24 Dec 2011, 15:30
އިއްޔެ މުޅި ރާއްޖޭގައި ބޭއްވި "ބޮޑު މުޒާހަރާ" ހދ. ވައިކަރަދޫގައި ބާއްވަމުން ދަނިކޮށް، އެ މުޒާހަރާގެ ތެރެއަށް އެ ރަށު ކައުންސިލްގެ ނާއިބު ރައީސް އިސްކޮށް ހުންނަވައިގެން ވަންނަވައި މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ އަދާލަތު ޕާޓީގެ ވައިކަރަދޫ ގޮފިން އެކަން ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީގެ ވައިކަރަދޫ ގޮފިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީ އާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއަށް އެ ރަށު ކައުންސިލްގެ ނާއިބް ރައީސް އަބްދުﷲ ޝަރީފާއި ކައުންސިލް މެންބަރު އަބްދުﷲ ނިޝާނާއި އެމްޑީޕީ ބަޔަކު ގުޅިގެން ވަދެ މާރާ މާރީ ހިންގާފައިވާ ކަމަށެވެ.
މުޒާހަރާ އަށް ހުރަސް އެޅުމުގެ ގޮތުން މުޒާހަރާގައި ބޭނުން ކުރި ޕިކަޕް ކުރިމަތީ އޮށޯވެ، މަގު ބަންދުކޮށް މާރާމާރީ ހިންގާފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ވައިކަރަދޫގައި ބޭއްވި ސުލްހަވެރި މުޒާހަރާ އަށް ވައިކަރަދޫ ކައުންސިލްގެ ނާއިބް ރައީސް އަބްދުﷲ ޝަރީފާއި ކައުންސިލް މެންބަރު އަބްދުﷲ ނިޝާން އިސްކޮށް ހުންނަވައިގެން އެމްޑީޕީ މެންބަރުންނާ އެކު ނިކުމެ، މި ސުލްހަވެރި މުޒާހަރާ އަށް ހުރަސްއެޅުމުގެ ގޮތުން މި މުޒާހަރާގައި ބޭނުން ކުރި ޕިކަޕް ކުރިމަތީ އޮށޯވެ، މަގުބަންދުކޮށް، މި ސުލްހަވެރި މުޒާހަރާގައި ބައިވެރިވި މީހުންނާ ދެކޮޅަށް މާރާމާރީ ހިންގައި ލޭ އޮހޮރުވާފައި ވާތީ އަދާލަތު ޕާޓީ ވައިކަރަދޫ ގޮފިން މިކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަދި ނާއިބު ރައީސް ފޯނަށް ޖަވާބު ނުދެއްވާތީ އެ ދެ ބޭފުޅުންގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް ކައުންސިލް މެންބަރު ނިޝާން ވިދާޅުވީ އިއްޔެ އެމްޑީޕީން ވެސް އެ ރަށުގައި މުޒާހަރާއެއް ބޭއްވި ކަމަށާއި ދެ މުޒާހަރާ، ހަތަރައަނގޮޅިއަކުން ބައްދަލުވި ވަގުތު އިސްވެ ގަޔަށް އަތްލީ އަދާލަތުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެމްޑީޕީގެ މުޒާހަރާގައި އޭނާ ވެސް ބައިވެރިވި ކަމަށާއި ނަމަވެސް ހަމަނުޖެހުން ހިނގި ވަގުތު އޭނާ ނެތް ކަމަށެވެ.
އިއްޔެގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ތިން މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. ވައިކަރަދޫ ސިއްޙީ މަރުކަޒުން މިއަދު ބުނީ މުޒާހަރާގައި އަނިޔާލިބުނު ތިން މީހުންނަށް ފަރުވާ ދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.