މިސްކިތުގައި. އެމީހުންގެ ރަށަށް އަހަރެމެން ދިޔަޔަަސް އަދި އެމީހުންގެ ބާޒާރަށާއި ގޭގެއަށް އަހަރެމެން ދިޔަޔަސް އެމީހުންގެ މިސްކިތްތަކަށް އަހަރެމެން ވަދެ ނޫޅެމު. އެހެންވެގެން އަހަރެމެންނަށް އެމީހުންގެ ޚަބަރުތައް ނޭނގެނީ." އަސަދު ބުންޏެވެ.
"ދެން ޔަސްރިބަށް ދާ އެންމެ ފުރަތަމަ ވިޔަފާރި ގާފިލާއާ އެކު އެ ރަށަށް ދޭ. އަދި ގޮސް ކަޢުބު ބްނު މާލިކާ ބައްދަލު ކުރޭ." ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"އަޅުގަނޑު ކަޢުބު ބްނު މާލިކް ގާތުގައި ބުނާން ވީ ކީކޭ ތޯ؟" އަސަދު އެހިއެވެ.
- ނުނިމޭ -