11 May 2020, 15:24
ރާއްޖެއިން މަދުން ނޫނީ ނުފެންނަ ބާވަތެއް ކަމަށްވާ ކާލިގަނޑު މިޔަރު (ހެމާ ހެޑް ޝާކް)އަކާއި އެ މިޔަރުގެ ބަނޑުތެރޭގައި އޮތް 14 ޅަ މިޔަރެއް ބ. ގޮއިދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް ފޮޓޯތަކެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެ ފޮޓޯގެހަގީގަތްއެކަކު ކިޔައިދީފައިވާއިރު އަނެއް ބަޔަކު ހީކުރަނީ މުޅިން ތަފާތު ގޮތަކަށެވެ. ބަޔަކު އެ މިޔަރަށް އަނިޔާކޮށް މަރާލީ ކަމަށެވެ.
ނަމަވެސް އެކަން ހިނގާދިޔަގޮތް މިޔަރުގެ ނަގުލުގައި ހިފައިގެން ހުރި ޕަޑީ ޑައިވިން އިންސްޓްރެކްޓާ މުހައްމަދު މަހުފޫޒް ވަނީ 'ސަން' އަށް ކިޔައިދީފަ އެވެ.
މުހައްމަދު މަހުފޫޒް ބުނީ އެ މިޔަރު ރަށުގެ ފުއްޓަރު ފަރާތު ގޮނޑުދޮށުން ފެނުނީ އިއްޔެ މެންދުރެއްހާއިރު އެ ސަރަހައްދުގައި އުޅުނު އަންހެނަކަށް ކަމަށާއި މިޔަރު އެތާއޮތް ވާހަކަ ބުނުމުން އިތުރު ބަޔަކާއި އެކު އެތަނަށް ދިޔަ ކަމަށެވެ.
"ދިޔައިރު އެއްކަލަ ހެމާހެޑް މި އޮތީ ގާތަކު މަތީގައި އެއްކޮށް ފެނުން ހިކިފައި. ނަގޫފަތް އެކަނި ކިރިޔާ ފެނުގައި ޖެހެނީ. އޭރު ވެސް އެނގޭ މަރުވެފަ ކަން އޮތީ. ދެން ވަލެއް ޖަހައިގެން އެއްގަމަށް އަރުވައި ބަނޑުގައި ހުރި މިޔަރުތައް ސަލާމަތް ކުރެވޭތޯ އުޅުނީ. އެކަމަކު ވަޅިން ބަނޑުފަޅާލިއިރު އެ މިޔަރުތައް ވެސް ހުރީ މަރުވެފައި،" ވޭތުވެދިޔަ ހަތް އަހަރު ޑައިވިން އިންސްޓްރަކްޓަރަކަށް އުޅުނު މަހުފޫޒް ކިޔައިދިނެވެ.
ދިގު މިނުގައި 13 ފޫޓް ހުރި އެ މިޔަރުގެ ބަނޑު ތެރޭގައި 14 ޅަ މިޔަރު އޮތް ކަމަށް މަހުފޫޒް ބުންޏެވެ. ކުޑަ މިޔަރެއްގައި ވެސް ދެ ފޫޓް ވަރު ހުންނާނެ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ބަލާ ބެލުމަށް ބޭރު ފުށުން މާ ބޮޑު އަނިޔާއެއް ފެންނަން ނެތް އެ މިޔަރު މަރުވާން ދިމާވިކަމަށް ބެލެވޭ މައިގަނޑު ސަބަބު އޭނާ ވަނީ ކިޔައިދީފަ އެވެ. ކާލިގަނޑު މިޔަރަކީ ވިހަން ދޮންވެލި ފަޅުތެރެއަށް ވަންނަ އެއްޗެކެވެ. އެހެން ކަމުން މާބަނޑު އެ މިޔަރު ވެސް ދިޔަވަރު ބޮނޑު ގަނޑީގައި ވިހަން ފަޅުތެރެއަށް ވަދެ ދިޔަވަރު ހިކެންވާއިރަށް ފަޅުން ބޭރަށް ނުނިކުމުވި ތާށިވެގެން މަރުވީ ކަމަށް އޭނާ ވަނީ ލަފާކޮށްފަ އެވެ.
"ބޮޑަށް ބެލެވެނީ ލެގޫންތެރެއަށް އޭތި ވަދެފައި އެ އިންނަނީ ވިހަން ކަމަށް. ދެން ބަނޑުގައި ރިއްސާގަނެ މަގުއޮޅި ހާސްވެގެން ތިލަ ދިމާލަކަށް އާރަފަ އެ އިންނަނީ،" އއ. ރަސްދޫ ގެސްޓްހައުސެއްގައި ވެސް މަސައްކަތް ކުރާ މަހުފޫޒް ކިޔައިދިނެވެ.
ކާލިގަނޑު މިޔަރަކީ ރާއްޖޭގައި އެހާ ގިނައިން ފެންނަ ބާވަތުގެ މިޔަރެއް ނޫނެވެ.
ނަމަވެސް އެކި ބާވަތްތަކުގެ މިޔަރު ގިނައިން އުޅޭ ބ.އަތޮޅު ގޮއިދޫ ކައިރިން ވެސް ކާލިގަނޑުގެ މިޔަރުތަކެއް އެ ރަށު މަސްވެރިންތަކަކަށް ފެނުނު ކަން މަހްފޫޒް ފާހަގަ ކުރި އެވެ. ނަމަވެސް އެ ރަށުގެ އެއްވެސް މީހަކު އަދި މަސްވެރިން ވެސް މިޔަރަށް އަނިޔާކޮށް މަރާ ހަދާކަން އެނގިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެ ބޮޑު މިޔަރުގެ ބަނޑުދަށް ރަތް ވެފައި ހުރީ ގާތަކުގެމަތީގައި އޮތުމުގެ ސަބަބުން ކަމަށް ވެސް މޫދާ ރައްޓެހި މަހްފޫޒް ކިޔައިދިނެވެ.
މަރުވެފައި އޮތް ކާލިގަނޑު މިޔަރު ވަނީ އެ ރަށު ފަޅު ބޭރަށް ނެރެ ކަނޑަށް ދޫކޮށްލާފަ އެވެ. އަދި ކުޑަ 14 މިޔަރު އެ ރަށު އަތިރިމަތީގައި ވަނީ ވަޅުލާފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިޔަރު ހިފުން 2010 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ. އެކަމުގެ ސަބަބުން މިޔަރުގެ އާބާދީ އިތުރުވެ މަސްވެރިންނަށް އެކަމުގެ ދުއްތުރާ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.