11 May 2020, 09:33
" فَإِنَّ مَعَ الْعُسْرِ يُسْرًا ޝުއަލީ ވިތް ޑިފިކަލްޓީ ކަމްސް އީޒް..."
"ފާޑުފާޑަށް އިންޒާރުދޭނެ ކަމެއްނެތް. މެރީކުރަންޏާ ކުރޭ. ދެމީހުންނަށް އުދަގޫވާނީ ހަމައެއްވަރަށް.." އާލިޔާ ނުރުހުމާއެކު ބުނެލިއެވެ.
"ކާކު؟ " މިންކާ އެހިއެވެ. އާލިޔާ ފޯނު ކަނޑާލުމަށްފަހު މިންކާއަށް ނަޒަރު ހުއްޓާލިއިރު އެ ވާހަކަ އިތުރަށް ސިއްރުކުރުމުގެ މާނައެއް ނެތްކަން އެނގުނެވެ. އަރްސަންގެ ކައިވެނީގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށާ އެ ޚިޔާލުން ސިކުނޑި ހަލަބޮލިވެފައިވާ މިންވަރު އާލިޔާ ކިޔާދިނެވެ. މިންކާގެ ހިތް ހުއްޓުނު ވަގުތުކޮޅަކަށްވިޔަސް ހިތުގެ ޝުއޫރުތައް އޮއްބާލުމުގައި ކާމިޔާބުކޮށްފިއެވެ. ހިތުގައި އުފެދިގަތް ހަސަދަވެރިކަމަށްވެސް ފައިން އެރިއެވެ. ނަމަވެސް އަދާގެ ކަންފަތާއި ހަމަޔަށް އެޚަބަރު ފޯރަން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަދާއަށްވެސް ލިބުނީ ޝޮކެކެވެ. ވަގުތުން ދުވެފައި އައިގޮތަށް އާލިޔާގެ ދެއަތުގައި ހިފެހެއްޓުނެވެ.
"އާލިޔާ ނޫނެކޭ ބުނޭ."
"އަދާ. އަހަންނަށް މަޖުބޫރު..." އާލިޔާބުނެލިއެވެ.
"ކޮންކަމަކާ.."
"މަޖުބޫރުވީ އޭ މިބުނީ މިފަދަ ކޮންމެ ކަމެއް ކުރަން އޮންނަ އުސޫލުގައި މިހިފަނީ. މާތްﷲއަށް ތަވައްކަލުކޮށް އިސްތިޚާރާކުރުމާއި ސާލިހު ފިރިއަކަށް އެދި ދުޢާކުރުން. އިސްތިޚާރާ ޕޮޒިޓިވް ވެއްޖެއްޔާ އެކަމުގައި ހިކުމަތެއްވާނެ. ކޮންމެފަދަގޮތަކަށް އުޅޭ މީހެއް ނަމަވެސް އިސްލާހުވެ ސާލިހު މީހަކަށް ވެވިދާނެ. އަރްސަންއަށް ނޫނެކޭ ނުބުނެ ވަރަށް އިސްތިޚާރާކޮށްފިން. އަދި އެއާއެކު އެހެން މަޖުބޫރީއެއްވެސް އެބަވޭ..." އާލިޔާ އެ ވާހަކަ ހާމައެއް ނުކުރިއެވެ.
"އޭނަ އެތީސްޓަކަށް ވެއްޖެއްޔާ....." އަދާ އެހިއެވެ.
"ތިބުނީ ކީކޭ؟ " އާލިޔާ ކަންބޮޑުވިއެވެ.
"މިބުނީ އަހަރެންވެސް އަރްސަން ދެކެ ވަރަށް ލޯބިވީމޭ. ކައިވެނި ކުރި ވަގުތުކޮޅު ނޫނެކޭ ބުނެފައި ދާން ޖެހުނު ސަބަބު މިހުރިހާ ދުވަހު ސިކުނޑީގެ އެންމެ އަނދިރި ކަނުގައި ފޮރުވާފައި ބޭއްވީ. ނަމަވެސް މިހާރު އާލިޔާއަށް ފައުޅުކުރަން އެބަޖެހޭ. ސަބަބަކީ އެތީސްޓަކާއި މުސްލިމަކަށް ކައިވެނި ކުރެވޭނެތަ؟ އަދި އަހަރެން އެ ކައިވެންޏާ އިންކާރުކުރިއިރު އަހަންނަކީ ދީނަށް އުޅުނު މީހެއްނޫން. ހިދާޔަތުގެ އަލިކަމުގެ ތެރެއަށް ކިރިޔާ އޭރު ލޯ ހުޅުވުނީ. އާ ދުނިޔެއަކަށް އުފަންވިފަދައިން. އާލިޔާ. ގަބޫލުނުކުރެވެންޏާ އަރްސަން ދައްކާފައި ހުރި ވާހަކަތައް އަދިވެސް ފޯނުގައި އެބަހުރި...ސްކްރީންޝޮޓްތައް. އަރްސަންއަކީ ދީނަކަށް އުޅެން ކީއްކުރަން އިލާހަކު ވާކަމަށް ގަބޫލުކުރާ މީހެއްނޫން....." އަދާގެ ވާހަކަތައް އަހަން ހުރި އާލިޔާގެ ގައިން ހީބިހި ނަގާލައިފިއެވެ.
އަަޔާޒްވެސް ހުއްޓިފައި ތިންކުދިން މަޝްވަރާ ކުރަނީ ކޮންކަމަކާ ތޯ ސުވާލުކުރިއެވެ.
