11 May 2020, 00:09
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާ ދެވެމުންދިޔަ އެކަކު ވެންޓިލޭޓަރަށް ލެވިފައިވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.
މިރޭ އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. އިބްރަހިމް އަފްޒަލް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިވަގުތު ޖުމްލަ ނުވަ މީހަކު އެޑްމިޓްކުރެވިފައިވާކަމަށެވެ.
"މީގެ ތެރެއިން ބައެއް އެޑްމިޝަންސްއަކީ ކޭސްއަކާ އެކު އެޑްމިޓްކުރެވިފައިވާ ފެމިލީގެ އިތުރު މެންބަރުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
އެޑްމިޓްކުރެވިފައިވާ މީހުންގެ ތެރޭގައި ތިން ބިދޭސީން އަދި ހަ ދިވެހީން ހިމެނޭކަމަށާއި އަދި މީގެތެރެއިން ބިދޭސީ އެއް ޕޭޝަންޓަށް މިހާރު ދަނީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވެމުންކަމަށް ޑރ. އަފްޒަލް ވަނީ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ފަރާތްތަކުގެ ހާލަތަށް އަލިއަޅުވާލަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ދަރުމަވަންތައިގެ ޑީއެޗް11 ފެސިލިޓީގައި ފަރުވާ ދެވެމުން ދަނީ ތިން މީހަކަށްކަމަށެވެ.
އެތަނުން ދެ ބަލި މީހަކަށް މިވަގުތު ވެންޓިލޭޓަރުގައި ފަރުވާދެވެމުންދާކަމަށާއި އެ ދެ މީހުންނަކީވެސް ފިރިހެނުންކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޑީއެޗް11 ގައި ދެން ފަރުވާ ދެވެމުންދަނީ 80 އަހަރުގެ ދިވެހި އަންހެނަކަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު 836އަށް އަރާފައިވާކަމަށް މިރޭ އެންއީއޯސީގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި އަދަދުތަކުން ހާމަވެގެންދިޔައިރު މީގެ ތެރޭގައި 277 ދިވެހީން ހިމެނެއެވެ. ބަައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު މިވަގުތު ހުރިީ 559ގައެވެ.
މި ބަލީގައި މިހާތަނަށް ރާއްޖެއިން ތިން މީހަކު ނިޔާވެފައިވާއިރު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަލިން އިތުރު މީހަކު މުޅިން ރަނގަޅުވެފައިވާކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަަކަށް ފަރުވާދިނުމަށް ބޭނުންކުރާ ހާއްސަ ސެންޓަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖެހިގެންދިޔައީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
އެ ހޮސްޕިޓަލް ތިން މަސް ދުވަހަށް ކޮވިޑް-19 އަށް ހާއްސަކޮށް ފަރުވާދިނުމަށް ބޭނުންކުރަން އެ ހޮސްޕިޓަލުގެ ޑިރެކްޓަރުންނާއި ނެޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓްއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.