ދިވެހިންގެ ކެއުމުގައި އާއްމުކޮށް ބޭނުންކުރާ އަލުއްވަކީ ތަފާތު ގިނަ ގޮތްގޮތަށް ތައްޔާރުކޮށް ބޭނުންކުރަމުން އަންނަ، ފަސޭހައިން ލިބެން ހުންނަ ބާވަތެކެވެ. އަލުވި ހިކިކޮށް ހަދައިގެން، އަލުވި ކިރުގަރުދިޔަ، އަލުވި ރިހައިން ފެށިގެން އަލުވި ޕައިވެސް ތައްޔާރުކުރެ އެވެ.

އަލުވިން ތައްޔާރުކުރާ އެކި ވައްތަރުގެ ފްރައިޒް އަދި ވެޖަސް އަކީ ދިވެހި ޒުވާނުން އަދި ކުޑަކުދީންގެ މެދުގައި ވަރަށް މަގުބޫލް ސްނެކްއެކެވެ. ފިލްމެއް ބަލާލަމުން، ފޮތެއް ކިޔާލަމުން ނޫނީ ކަމެއް ނެތި ހުސްކޮށް ހުރެގެންވެސް ޕޮޓޭޓޯ ޗިޕްސްކޮޅެއް ހަފާލުމަކީ ގިނަ ދިވެހީންގެ ބަދަލުނުވާ އާދައެކެވެ.

މަރިޔަމް އަހުމަދު، މަރީވީއެމްއެމް އިން މިފަހަރު އަހަރެމެންނާ ހިއްސާކޮށްލީ ގޭގައި ފަސޭހައިން ކްރިސްޕީ ޕޮޓޭޓޯ ވެޖަސް ތައްޔާރުކޮށްލާނެ ގޮތެވެ. ލޮކްޑައުންގެ މިދުވަސްވަރު ގެއިން ބޭރުން މިޑިޝް އޯޑަރުކޮށްލުމުގެ ނުވަތަ ތައްޔާރީ ލުއިކާނާ ގަތުމުގެ ބަދަލުގައި މިރެސިޕީ ގޭގައި ޓެސްޓްކޮށްލަމާ ހިނގާށެވެ.

ޕޮޓޭޓޯ ވެޖަސް ތައްޔާރުކުރުމަށް ބޭނުންވާތަކެތި:

  • 6-8 މެދު ސައިޒްގެ އަލުވި

  • 1/3 ޖޯޑު ފުށް
  • 1/3 ޖޯޑު ހަނޑޫފުށް
  • 1/2 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ ލޮނުމިރުސް ހަވާދު/ ޕެޕްރިކާ
  • 1/2 ސައިސަމުސާ ރޯސްމެރީ (ޑްރައިޑް)
  • 1 ސައިސަމުސާ ޕާރސްލީ (ކުދިކޮށް ކޮށާފައި)
  • 1 ސައިސަމުސާ އަސޭމިރުސް
  • 1 ސައިސަމުސާ ޗިލީފްލޭކްސް
  • 1/2 ޖޯޑު ފެން

ޑިޕް ތައްޔާރުކުރަން ބޭނުންވާ ތަކެތި:

  • 1/2 ލިބޯއެއްގެ ހުތް

  • 3 މޭޒުމަތީ ސަމުސާ މަޔޮނައިޒް
  • ލޮނުކޮޅެއް (ރަހަލާވަރަށް)
  • އަސޭމިރުސްކޮޅެއް (ރަހަލާވަރަށް)
  • ޗިލީފްލޭކްސް (ބޭނުންނަމަ)

ތައްޔާރުކުރާނެގޮތް:

އަލުވިތައް ތުނިކޮށް މަށާލުމަށްފަހު ކުދިކޮށް ވެޖަސްގެ ބައްޓަމަށް ކޮށާލާށެވެ. އެއަށްފަހު 7-5 މިނެޓް ވަންދެން ވެޖަސްކޮޅު ފެނުކައްކާލަންވީއެވެ. މަރީވީއެމްއެމް އިން ބުނަނީ އަލުވިތައް އަދި ތެލަށް އަޅާނެތީ، އެއްކޮށް މަޑުވަންދެން ކެއްކުން މުހިއްމު ނޫންކަމަށެވެ.

ރެސިޕީގައި ވެޖަސް ތައްޔާރުކުރުމަށް ބޭނުންވާ، ބައި ޖޯޑު ފެން ފިޔަވައި، ބާކީ ހުރި ބާވަތްތައް (ހުރިހާ ޑްރައި އިންގްރީޑިއަންޓްއެއް) ބޯތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބައިޖޯޑު ފެން އަޅާލާށެވެ. ތިތައްޔާރުކޮށްލެވުނީ ރެސިޕީއަށް ބޭނުންވާ ޕޭސްޓެވެ.

ފެނުކެއްކި ވެޖަސްކޮޅާއި މިޕޭސްޓް ރަނގަޅަށް އެއްކޮށްލާށެވެ. ވެޖަސްކޮޅުގައި ޕޭސްޓް ރަނގަޅަށް ހާކާލަން ސަމާލުކަންދޭންވާނެއެވެ. ރެސިޕީއިން އަހަރެމެން މިބޭނުންވާ ރަހަ ލިބޭނީ އޭރުންނެވެ. ތެޔޮގަނޑު ހޫނުވުމުން އަވަހަށް ވެޖަސްކޮޅު ތެލަށް އަޅާލަންވީއެވެ. މިހާރު ތިތައްޔާރުކޮށްލެވުނީ ކްރިސްޕީ ޕޮޓޭޓޯ ވެޖަސްއެވެ.

ޕޮޓޭޓޯ ވެޖަސް ކާލާއިރު އިތުރަށް ރަހަމީރުކޮށްލުމުގެ ގޮތުން މަރީވީއެމްއެމް އިން ހިއްސާކޮށްލި ފަސޭހަ ޑިޕް ކޮންމެހެންވެސް ތައްޔާރުކޮށްލަން ވާނެއެވެ.

ޑިޕް އަށް ބޭނުންވާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ގިނައިން ޑިޕް ބޭނުންވާނަމަ، ބޭނުންވާ މިންވަރަށް އިންގްރީޑިއަންޓްތައް ގިނަކޮށްލުމުން ރަހަ ހެޔޮވަރުކޮށް ހަމަ މިމީރު ޑިޕް ތައްޔާރުކޮށްލެވޭނެއެވެ.

ރޯދަވީއްލާ ވަގުތަށްވެސް ނުވަތަ ހާރުދަމަށްވެސް މިޑިޝް ވަރަށް ކަމުދާނެ އެވެ.