ކޮރޯނާވައިރަހަަށް ޕޮޒިޓިވްވީ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ހއ. ތަކަންދޫއިން ސާމްޕަލް ނެގި ފަސް އަހަރުގެ ކުއްޖަކު ބައްޔަށް ޕޮޒިޓިވްވި އެވެ. އެއަށް ފަހު ދެން ހެދި ޓެސްޓުން އޭނާ ނެގެޓިވްވި އެވެ. ޔަގީން ކުރަން ތިން ވަނަ ފަހަރަށް ޓެސްޓް ހެދުމުން ވެސް އޭނާވީ ނެގެޓިވް އެވެ. ނ. މަނަދޫއަށް ނިސްބަތްވާ 83 އަހަރުގެ މީހެއްވެސް ފުރަތަމަ ހެދި ޓެސްޓުން ޕޮޒިޓިވްވި އެވެ. އެކަމަކު ދެވަނަ ޓެސްޓުން ވީ ނެގެޓިވް އެވެ. ޔަގީން ކުރަން ތިން ވަނަ ޓެސްޓް ހެދުމުން ލިބުނީ ޕޮޒިޓިވް ނަތީޖާ އެކެވެ.

މިޒާތުގެ އެންމެ ފަހުގެ ކޭހަކީ، މިދިޔަ ހުކުރު ދުވަހު އައްޑޫއިން މާލެ ފޮނުވި ބަލިމީހަކު ވެސް އައިޖީއެމްއެޗަށް ގެނެސް ޓެސްޓް ހެދުމުން ޕޮޒިޓިވްވުމެވެ. އެކަމަކު، ދެވަނަ ޓެސްޓުން އޭނާވީ ނެގެޓިވް އެވެ. އަދި އިތުރަށް ބެލި ބެލުންތަކަށް ފަހު، އޭނާ އަކީ ބަލި ނެތް މީހެއް ކަމަށް ނިންމި އެވެ. ފުރަތަމަ ޓެސްޓްގެ ނަތީޖާ އެއީ ނުބައި، ނޫނީ "ފޯލްސް ޕޮޒިޓިވް" އަކަށްވީ އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

މިކަމަކާ ހުރެ ބައެއް މީހުން ޝައްކާއި ވަހުމް އުފެއްދީ ރާއްޖޭގައި ޓެސްޓް ހަދާ ގޮތާ މެދު އެވެ. އަދި އެ ޓެސްޓްތަކަށް އިތުބާރު ކުރެވޭނެތޯ ބައެއް މީހުން ސުވާލު ކުރި އެވެ.

އެކަމަކު މިއީ ރާއްޖޭގައި އެކަނި ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ހުރިހާ ގޮތަކުން ވެސް ތަހުޒީބުގެ އެންމެ ކުރީގައި އުޅޭ ސިންގަޕޫރުގައި، ބަލި ނެތް 30 މީހެއްގެ ޓެސްޓް ޕޮޒިޓިވްވީ މައްސަލައެއް އިއްޔެ ފެންމަތިވި އެވެ. އަދި ކޮރޯނާވައިރަހުގެ މަސައްކަތުގައި ނަމޫނާ ގައުމެއްގެ ގޮތުގައި ބަލާ ސައުތު ކޮރެއާގައި ވެސް މިކަހަލަ އެތައް ސަތޭކަ ކޭސްތަކެއް ވަނީ ފެންމަތިވެފަ އެވެ.

ބަލި ނެތް މީހުންގެ ބަލި ހުރި ކަމަށް ޓެސްޓުން ދެއްކުން، "ފޯލްސް ޕޮޒިޓިވް" އަދި ބަލި ހުރި މީހެއްގެ ބަލި ނެތް ކަމަށް ޓެސްޓުން ދެއްކުން، "ފޯލްސް ނެގެޓިވް"ގެ މައްސަލަތައް މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ކުރިމަތިވަމުން މި އަންނަނީ ކީއްވެ ހެއްޔެވެ؟

ސާމްޕަލް ނެގޭގޮތާއި ގެންގުޅެވޭ ގޮތް ގޯސްވެދާނެ!

