ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ތޮއްޖެހިގެން އުޅެމުންދާ އިތުރު ފަސް ތަނެއް ފެނިފައިވާ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެކުރީން، ބިދޭސީން ތިބޭ އެފަދަ 28 ތަނެއް ފެނިފައިވާ ކަމަށެވެ. އަދި ދާދި ފަހުން އިތުރު ފަސް ތަނެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގައި ބިދޭސީން އުޅޭ މިފަދަ ތަންތަން މޮނިޓަރިންގެ ހާލަތަށް ގެންދެވި، ކުރަމުންދާކަން ތި ބޭފުޅުންނަށް އެނގިލައްވާނެ. މިހާރު ޖުމްލަ 33 ތަނެއް އެބަ ބެލޭ މިހާރު،" މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ 33 ތަނުގެ ތެރެއިން 30 ތަނަކުން މިހާރު ވަނީ ސާމްޕަލް ނަގާފައި ކަމަށެވެ. އަދި ބާކީ ތިން ތަނުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ތަންތަނުގައި އެކަމަޑޭޝަންގެ ގޮތުގައި ހަމަޖައްސާފައިވާ ތަންތަނުގައި 565 މީހުން ތިބި ކަމަށާއި ކަރަންޓީނު ކުރުމަށްވެސް ޖާގަ ހަޖަމައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތުން ކަރަންޓީނަށް ހަމަޖެއްސި ޖާގައިގައި 612 މީހުން ތިބި އިރު އައިސޮލޭޝަންގައި 475 މީހަކު ބައިތިއްބާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ފެސިލިޓީތަކަށް މީހުން ގެންދިޔުމުގައި ގެންގުޅޭ ސްޓްރެޓެޖީއަކީ ކޮންޓެއިންމެންޓް ބިލްޑިންތައް އައިޑެންޓިފައިކޮށް، އެތަންތަނުން ޓެސްޓުކުރެވިފައި، އެތަންތަނުން ކަރަންޓީނަށާއި އައިސޮލޭޝަން އަށް ޖެހޭ ވަރަށް މީހުން ގެންދިޔުން،" އޭނާ ވިދާޅުވިއެވެ.