24 Dec 2011, 14:55
ކިއުބާ ސަރުކާރުން އެ ގައުމުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް 3000 މީހުންނަށް ދެ ވަނަ ފުރުސަތެއް ދޭން އެ ގައުމުން ނިންމައިފި އެވެ.
އިންސާނީ ހައްގުތަކަށް ރިއާޔަތްކޮށް 2900 މީހުން މިނިވަން ކުރުމަށް ކިއުބާ ސަރުކާރުން ނިންމީ ނަސޯރާ އިންގެ އެންމެ ބޮޑު ފާދިރީ ޕޯޕް ބެނެޑިކްޓް އެ ގައުމަށް އަންނަ ބަހާރުމޫސުމުގައި ކުރާ ޒިޔާރަތާ ގުޅިގެން ދޭ އަފޫއާއްމެއްގަ އެވެ.
ގައިދީން މިނިވަން ކުރުމަށް ނިންމެވިކަން ހާމަކުރައްވައި ކިއުބާގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ކިއުބާގެ ރައީސް ރައުލް ކާސްޓްރޯ ވިދާޅުވެފައި ވަނީ އެމީހުން ދޫކޮށްލުމަށް ނިންމީ ޕޯޕް އެ ގައުމަށް ކުރައްވާ ޒިޔާރަތާ ގުޅިގެން އެމީހުން ދޫކޮށްލުމަށް ކިއުބާގެ ކެތަލިކް ޗާޗުންނާއި އެ މީހުންގެ އާއިލާތަކުން ކުރި އިލްތިމާސަކަށް އިޖާބަދިނުމުގެ ގޮތުން ކަމަށެވެ.
ކިއުބާގެ ނެޝަނަލް އެސެމްބްލީގައި ތަގުރީރު ކުރައްވަމުން ރައުލްކާސްޓްރޯ ވިދާޅުވެފައި ވަނީ އެމީހުންނަށް މާފުދިނުމަކީ ކިއުބާގެ އިންގިލާބުގެ ވަރުގަދަ ކަމާއި އެގައުމުގެ ސަރުކާރުގެ ދީލަތިކަން ކަމަށެވެ.
( ދަ ޓެލެގްރާފް)