ދިވެހި ރާއްޖޭގައި ހައްދު ފަހަނައެޅުމާއި ގާނޫނާ ހިލާފު ކަންތަކާއި ޓެރެރިޒަމް ފެތުރުމުގެ މުގުލުގައި ހުރީ އިސްލާމިކް ފައުންޑޭޝަން އޮފްދަ މޯލްޑިވްސްގެ އިލްމުރިންގެ މަޖިލީހުގެ ނާއިބު ރައީސް ޝައިހް އިބްރާހިމް ފަރީދު ކަމަށް މި ސަރުކާރުން ހާމަކުރި ކަމަށް ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީން ހިމަޔާތްކުރުމަށް ބޭއްވި ބޮޑު މުޒާހަރާގައި "ނަސްރުގެ މައިދާނު"ގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު ޝަހީމް ވިދާޅުވީ ޓެރެރިޒަމްގެ އަމަލު ފެތުރުމަށް މަސައްކަތްކޮށް، މި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަދަނީ އިއްތިހާދުގެ ފަރާތުން އިންތިޒާމްކުރި މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ވާހަކަ ދެއްކިއަސް އެކަން އޮތީ އެހެން ނޫންކަން އޭނާ އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އިރު ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ޓެރެރިޒަމަށް ވާގިވެރިވާ ބައެއް ނޫން. ޓެރެރިޒަމަށް ވާގިވެރިވާ ބޭފުޅުން ސަރުކާރަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުއްޓައި ހޯމް މިނިސްޓްރީން އިސްލާމިކް މިސްޓްރީ އަށް ސިޓީއެއް ފޮނުވަފައި އޮތް، ދިވެހި ރާއްޖޭގައި ހައްދު ފަހަނައެޅުމާއި ޓެރެރިޒަމްގެ ހަރަކާތްތަކާއި ގާނޫނާ ހިލާފު ކަންތައް ކުރުމުގެ އެންމެ މުގުލުގައި ހުރި މީހަކީ، އިންޓެލިޖެންސް މައުލޫމާތުން ބުނާ ގޮތުން ޝައިހް އިބްރާހިމް ފަރީދުއޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އެ ސިޓީ މިހާރު ވެސް އިސްލާމިކް މިނިސްޓްރީގައި އޮންނާނެ ކަމަށާއި މި ގައުމުގައި ހައްދުފަހަނައެޅުމުގެ މަސައްކަތާއި ޓެރެރިޒަމަށް ވާގިވެރި ވަނީ ކޮން ބައެއްކަން އެމްއެންޑީއެފްގެ ޗީފް އޮފްސްޓާފް ޖެނެރަލް މޫސާ އަލީ ޖަލީލަށާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމް ފުނޑުފުނޑުކޮށްލައި ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމް ދުއްވާލައި އާދަޔާ ހިލާފު އެހެން ތަސައްވަރެއް ފަތުރަން މަސަކަތްކުރަނީ ކޮން ބައެއްކަން ދިވެހި ސަރުކާރަށް އެނގޭނެ،" ޝަހީމް ވިދާޅު ވިއެވެ.
ޝަހީމް ވިދާޅުވީ ޓެރެރިޒަމާއި ހައްދުފަހަނައެޅި ބަޔެކޭ ކިޔައިގެން ސަރުކާރުން އެ ބޭފުޅުން ބަދުނާމް ނުކުރެވޭނެ ކަމަށާއި އެފަދަ މަސައްކަތް މި ގައުމުގައި ކުރާ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތާއި ހަގީގަތްތައް އެބަހުރި ކަމަށާއި އެ ހަގީގަތުން އެއްކިބާ ވެގެން ނުވެވޭނެ ކަމަށެވެ.

ނަމަވެސް އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހިމް ފައުޒީ މިއަދު ވިދާޅުވީ ޝައިހް ފަރީދަކީ އެކަހަލަ ބާވަތެއްގެ އެއްވެސް ކަމެއްގައި ބައިވެރިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް އެ ބޭފުޅުން ގަބޫލު ނުކުރައްވާ ކަމަށާއި ޝަހީމް ދައްކަވާ ވާހަކައަކީ އިތުބާރު ކުރެވޭ ވާހަކައެއް ނޫން ކަމަށަށެވެ.

"މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ވެސް އެބަހުރި ބުނެފައި ރާއްޖޭގައި ކުދިން ސްކޫލަށް ނުފޮނުމާއި ޖާރިޔާ އިން ގެންގުޅުމާއި ކުދިންނަށް ވެކްސިން ނުދިނުމަށް ބާރުއަޅަމުންގެން ދަނީ ފަރީދުއޭ. މިކަހަލަ ވާހަކަތައް އިސްލާމިކް މިނިސްޓްރީގައި ހުންނަވައިގެން ދެއްކެވީ ޝަހީމް. ޝަހީމްކައިރީގައި އަޅުގަނޑުމެން އެހުމުން ވިދާޅުވީ އެފަދަ ވާހަކަތަކީ އެއީ މަގުމަތިން ދަނިކޮށް ދެއްކެވި ވާހަކަތައް ކަމަށް،" ފައުޒީ ވިދާޅުވި އެވެ.

އެހެންކަމުން ޝައިހް ޝަހީމް މަގުމަތިން ދައްކާ އެފަދަ ވާހަކަތައް ގަބުލް ނުކުރެވެނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.

އެ ސިޓީއާ ގުޅޭ ގޮތުން ސަން އިން ސުވާލު ދެންނެވުމުން ހޯމް މިނިސްޓަރު ހަސަން އަފީފް މިއަދު ވިދާޅުވީ ހޯމް މިނސްޓްރީން އިސްލާމިކް މިނސްޓްރީ އަށް ފޮނުވި ކަމަށް ޝަހީމް އެ ވިދާޅުވާ ސިޓީއަކީ ކޮން ސިޓީއެއް ކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ބައިވަރު ސިޓީތައް އެކިތަންތަނަށް ފޮނުވާ އިރު އެހެން ދަންނަވަން ނޭނގޭ ކަމަށެވެ.

ޝަހީމް މުޒާހަރާގައި ވާހަކަ ދައްކަވަމުން ގޮވައިލެއްވީ ރައީސް ނަޝީދު ކުޑަހިދުކޮޅަކަށް ހިތްތިރިކޮށްލުމަށް ފަހު "ހައްގުގެ މަގަށް ވަޑައިގެން" މިއަދު ފެންނަ މަންޒަރުގެ ތަސައްވަރަކީ ގައުމުގެ ކުރިމަގު ކަމަށް ގަބޫލުކުރެއްވުމަށެވެ.
"މަނިކުފާނު ހައްގުގެ މަގަށް ރުޖޫއަ ނުވެއްޖެ ނަމަ 2013 ވަނަ އަހަރު ވަރުގަދަ ބައްޔަކުން ބަލިކުރާނަން." ޝަހީމް ވިދާޅުވި އެވެ.