ކޮރޯނާވައިރަހުގެ އާއިލާއިން އުފަންވި ވައިރަހަކުން ޖެހޭ ކޮވިޑް-19 ހުރި މީހުން ދެނެގަތުމަށް ޓެސްޓް ހަދާ ގޮތް ވެސް ތަފާތެވެ. މި ވައިރަހުގެ ޓެސްޓު ހެދުމަށް ބޭނުން ކުރަނީ މޮލިކިއުލާ ޓެސްޓުތަކެވެ. ދުނިޔޭގެ ބޮޑެތި ފާމަސޫޓިކަލް ކުންފުނިތަކުން، މި ޓެސްޓްތައް ހެދޭނެ ކިޓުތައް އުފައްދާ ވަނީ ބާޒާރަށް ނެރެފި އެވެ. މިފަދަ ކިޓްތަކުން ވައިރަސް ހުރިކަން ދެނެގަންނަނީ، ނެގޭ ސާމްޕަލުން ޑީއެންއޭ ވަކިކޮށް، އޭގައި ހުންނަ ވައިރަހުގެ ސިފަތައް ހޯދައިގެންނެވެ.

ކޮވިޑަށް ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ ނޭފަތުގެ އެންމެ އެތެރެއިން އަދި ކަރުގެ ބުޑުންނެވެ.

އެމެރިކާގެ ޓެނެސީގެ ވެންޑާބިލްޓް ޔުނިވާސިޓީގެ މެޑިކަލް ސެންޓަރުގެ އިންފެކްޝަސް ޑީޒީޒް ސްޕެޝަލިސްޓް ޑރ. ވިލިއަމް ޝެފްނާ ވިދާޅުވެފައިވާ ގޮތުގައި ކޮރޯނާވައިރަސް ހުރި ނަމަ އޭގެ އޭއާރުއެންއޭ ލިނޭބީ އެ ހިސާބުންނެވެ.

"ނޭފަތުގެ ކުރީކޮޅުން އެއް ނޫން، ވަރަށް އެތެރެއިން ސާމްޕަލް ނަގަން ޖެހޭނީ. ސާމަލްގައި އޮންނަ މިއުކަސް [މަޑުކޮޅު] މި ވަކިކޮށްލަނީ ލެބަށް ފޮނުވައިގެން. ދެން މޮލިކިއުލާ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ބަލަނީ އޭގައި ވައިރަސް ހުރިތޯ ނެތްތޯ،" ޝެފްނާ ވިދާޅުވި އެވެ.

ކޮވިޑަށް ނޭފަތު ތެރެއިން ކަރުގެ ބުޑުން ސާމްޕަލް ނަގަނީ: ކަރުބުޑުން ސާމްޕަލް ނަގަނީ ޓެސްޓުކުރުމަށް ބޭނުންވާ މިއުކަސް ލިބެނީ އެ ސަރަހައްދުން ކަމަށްވާތީ -- އިލުސްޓްރޭޓް/ މެޑްވިސުއަލްސް

އޭނާ ވިދާޅުވި ގޮތުގައި އެހިސާބުން ނަގާ ސާމްޕަލްތަލްކުގައި ވަރަށް ކުޑަކޮށް ވައިރަސް ހުރުމުން ވެސް ފޯލްސް ނެގެޓިވް އައުމުގެ ފުރުސަތު އޮވެ އެވެ. އަދި ސާމްޕަލް ނަގާ ގޮތަކުންވެސް ފޯލްސް ނެގަޓިވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެތޮލޮޖީ އެންޑް ލެބޯޓަރީ މެޑިސިން ޕްރޮފެސާ ޑރ. ލޯ ހާރޯޑް ހިލްބާން ވިދާޅުވި ގޮތުގައި އަސްލު ނަތީޖާއެއް ލިބުމުގެ 30 ޕަސަންޓް ބިނާވެފައި އޮންނަނީ، ސާމްޕަލް ނަަގާ ގޮތުގެ މައްޗަށެވެ.

