11 May 2020, 01:48
ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން މި މަހުގެ ތެރޭގައި އިތުރު 45 ވެންޓިލޭޓަރު ރާއްޖެ އަންނާނެ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
މިރޭ އެންއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު 10 ވެންޓިލޭޓަރު ރާއްޖެ އަންނާނެ ކަމަށާއި އަދި މިމަހުގެ 25 ގައި އިތުރު 35 ވެންޓިލޭޓަރު ރާއްޖެ އަންނާނެ ކަމަށެވެ.
ދެން އިތުރު ވެންޓިލޭޓަރު ރާއްޖެ ގެންނާނީ އަންނަ މަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމަށް ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބައެއް ކުންފުނިތަކުން ވަނީ މިހާރު ވެންޓިލޭޓަރު ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖެއަށް 145 ވެންޓިލޭޓަރެއް ގެނައުމަށް ތިން ކުންފުންޏަކާ ހަވަލުކޮށްގެން މިހާރުވެސް މަސައްކަތް ކުރަމުން އެބަގެންދެއެވެ. އެގޮތުން އެ ކުންފުނިތަކުގެ ތެރެއިން މެޑްޓެކް ކިޔާ ކުންފުންޏަކުން ވަނީ އިއްޔެ ރާއްޖެއަށް 18 ވެންޓިލޭޓަރު ގެނެސްފައެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ހޯދަމުން ދައިރު، ޓެސްޓު ކިޓުވެސް މަދުވެ އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެގޮތުން ވޯލްޑު ހެލްތު އޯގަނައިޒޭޝަންގެ ފަރާތުން ހަދިޔާ ކޮށްފައިވާ 5،000 ޓެސްޓް ކިޓު މާދަމާ ލިބޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.