ހަގީގަތް ކިޔައިދިނީ އާލިޔާއެވެ. މިންކާގެ ހިތަށް ކެތްނުވެގެން ދެއަތް އުނގުޅަމުން ދުރަށް ހިނގައިގެންފިއެވެ. ސިޓިންރޫމްގައި އިން މާމަ ގާތު އިށީދެފައި ބައްދާލަމުން މާމައަށް ހުރިހާ ވާހަކަތަކެއް ކިޔާދޭންފެށިއެވެ. އޭނައަކީވެސް މާމަ ދަރިއެއްކަމަށާއި އޭނައަށް މިހާ ބަދުނަސީބުގޮތްތައް މެދުވެރިވަނީ ކީއްވެހެއްޔޭ ކިޔާ ސުވާލުކުރިއެވެ. މަންމަ ފެނުމުގެ ނަސީބެއްވެސް ނުލިބުނޭ ބުނިއިރު މިންކާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ.
"ދޮންބެ. އޭނަ އަޅުގަނޑު ބްލެކްމެއިލް ކުރީ. އެހެންނޫންނަމަ ވަރަށް ހޭޓްކުރާ މީހެއް. ހަމައެކަނި ދޮންބެމެންނަށްޓަކާ އަޅުގަނޑު މެރީކުރަން އެއްބަސްވީ. ސަބަބަކީ....." އާލިޔާ އެވާހަކަ ދައްކަން ޖެހިލުންވިއެވެ. އަޔާޒް އެތައް ވަަރަކަށް ސުވާލުކުރުމުން ބުނީ އަރްސަން އަތުގައި އަދާގެ "އިންޑީސެންޓް" ފޮޓޯތައް ހުރީ ކަމަށާއި މީޑިއާއަށް ލީކްކޮށްލާނެ ކަމުގައެވެ. އަދާ ލަދުންގޮސް މަރުނުވީ ކިރިޔާއެވެ. އަޔާޒް އޭނައާއިމެދު ދެކޭނެ ގޮތެއްވެސް ނޭގެއެވެ. ނަމަވެސް ހަގީގަތަކީ އަރްސަންގެ އަތުގައި އެފަދަ ބައިވަރެއް ހުންނާނެ ކަމެވެ.
"ބްލެކްމެއިލް ކޮށް އާލިޔާގެ ބޮލަށް އެރިގަނެ ކަންތަކަށް މަޖުބޫރުކުރިވިޔަސް އޭނައަކަށް މީޑިއާތަކަށް ލާކަށް ނުކެރޭނެ. ކޮންމެގޮތެއް ވިޔަސް އަރްސަން އެހާ ދަށް ފެންވަރަކަށް ވެއްޓިއެއް ނުގަންނާނެ އާލިޔާ..." އަދާ ޔަގީންކަން ދިނެވެ.
"ސޯ ހަމަ މިހާރުން މިހާރަށް ގުޅާފައި އިންކާރު މިކުރަނީ. ފާފަވެރި މުސްލިމަކަށްވި ނަމަވެސް އޭނައަށް ތައުބާވެ އުޅުން ބަދަލުކުރެވުނީސް. ނަމަވެސް އިލާހަކު ވާކަމަށް ގަބޫލު ނުކުރާ މީހާއަކީ އެއްވެސް އަގެއްނެތް ނަފްސެއް. ނުތާހިރު ފުރާނައެއް.................."
"އާނ އާލިޔާ އަހަރެމެން މުޅި ދުނިޔެއަށް ބޭޒާރުވިޔަސް ހެޔޮ. އެކަހަލަ އިންސާނަކާ ކޮއްކޮ އިންނާކަށް ނުޖެހޭނެ. ގުޅާފައި ބުނޭ...." އަޔާޒް ބުނެލިއެވެ.
***
އާލިޔާ ގުޅާފައި އަރްސަންއަށް ޖަވާބުދިނީ ފުދޭވަރަކަށް ހަރުކަށިގޮތަކަށެވެ. އަރްސަންއާއި އަދާގެ ފޮޓޯތައް މިވަގުތުވެސް ސޯޝަލް މީޑިއާއަށް ލާންވީ ކަމަށާއި އޭނަގެ ފަރުވާލެއް ނެތްކަމުގައެވެ. އެފަދަ ބްލެކްމެއިލް ކުރުންތަކުންވެސް އޭނަ ނަފްރަތު ކުރާ ފޫހި މީހަކާއި އިންނަން އެއްބަސް ނުކުރެވޭނެކަމުގައި ބުނެލިގޮތުން ކެރޭ އަންހެންކުއްޖެއްކަން ސާބިތުކޮށްދިނެވެ. އަރްސަން ފޯނު މުށުތެރޭ ލާ ބާރުކޮށްގެން އެނދުގައި އިށީދެގެން އިންއިރު ދެން ހަދަންވީ ގޮތަކާމެދު ވިސްނާ ފިކުރުކުރިއެވެ. އެންމެފަހުން ނިންމީ މާޒިންގެ އެހީ ހޯދާށެވެ. މާޒިން އާއި މަހުދީ އުޅުނީ ބިލިއާޑް ކުޅެން ކޮޓަރީގައެވެ. އެއްފަރާތުގައި ހުރި މޭޒުމަތީގައި ޕިއްޒާއާއި ކޮފީ ހުއްޓެވެ.
"ތަރާވީސް ދަމުވެސް ކުޅުން ނޫންކަމެއް ނެތީތަ؟ ނަމާދަށް ނުދަންތަ؟ " އަރްސަން އެހިއެވެ.
"ނަމާދު ނުކުރިޔަސް ފާފަ ފުއްސަވާނެ. އެއީ ރަހުމާންވަންތަ ރަހީމްވަންތަ މާތްﷲ. ތިއްތިއަށް އެނގޭތަ؟" މާޒިން ބުނެލީ ހީލަމުންނެވެ.
