އިންޑިއާގެ 16 ސިޓީއެއްގައި ތިބި 234 ދިވެހީން މާދަމާ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީއިން މިރޭ ބުނެފައިވަނީ ރާއްޖެއަށް މާދަމާ އަންނަ ދިވެހީން ގެންނާނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީ އިން ކަމަށެވެ.

ދިވެހީން އަނބުރާ ރާއްޖެއަށް ގެންނާނީ މޯލްޑިވިއަންގެ އެއާބަސް މަތިންދާ ބޯޓާއި ޑޭޝް މަތިންދާ ބޯޓުގައެވެ.

އެގޮތުން އެއާބަސް މަތީންދާ ބޯޓު ދަތުރުކުރާނީ މާލެއިން ދިއްލީއަށެވެ. އަދި ދިއްލީއިން ޓްރިވެންޑްރަމް އަށެވެ. އަދި ޓްރިވެންޑްރަމް އިން މާލެ ރޫޓުގައި އެ ބޯޓު ރާއްޖެއަށް އަންނައިރު އެ ފްލައިޓު ޖައްސާނީ މާދަމާ މެންދުރުފަހު 1400 ގައި ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ޑޭޝް މަތިންދާ ބޯޓު ދަތުރުކުރާނީ މާލެއިން ޓްރިވެންޑްރަމަށެވެ. އަދި ޓްރިވެންޑްރަމް އިން އަނބުރާ މާލެއަށް އެ ފްލައިޓު ރާއްޖެ އަންނައިރު އެ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1315 ހާއިރުގައި ކަމަށްވެސް އެ މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ފްލައިޓުން ދަތުރުކުރާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން މިހާރު ދަނީ ދިއްލީ އަދި ޓްރިވެންޑްރަމަށް ދިޔުމަށް ދަތުރުކުރަމުން ކަމަށެވެ.

އަނބުރާ ރާއްޖެއަށް ގެންނަ މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.