11 May 2020, 08:30
މިދިޔަ ޑިސެމްބަރު މަހު 31 ވަނަ ދުވަހު ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީ ހުޅުވާލިތާ މަހެއް ފަހުން ފުރަތަމަ ފަހަރަށް އެ ސިޓީއިން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހުގައި ވަނީ ވޫހާން ލޮކްޑައުންއަކަށް ގެންގޮސް، އެ ސިޓީއިން މީހުން ބޭރުވުމާއި އެތެރެވުން މަނާކޮށްފަ އެވެ. އެކަމަކު ހަރުކަށި ފިޔަވަޅުތަކަކާ އެކު ވައިރަސް ކޮންޓްރޯލްކޮޮށް މިދިޔަ މަހުގެ އަށްވަނަ ދުވަހު ވޫހާން ވަނީ ލޮކްޑައުންއިން ނަގައި ބޯޑަރު ހުޅުވާލާފަ އެވެ.
އެއަށްފަހު އެ ސިޓީއިން ވައިރަސް ނުފެންނަތާ މަހެއް ފަހުން އަނެއްކާވެސް އިތުރު ކޭސްއެއް ފެނިފައިވާކަން ޗައިނާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޗައިނާއިން އިއްޔެ 14 މީހެއްގެ ގައިން ވައިރަސް ފެނުނު އިރު، ވޫހާން ސިޓީން ވެސް ވަނީ އެކަކު ޕޮޒިޓިވް ވެފަ އެވެ.
ވޫހާން ސިޓީއިން ވައިރަހަށް ޕޮޒިޓިވްވި މީހާގެ އުމުރަކީ 89 އަހަރު ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ޗައިނާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. ވައިރަސް ފެނުނު މީހާ އުޅުނު ސަރަހައްދު މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް އެ ސަރަހައްދަށް ވަދެ ނުކުމެ އުޅުން މަނާ ކޮށްފަ އެވެ.
ޗައިނާގައި މިހާތަނަށް 82،901 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެ ބަލި ޖެހިގެން 4،633 މީހުން ވަނީ މަރުވެފަ އެވެ.