"އަހަރެންވެސް ތިކަން ގަބޫލުކުރަން. އޯލްމައިޓީ. ހީޒް ދަ މޯސްޓް ޕަވާފުލް. ހޫމް ޒިން. މިއުޅެނީ މާ ބޮޑުކަމެއް ދިމާވެގެން...." އަރްސަން މޭޒުގެ އަރިމަތީގައި އަތް ޖައްސާލައިގެން ހުއްޓުނެވެ.
"އަވަހަށް ކޮފީ ތަށްޓެއް ބޯލާ. ވަގުތުން ސްޓްރެސް ފިލާނެ.." މަހުދީ ކޮފީ ޖަގުން އާވިއަރާ ހޫނު ކޮފީއެއް ދިއްކޮށްލިއެވެ.
"ޓެލްމީ ދޮންބެ.." މާޒިންވެސް ކުޅުން ހުއްޓާލައިފިއެވެ.
"އާލިޔާ ރިޖެކްޓެޑް މައި ޕްރޮޕޯސަލް..." އަރްސަން ހީލިއެވެ.
"އޯހް.....ސޯ ވަޓް؟ އެއީ ދެން ކާކުތަ؟ ދެން ވަކި މަގުސަދެއްގައިވެސް ނިގާބީއަކާ ކައިވެނިކުރުން މަށަށް ދެން ވަރަށް ވިއާޑް. ސީރިޔަސްކޮށް ސޭމް. ނޫނީ މާ ރީތިވީމަ އަންހެންކުދިން ބިރުގަންނަނީތަ؟ އެމީހުންނަށްވުރެ ރީތިވީމަ....." މަހުދީގެ ވާހަކައާއި އެއްބައިވުމުގެ ގޮތުން މާޒިންވެސް ހިނިގަނޑެއް ޖަހައިލިއެވެ.
"މްމްމް...އެ އާލިޔާ ދޯ....އެއީ ވަރެއްގެ ކުއްޖެއްނު. ތިއްތިއަށް އޭނައަށް ފޯސްކުރަން ނޭގުނީކަމަށް ވާނީ....."
"ޒިން. ނޯ އަދާ އޮޕްޝަން. އާލިޔާ އެއްބަހެއްނުވި އެންޑް މާ ކުރިން ޒިންއަށް އާލިޔާ އާއެކޭ ބުނެފައެއްނު އޮތީ ދެޓް މީންސް ޝީ ސިކްރެޓްލީ ލައިކްސް ޔޫ ނޫންތަ..." އަރްސަން ބުނެލިއެވެ.
"ތިއްތި، އެކަމަކު......." މާޒިން މީރާގެ ވާހަކަ ބުނަން އުޅެފައި ގާތުގައި މަހުދީ ހުރިކަން ހަދާންވެ ހުއްޓާލައިފިއެވެ.
"ސޯ ޒިން މެރީ ހާ އެންޑް ޖަސްޓް ބްރިންގް ހާ ހިއާ. ލީވް ދަ ރެސްޓް ޓު މީ................" އަރްސަންގެ ނަޒަރުން އޭނަ ދޭން ބޭނުންވި މެސެޖް މާޒިންއަށް ނަގައިގަނެވިއްޖެއެވެ.
"ޑަން...." މާޒިން އަތާ އަތް ޖެހިއެވެ.
"އިޑިއަޓްސް. ދެން ކިހާ ބޮލަށް އުދަގޫ ކަމަކާ ތިއުޅެނީ؟ މެރިޖަކީ ކުޅިވަރެއްތަ؟ މިހެންބުންޏަސް އެބަ ވިސްނޭ. އަސްލު އަންހެންކުދިން ސޭމްއަށް ލަނޑުދިނީމަ އެކަމުގެ ބަދަލު ހިފަން ޔޫ ހޭވް އެވްރީ ރައިޓް. މީތި ބެކްފަޔާ ނުކޮށްފިއްޔާ ރަގަޅު. އެކަމަކު ލޯބިވާ މީހަކާއި އިނިއްޔާ ސޭމްއަށް މާ ފައިދާ ވާނެކަން ނޭގެއެއްނު. ސޭމްދެކެ ލޯބިވާ އަންހެންކުއްޖަކު ހުރިއްޔާ ކައިވެނި ކުރަންވީނު." މަހުދީ ބުނެލިއެވެ.
އަރްސަން ވަކިއެއްޗެކޭ ނުބުންޏަސް މަހުދީ އެ މާނަކުރީ މިންކާ ބާ ވައޭ ހިތަށް އެރިއެވެ. މަހުދީއަށް އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟
މާޒިންއަށް އަރްސަން ބުނި އެއްޗެއް އެނގުނެވެ. މާޒިން ވީ ނަމެއްގައި ކަައިވެނި ކުރާށެވެ. އެކަމަކު އާލިޔާވާންޖެހެނީ އަރްސަންގެ ހައްގެކެވެ. މޮޅު ރޭވުމެކެވެ. އާލިޔާ މާ ކިބުރުވެރީއެވެ. ތިމާއަށް ތިމާ ފެންނަން ވެއްޖެއްޔާ މިފަދަ ލަނޑެއް ދިނަސް ބޭއިންސާފެކޭ ނުބުނެވޭނެއެވެ. އަރްސަންގެ ވަކި މަދީކޮންކަމެއް ހެއްޔެވެ؟ އަދާވެސް މަކަރުހެދީއެވެ. އާލިޔާވެސް އަދާއަކާއި ތަފާތެއްނެތެވެ.
