10 May 2020, 23:44
އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު މިރޭ ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ 12 މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުން ވަނީ އިއްޔެ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި 12 މުވައްޒަފުންނަކީވެސް ހުޅުމާލޭ އެކޮމަޑޭޝަން ބްލޮކުގައި ތިބި މުވައްޒަފުން ކަމަށާއި އެ މުވައްޒަފުންނަކީ އެ ހޮސްޕިޓަލްގެ ސަޕޯޓް ސްޓާފުން ކަމަށްވެސް އަފްއާލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މުވައްޒަފުންނަކީ އޭޑީކޭގެ މުވައްޒަފުންނަށް ވީ ނަމަވެސް އެ މުވައްޒަފުންނަކީ އެ ހޮސްޕިޓަލަށް ގޮސްފައިވާ އެއްވެސް ޕޭޝަންޓަކާ ކޮންޓެކްޓް ވެފައިވާ މުވައްޒަފުން ނޫން ކަމަށެވެ.
ރާއްޖޭގައި ވައިރަސް ޖެހުނު މީހުންގެ އަދު މިހާރު ވަނީ 835 އަށް އަރާފައެވެ. އޭގެތޭރޭގައި މިއަދު ވައިރަސް އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ 45 ގައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 22 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި 20 ދިވެހިން ޕޮޒިޓިވްވި އިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނޭޕާލްގެ ދެމީހުންނާއި އިންޑިއާގެ މީހެއްވެސް ހިމެނެއެވެ.