މާޒިންގެ ވިސްނުން ހުންނަނީ ތަފާތުކޮށެވެ. އޭނަ ޔަގީންކުރަނީ ފާފަކުރިޔަސް ސުވަރުގެ ލައްވަފާނެކަމަށެވެ. ހަގީގަތް ދެނެގަންނާކަށް އޭނައަކަށްވެސް މަަސައްކަތެއް ނުކުރެވެއެވެ. އޭނަ މަތިމަތިން ގުރުއާން ކިޔެވިއިރު ރަހުމަތުގެ އާޔަތްތައް ގިނައިން ފެނެއެވެ. އެއަށްވުރެ އިތުރަށް ދަސްކޮށް ދީން އުގެނޭކަށް ބޭނުމެއްނުވެއެވެ. މިވީގޮތުން އަނެއްކާ އާލިޔާ ކާމިޔާބު ކުރަން އިތުރު ހިތްވަރެއްލާ މިސްކިތަށް ގިނައިން ވަންނަންވީއެވެ. ތިއްތިބެއަށްޓަކާ މި އަންހެންކުދިންނާ ހަގުރާމަކުރަން އެބަޖެހެއެވެ. މިއީ ކުރަން ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް ނުކޮށްވާކަށް ނެތެވެ. އަރްސަންގެ ހިތާމަތައް ދެކެން ކުޅަދާނައެއް ނޫނެވެ.
ތިންމީހުންވެސް ހަރުކަށިފިކުރު ހުއްޓުވަން ކުރަންވީ ކަމަކާ ބެހޭގޮތުން ވާހަކަދެއްކިއެވެ.
***
މިންކާ ވިސްނަމުން ދިޔައީ އާލިޔާގެ ކާމިޔާބުގެ ސިއްރެވެ. ނިގާބީއަކަށްވެ ދުނިޔެއަށް އެކުއްޖާ ފަރުދާވެފައިވާއިރު ފިރިހެނުން އެހާވަރުން ހިތާވެ އިންނަން އަހަނީ ކީއްވެހެއްޔެވެ؟ ރައީސުންގެ ދަރިންނެވެ. އަންހެންކުދިން އެންމެ ހިތްއެދޭފަދަ ބައިވެރިންނެވެ. ދީންދެކެ ލޯބިވެ ސުންނަތަށް އުޅުމުން ކާމިޔާބުވީހެއްޔެވެ؟ އޭނަ އަރްސަންގެ ހިތާއި ހަމަޔަށް ފޯރަން އާލިޔާފަދަ މީހަކަށް ވާންވީ ކަން ނޭގެއެވެ. އަރްސަން ކާމިޔާބުވެއްޖެއްޔާ އޭނައަށް ދުނިޔެ މިލްކުވީއެވެ. ދުނިޔެއިން އެނޫން އުފަލެއްނެތެވެ. ސުންނަތުގައިވެސް ވީ ވަރަކުން ހިފަންވީއެވެ. ފުޅިން ކަރުތެރެއަށް ފެން އޮއްސާލަން އުޅެފައިވެސް ހަދާންވީ އާލިޔާ ބުނެދިން ވާހަކަތަކެވެ. ސުންނަތުގައިވާ ގޮތަށް އިށީދެ ކަނައަތުން ފެންތަށީގައި ހިފަމުން ބިސްމި ކިއެވެ. ފެންތަށްޓައް ބެލިއެވެ. ތިން ނޭވައިން ފެންތަށި ބޯލުމަށްފަހު އަލްހަމްދުކިއެވެ. ލޯގަނޑުކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައަށް ބަލަމުން ދުޢާކުރިއެވެ. ފާޚާނާއަށްވަދެ ފެން މާގަނޑަށް ދޫކޮށްގެން ހުރެވެސް ވިސްނިއެވެ. އޭނަ މިހެން ފެން އިސްރާފުކުރާއިރު ފެންފޮދެއް ނުލިބި ހަނަފަސްތަންތާ ތިބޭ ނިކަމެތި އިންސާނުން މަތިން ހަދާންކުރިއެވެ. އެމީހުންނަށް ރަހުމަތް ލެއްވުމަށް ދުޢާކުރެވުނެވެ. ނިއުމަތް ދެއްވާފައިވާ ވަރު ވިސްނެނީ އެފަދަ ނިކަމެތިންނާއި ތިމާ އަޅާކިޔުމުންނެވެ. އޭނަ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ދެން އޮތީ އާލިޔާގެ މައްސަލައެވެ. އާލިޔާދެކެ ރުޅި އަންނައިރު ލޯބިވެސް އެބަވެއެވެ. އޭނަ އުޅޭގޮތަށް އުޅެންވެސް ބޭނުމެވެ. ޔަގީނުންވެސް ތެދުމަގު ފެނުނުކަމުގެ ޝުކުރު އާލިޔާއަށެވެ. ހަގީގަތް ގަބޫލުކުރަން ފަސްޖެހުނަސް އެއީ އަމިއްލަ ކޮއްކޮއެކެވެ.
***
އަޔާޒު ވަޒީފާއިން ސަސްޕެންޑްކުރުމުން އޭނަ ހުރީ އެވާހަކަ ސިއްރުކޮށްގެންނެވެ. އޭނަގެ ކުށެއްނެތި މިހާ ބޮޑު ފިޔަވަޅެއް އެޅުމުގެ އެންމެ އަޑީގައި ހުންނާނީ ކާކުބާވައޭ ހިތަށް އެރިއެވެ. ޖިބްރީލް ފަހަރެއްގައިވެސް ނުފޫޒުގެ ބޭނުންކޮށްފާނެ ކަމެއް ނޭގެއެވެ. އޭނަ ޑޮކްޓަރުންގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާދިނީ އިހަށް ދުވަހުއެވެ. އަޔާޒްއަށް އެ މަގާމުދޭން ޖިބްރީލް އޮތީ އޭނަގެ ނަން ހުށަހަޅާފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު ހުރިހާކަމެއް އެކޮޅުކޮޅުން ޖެހީއެވެ. އޭނަގެ އިހުމާލު އޮތްކަމަށް ނިންމާ ބަލިމީހަކު ނިޔާވުން އޭނަގެ ބޮލުގައި އެޅުވިއެވެ. ސްކައި ހޮސްޕިޓަލުން އޭނައަށް ޖަވާބުދާރީވާން އެންގުމުން އޭނަ އެކަން ހިގިގޮތް ލިޔުނެވެ. ނަމަވެސް ތަހުގީގުކޮށް ނިމުނުއިރު ސްޕެޝަލިސްޓްގެ ކުށެއްނެތެވެ. ކުށްވެރިވީ އޭނައެވެ. ފައިސާނެތި އާއިލާ ބަލަހައްޓާނެގޮތެއް ނޭގުނަސް ކޮންމެވެސް މަސައްކަތެއް ކޮށްލެވިދާނެ ނޫންހެއްޔެވެ؟ އޭނަ ހެއްދެވި ފަރާތަށް ދުޢާކޮށް ވަކީލުކުރިއެވެ.
އަދާއާއި އާލިޔާ މިއަދު ބަހާލައިގެން ކާ އެއްޗެހި ހަދަން ނިންމިއެވެ. އަދާއަށް ޖެހުނީ ޖޫހާއި ޕޭންކޭކްސް ހަދާށެވެ. އޭނަ މަސައްކަތް ފަށާއިރަށް އަޔާޒް އައެވެ. އަދާ ބިސްތައް ތަޅަންވެސް އެހާ ނުފަރިތައެވެ. ފުށްފުރޭނުމަކީވެސް ވޭނެކެވެ. އަޔާޒް ހުރުމުން ވަކިން ލަދުގަތެވެ.
"އައިމް ނިއު ޓު ދިސް..."
"އަހަންނަށް އެނގޭ. އެހެންވެ ހެލްޕްވާން އައީ. ކަރާ ކޮށާލަދޭނަން. އާލިޔާވެސް އެންމެ ވަގުތު ނަގާނީ އެއްޗެހި ކޮށަންވީމަ........." އަޔާޒު ހިނިތުންވެލިއެވެ.
"ތެންކިއު..." އަދާގެ ހިތް ތެޅިލިއެވެ. ހާދަ ރަގަޅޭ ހިތަށް އެރިއެވެ. ހުރިހާ ފިރިން މިހެނެއް ނުވާނެއެވެ.
"އެވަރުކަމެއް ނޫނެއްނު."
"ފައިވް ޑޭސް އަށް ޗުއްޓީ ނަގާފައި މިއަދުވެސް ގޭގައި. ލީވް އެކްސްޓެންޑްކުރީ؟ " އަދާ އެހިއެވެ.
"މްމް. ސަމްތިން ލައިކް ދެޓް.." އަޔާޒްގެ ހިނިތުންވުން ފިލިއެވެ.
އިރުކޮޅެއް ނުވެ އާލިޔާ ދޮރުން ބޯ ދިއްކޮށްލިއެވެ. މިންކާ އައުމުން އޭނަ އައީ މިންކާ މާމަގާތު ބަހައްޓާފައެވެ. މިންކާ މާމައާއި ހެދި އުޅޭވަރުން އޭނަވެސް ހައިރާންވެއެވެ. އަމިއްލަ މާމައެއް ނެތުމުން އެހެން އުޅެނީކަމަށް ވެދާނެއެވެ. މިގޭތެރެއިން ފެންނަނީ އުފާވެރި ހިތްހަމަޖެހޭ މަންޒަރުތަކެވެ. އަޔާޒްއާއި އަދާވެސް އެހާ ގުޅިގެންނެވެ. މިހެން ވެދާނެކަމަކަށް އާލިޔާ ހީނުކުރެއެވެ. ނަމަވެސް އޭނަގެ ދޮންބެވެސް ވާޖިބު އަދާކުރަން އެބަ މަސައްކަތްކުރޭތާއެވެ. އެންމެފަހުން ދޮންބެއަށްވެސް ކައިވެނީގެ ބާއްޖަވެރި ދުވަސްތަކެއް މިންވަރުކުރެއްވީއެވެ. ހުރިހާ ހަމްދެއް މާތްﷲއަށެވެ. އާލިޔާ ކުއްލިއަކަށް ސިހޭގޮތްވީ މާޒިންގެ ވައިބާ މެސެޖްފެނިފައެވެ. އޭނަގެ ޚިޔާލު ބަދަލުވެއްޖެކަމަށާއި އާލިޔާއާއި އިންނަން ބޭނުންވާކަމަށް ބުނެފައި އޮތެވެ.
"އަހަންނަކީ ކުޅެން ބުދެއްތަ؟ ފަހަރަކު މީހަކު އިންނަން އަހާފައި. ސޮރީ މާޒިން. ދެނެއް އެއްބަސްވެވޭކަށް ނެތް. ދޮންބެވެސް ހުއްދައެއް ނުދެއްވާނެ. މިހާރު ތި ޚިޔާލު ދޫކޮށްފިން." އާލިޔާ ނުރުހުންވިވަރުން ފޯނުވެސް ނިވާލައިފިއެވެ. އެކަމަކު އޭނައަށް އެ ޚަބަރު މިންކާ ގާތު ނުބުނެ ނުހުރެވުނެވެ. މިންކާއާއި ކޮންމެ ކޮންމެ ވާހަކައެއް ދައްކާލެވޭހާ ގާތްވެއްޖެއެވެ.
"މަ ބުނެފާނަން ވާހަކައެއް. އަރްސަންއަކީ ނިކަން ފާޑެއްގެ މީހެއް. އެނގޭތީ މިބުނަނީ. އޭނަ ރިޖެކްޓްކުރީތީ ރިވެންޖް ނަގާނެކަން ޔަގީން. އާލިޔާ ސަލާމަތްވާނީ ހަމަ އެންމެ ގޮތަކުން. މާޒިންއާއި މެރީކުރޭ. ފަހަރިއަށް ވީމަ ފާޑުފާޑަށް އުޅޭކަށް ނުކެރޭނެ. ކޮންމެ ގޮތެއްވިޔަސް އެ ބްރަދާސްއިން ވަރަށް ލޯބިން އުޅޭނީ. އެކަކު އަނެކަކަށް ވަރަށް ރެސްޕެކްޓްކުރުމާއި ލޯބި އޮވޭ. އެމީހުން އެކަންޏެއް ނޫން. މުޅި އެ އާއިލާ ވަރަށް ލަވިން. އެގޭ މާމައާއި ކާފަވެސް ވަރަށް ހެޔޮ. އެހާ މުއްސަދި މާތް ޚާންދާނަކަށްވީއިރު ބޮޑާކަމެއް ނުހުރޭ. ސޯ ތި ޗާންސް ނަގާނުލާ. ޕްލީޒް އާލިޔާ." މިންކާ އެހާ އާދޭސްކުރީ އަމިއްލަ މަސްލަހަތުވެސް ހިމާޔަތްކުރުވާށެވެ.
"ޒިން ތަފާތުވާނެ. ހިޒް ކެރެކްޓާ އިޒް ސޯ ބިއުޓިފުލް. އަރްސަންހެން ސީރިޔަސް އެއްވެސް ނޫން. އަހަރެންގެ ޅިޔަނަކަށްވާން އުޅުނު ކުއްޖެއް. އަނެއްކާވެސް........" މިންކާގެ ދުލުން އޮޅިގެން ސިއްރު ފައުޅުނުކުރެވުނީ ކިރިޔާއެވެ. ވިސްނައިލުމުން އޭނައާއި މީރާ އަދި އާލިޔާއަށްވެސް މިއުޅެވުނީ ހަމަ އެއްބަނޑު އެއްބަފާ ދެފިރިހެނުންނާ ހެދިކަން ވިސްނުނެވެ. އަޖައިބެއް ނޫން ހެއްޔެވެ؟ ތިން އަންހެންކުދިންވެސް ހިތް ކިޔަނީ އެއް ބަޔަކަށެވެ. މީރާ ނެތުމުން އާލިޔާއަށް މާޒިން ލިބި އޭނައަށް އަރްސަން ލިބުމުން ތަސްވީރު ފުރިހަމަވެދާނެއެވެ. އެނޫނިއްޔާ މި އާއިލާއަށް ދުވަހަކު ހަމަޖެހުމެއް ނުލިބޭނެއެވެ. އެއަށްވުރެ އޭނަ މިވަނީ އަރްސަންއަށް މޮޔަވެފައެވެ.
އާލިޔާގެ ހިތަށްވެސް އެބަސްތަކުން ޖާދޫއެއްފަދަ އަސަރެއްކޮށްފިއެވެ.
އޭނަގެ ހިތުގެ ކަނެއްގައި މާޒިންއަށްޓަކާ ކޮންމެވެސް ވަރެއްގެ އިހުސާސްތަކެއް ވެއެވެ. މިންކާގެ ވާހަކައިން އެ އިހުސާސްތައް ހޭލައިގަތެވެ. މިންކާ އެބުނާހެން އަރްސަން ދެވަނަފަހަރަށްވެސް އުދަގޫކުރަން އައިސްދާނެ ހެއްޔެވެ؟ އެހާ ލޯބިން އުޅޭ އަޚުންނަކަށް ފަހަރިންނާއި ހިތާވާން ނުކެރޭނެއެވެ. އަދި އުޅެވުނަސް ސިއްރު ކުރާނެތާއެވެ.
އެންމެ ރަގަޅެވެ. އިސްތިޚާރާކުރާނީއެވެ. އޭނަ ދޮންބެގެ ލަފާވެސް ހޯދާނެއެވެ.
މާޒިން ދޫނުކޮށް ވައިބާކުރަން ފެށުމުން އާލިޔާ އެންމެ ފަހުން ޖަވާބުދިނެވެ.
"ޝަރުތެއްގެ މަތިން...."
"ކޮންކަމެއް ހާސް ޝަރުތާއި ގަބޫލު.." މާޒިން ޓައިޕްކުރިއެވެ.
"އަރްސަން ފެންނަ ހިސާބުގައި ނޫޅެވޭނެ. މެރީ ކޮށްގެން މިގޭގައި އުޅޭނީ. ސްކައިޕެލެސްއަކަށް ނުދެވޭނެ..." އާލިޔާ ލިޔުނެވެ.
"ހުވާކޮށްފައި މިބުނަނީ ތިގޭގައި އަހަރެމެން ދިރިއުޅޭނީ...އާލިޔާ ބުނި ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން މިދިނީ..." މާޒިންގެ ޖަވާބުން އާލިޔާއަށް ހިނިތުންވެފައިވާ އިމޯއެއް ފޮނުވުނެވެ.
"ތީގެ މާނައަކީ އާއެކޭތަ؟" މާޒިން ހިނިއައެވެ.
އަރްސަންއާއި މާޒިން ދެމީހުންގެ ބޯ ޖެހޭހާ ކައިރީ ހީހީ ތިބިއިރު މާޒިންގެ ފޯނު އޮތީ އަރްސަން އަތުގައެވެ.
"މި އަންހެންކުދިން މޮޔަހައްދާލަން ހާދަ ފަސޭހައޭ ދޯ." އަރްސަން މާޒިން އަށް ބަލާލަމުން އެއް ބުމަ އެރުވިއެވެ.
"މިބުނީ އަދި އާއެކޭއެއް ނޫން. އާއެކޭ ބުނުމަކީ ތިހީކުރާހާ ފަސޭހަކަމެއް ނޫން..." އާލިޔާގެ މެސެޖް އައެވެ.
އަރްސަން ފޯނު ދިއްކޮށްލުމުން މާޒިން މޭޒުމަތީ ފޯނު ބޭއްވިއެވެ. ސޯފާގައި ހަށިގަނޑު ދަމައިލީ އަރްސަންގެ އުނގުގައި ބޯ އަޅާލައިގެންނެވެ. އަދި ބަނޑުމަތީގައި އޮތް ކުޝަން މަތީ ލުއިކޮށް އަތް ބާއްވާލަމުން އަރާމުވެލިއެވެ.
"ތިއްތިއަށް އެނގޭތަ؟ މަންމަމެންނަށް އަދި ފަޚުރުވެރިވެވެނީ އެކަނި ދޮންބެއާއިމެދުގައި. ޖިބްރީލް ސުޕަސްޕެޝަލިސްޓަކަށް ވެގެން އަންނާނެ ދުވަހަކީ މަންމަގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަހޭވެސް ބުނި. މީޑިއާތަކުގައިވެސް ރައީސްގެ ދަރިން މަސައްކަތެއްނުކުރާ ވާހަކައާއި އުޅުމެއް ނެތް ވާހަކަތައް އެހުންނަނީ. އެކަމަކު ރާހިލްވެސް ޗޭންޖެވެއްޖެ. ކައިސް ބުނާގޮތުން ރާހިލް އިސްލާމިކް ރިޒޯޓެއް ހެދުމުގެ މަސައްކަތް ގާތްގަނޑަކަށް ނިންމާފައި ހުޅުވަން އެއުޅެނީ. ދެން ހުރި ތިއްތި. އަދި ބަޔަކަށް ނޭގުނަސް ޔަންގް ބިލިއަނަރެއް. ބޮޑުކުންފުންޏެއްގެ ސީއީއޯ. ދެން ހުރީ ޕުއާ މީ. ސްކައިހޮސްޕިޓަލުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުން އެ މަގާމު ލިބިއްޖެ. އުމުރުން އަދި ކިތަންމެ ހަގުވިޔަސް މިހާރު ދޮންބެ ބުނާފަދައިން ހަރުދަނާވެގެން މައިންބަފައިން ފަޚުރުވެރިކޮށްދޭން އެބަޖެހޭ. ދެން އޮތީ ލޯބީގެ ޗެޕްޓާ. ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި އެންމެ އުފާވެރި ކުލަތައް ޖައްސައިދޭނެ ފީލިންއަކީ ލޯބި. އެންމެންވެސް ލޯބި ބޭނުންވާނެ. މީރާ ފިޔަވާ އެހެން އެއްވެސް އަންހެންކުއްޖެއްދެކެ ދުވަހެއްގެ ކޮޅުންވެސް ލޯތްބެއް ނުވެވޭނެ. އަދި އެހެން ނިޔަތެއްގައި މި ކުރާ ކައިވެނިން އެންމެނަށް އުދަގޫތައް އުފުލަން ޖެހިދާނެ. އެކަމަކު އައިމް ޑުއިން ދިސް ހޯލް ކްރޭޒީ ތިންގް ފޯ ޔޫ. އާލިޔާއަށް ދެރަގޮތެއް ވާކަށް ނޭދެން. ޕްލީޒް ޑޯންޓް ހާޓް ހާ. އެއީ ހަމައެކަނި ރިކުއެސްޓަކީ........." މާޒިން އެއްލޯ ހުޅުވައިލިއެވެ. " ހިތަށް އެރި އެއްޗެއް ބުނަން؟ މިހެން އުޅެމުން އަދި ޔޫ ވިލް ފޯލް އިން ލަވް ވިތް ހާ އޭ....."
އަރްސަން މޯޅިއަކަށް ދެމިލިއެވެ.
"އާލިޔާގެ ބޭނުމެއް އަނެއްހެން އޮތީއެއް ނޫން. ހަމައެކަނި ބޭނުމަކީ އޭނަގެ ތުނބުޅިލީ ޑޮޓް ބޭބެއާއި އަދާއަށް އަހަރެންގެ ފަރާތުން ސަލާމަތް ވިޔަ ނުދިނުން...."
"މީންސް ރިވެންޖް. އަދާދެކެ ތެދުވެރި ލޯތްބެއްވީނަމަ ބަދަލުހިފާނެތަ؟ " މާޒިންއަށް ޝައްކުވިއެވެ.
"އައި ޑޯނޯ"
"މޭބީ ޔޯ އިގޯ އެންޑް ޕްރައިޑް އިޒް ހާޓް...އެހެންވެ ބަދަލުހިފުމުގެ ރޫހު ހިތުގައި އުފެދިގަތީ. އެނީވޭސް އައިމް ވިތް ޔޫ. އަދާގެ ދިރިއުޅުމުން ދުވަހަކު ދުރަށްނުގޮސް ކުރިމަތީ ހުރެވޭނެގޮތަކީ އާލިޔާގެ ހިތް ކާމިޔާބުކުރުން. މެރިޖަށް ފަހަށް އާލިޔާ ތިއްތިއަށް ފޯލްކުރަން ހަމަ ވެވުނުހާ މަސައްކަތެއްކުރާނަން. އޭރުން ހިޔަންޏެއްހެން އަބަދު އަދާ ގާތު ހުރެވޭނެ...." މާޒިން ވައުދުވިއެވެ." އަނެއްކާ އަޅުގަނޑު މިޖެހުނީ އޭނަގެ ހިތް އަތުލަން މަސައްކަތްކުރަން. ކުރީ ފަހަރު ވަރަށް ވަރުން އާއެކޭ ބުނީ..."
ދެބެން އާލިޔާގެ ދިރިއުޅުމަށް ތޫފާނެއް ގެންނަން ރޭވުންތައް ރާވަމުން ދިޔައެވެ.
***
އާލިޔާ ތަރާވީހަށްފަހު އަވަހަށް ނިދާފައި ދޭއްޖަހަން އުޅެނިކޮށް ހޭލައިގެން އަޅުކަމުގައި އޭނަ ނަމާދަށް ޚާއްސަކޮށްފައިވާ ކޮޓަރީގެ "ޕްރޭޔާ ކޯނާ"ގައި އިނެވެ. މުސައްލާމަތީގައި ގުރުއާން ކިޔަވާ ތަހަައްޖަދު ނަމާދުކޮށް ދުޢާކުރަން އިންއިރު މާޒިންމަތިން ހަދާންވެ އޭނަގެ ހިތަށް ސާބިތުކަން ދެއްވުމަށް އެދުނެވެ. ހަލާލުލޯތްބެއް ނޫން ގޮތެއް އޭނަގެ ދިރިއުޅުމަށް ގެންނާކަށް ބޭނުމެއްނޫނެވެ. ކައިވެނީގައި ބަރަކާތްލައްވާ އުފާވެރި ދިރިއުޅުމެއްލިބި ސާލިހު ދަރިންތަކެއް ލިބޭނީވެސް ހަލާލު ލޯބިން ކައިވެނީގެ ދިރިއުޅުން ފެށީމައެވެ. ހާރުކާންވެގެން އޭނަ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކާކޮޓަރިއާއި ދިމާލުން ވާހަކަދައްކާ އަޑުއިވިފައި ހިތަށް ފިނިކަމެއް ލިބުނެވެ. އަދާ އައިފަހުން އޭނަގެ ޒިންމާ ކޮންމެވެސް ވަރަކަށް ކުޑަވެއްޖެއެވެ. އެހެންނޫނަސް ދޮންބެގެ އެހީތެރިކަން ބޮޑުކަމުން ކުރާ ކޮންމެ މަސައްކަތެއްގެ އެއްކޮޅުގައި އޭނަ ހިފައެވެ.
އާލިޔާ ސަލާމް ގޮވާލާފައި ވަނެވެ. މޭޒުމަތީގައި ހުރީ ކާން ހަދާފައެވެ.
"އައި ހޭޑް އެ ބޭޑް ޑްރީމް...." އަދާ އާލިޔާގެ ގައިގާ ކުޑަކޮށް ބައްދަައިލިއެވެ."ހޭލެވުނީ ހަޅޭއްލަވައިގެންފާ އެންޑް ހިއާ ޔޫ އާ. ސަލާމަތުން ހުއްޓާ ފެނުނީމަ ވަރަށް އުފާވެއްޖެ. އަޔާ ބުންޏޭ ގޯސް ހުވަފެނެއް ފެނުނީމަ ހަދަންވާ ގޮތް. އަަވަހަށް އިށީދޭ ކާން. އާލިޔާއަށް ޕޭންކޭކް މީރުވާހަކަ ބުނީމަ މިހިރީ ބަހައްޓާފައި........."
އަދާ މޭޕްލް ސިރަޕްފުޅި ގާތްކޮށްލަދިނެވެ.
"ކޮންފަދަ ރަގަޅު ފަހަރިއެއް މާޝާﷲ. އެކަމަކު މިވަރަށް ޕެމްޕާ ކުރަންޏާ ދުވަސްކޮޅަކުން އަޅުގަނޑު ކަންނެތްވެދާނެ. ދޯ ދޮންބެ އެކަމަކު ދެން ވާ އުފާ ބަޔާންކޮށްދޭކަށެއްވެސް ނޭގޭ." އާލިޔާ ޕޭންކޭކަށް ސިރަޕްއަޅަން ފެށިއެވެ.
"އެފަހުން އެމީހުން ނުގުޅާތަ؟ " އަދާ އެހިއެވެ.
"މާޒިން ގުޅި..." އާލިޔާއަށް ދޮގުހަދާކަށް ނުކެރުނެވެ.
"އޭނައާއި މެރީކުރިއްޔާ ރަގަޅު. އެކަމަކު އަރްސަންއަކާ ނޫން.." އަރްސަންމެންގެ ރޭވުމުގެ ހިލަމެއްނުވާ އަދާއަށް އެކަން ބޮޑުކަމަކަށް ނުވިއެވެ.
"އެކަމަކު....ދޮންބެ ބުނީމެއްނު ވަލީދޭން ޖެހެނީ ބައްޕައޭ. ދޮންބެއަށް އެނގޭތަ؟ މިންކާގެ ބައްޕަައަކީވެސް މަންސޫރުއެއް........................." އާލިޔާގެ ޖުމްލައިން އަޔާޒުގެ ސަމާލުކަން ހުއްޓުނެވެ. ވަގުތުން ހިތަށް އެރީ މިންކާގެ ބުޅި އިސްތަށިގަނޑެވެ. އޭނަގެ ދައްތަ ހިރާގެވެސް އޮންނަނީ ހަމަ އެގޮތަށް ބުޅި އިސްތަށިގަނޑެކެވެ. އަޔާޒު ކުޑަކޮށް ކޮށި އަރާގޮތްވިއެވެ. ދެތިންފަހަރު ކެއްސާލާމުން ނޭވާ ހަމަޔަކަށް އެޅުނެވެ.
ނުނިމޭ