ޑރ. ހިލްބާން ވިދާޅުވާ ގޮތުގައި، ނުބައި ނަތީޖާއެއް ނިކުންނަ އަނެއް ގޮތަކީ ސާމްޕަލް ނަގައި ލެބޯޓަރީއާ ހަމަށް ސާމްޕަލް ދިޔުމުގެ މަރުހަލާގެ ތެރޭގައި ސާމްޕަލް ހޭންޑުލް ކުރެވޭ ގޮތުގައި މައްސަލަތަކެއް ހުރުމެވެ. އެކަން ކުރަން ނުޖެހޭ ގޮތަކަށް ކުރެވުމުން ސާމްޕަލް ކޮންޓެމިނޭޓްވެ، ނަތީޖާއަށް އޭގެ އަސަރު ކުރެ އެވެ.

"ސާމްޕަލް ނެގުމަށް އޯޑާ ކުރާ ހިސާބުން، ސާޕްލް ނެގުމާއި، ސާމްޕަލް ނެގުމަށްފަހު އެއްތަނުން އަނެއްތަނަށް ސާމްޕަލް ގެންދާ ގޮތާއި ލޭބާ ހަމަށް ސާމްޕަލް ދިޔުމުގައި ހެދޭ ގޯހަކުންވެސް ފޯލްސް ނެގަޓިވް ވުމުގެ ފުރުސަތު އޮވޭ،" ހިލްބާން ވިދާޅުވި އެވެ.

އެއްވެސް ޓެސްޓެއް އަބަދު މުޖައްރިބެއް ނުވާނެ!

ހިލްބަން ވިދާޅުވި ގޮތުގައި އެއްވެސް ޓެސްޓަކީ 100 ޕަސެންޓް މުޖައްރިބު އެއްޗެއް ނޫނެވެ. އެންމެ އިތުބާރު ކުރެވޭ ޓެސްޓެއްގައިވެސް ނުބައި ނަތީޖާއެއް ނިކުތުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ އެއްކޮށް ނައްތާލެވޭނެ ކަމެއް ނޫނެވެ.

"ދިރާސާތަކުން ދައްކާގޮތުން ސާމަޕަލްގެ ސެންސިޓިވިޓީ އަކީ 60-75 ޕަސެންޓް. މާނައަކީ، ސާމްޕަލް ލެބޯޓަރީއަށް ފޮނުވުމަށްފަހު، ބަލި ހުންނަ މީހަކު ޓެސްޓަށް ޕޮޒިޓިވް ނުވުމުގެ 25 ޕަސަންޓާއި 40 ޕަސަންޓް އޮވެދޭނޭ،" ފޯލްސް ނެގެޓިވްވާ ގޮތް އޮޅުން ފިލުވައިދެމުން، ޑރ. ހިލްބަން ވިދާޅުވެފައިވެ އެވެ.

ޗައިނާގެ ޑޮކްޓަރުން މިދިޔަ ފެބްރުއަރީ މަހުތެރޭ ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުން، އެ ގައުމުގައި ކޮރޯނާ ޖެހިފައި ތިބި 213 މީހުންގެ މެދުގައި ހެދި ދިރާސާއިން ދައްކަނީ ސާމްޕަލެއް ފޯލްސް ނެގަޓިވްވުމުގެ ރޭޓް 30 ޕަސެންޓް އޮންނަ ކަމަށެވެ. މާނައަކީ، ކޮވިޑަށް ޖެހިފައިތިބި 100 މީހުންގެ ތެރެއިން 14 މީހުންގެ ގައިގައި ވައިރަސް ހުރި ނަމަވެސް ނަތީޖާ ދައްކަނީ އެ މީހުން ކޮވިޑަށް ނެގެޓިވް ކަމެވެ.

ކޮރޯނާވައިރަހަށް ޕޮޮޒިޓިވްވެފައިވާ ސާމްޕަލްއެއް: އެއްވެސް ޓެސްޓަކީ މުޖައްރިބު ޓެސްޓެއް ނޫން --- ފޮޓޯ/ އޭއޭ.ކޮމް

ފަހުގެ ތަފާސްހިސާބުތަކާ ހަވާލާދީ، ފޯބްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާގައި ހަދާ ޓެސްޓުތަކުގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސަންޓް މީހުންގެ ޓެސްޓް ފޯލްސް ނެގެޓިވްވެ އެވެ. މާނައަކީ، 100 މީހުންގެ ތެރެއިން 15 މީހުންނަކީ ވައިރަސް ހުރި ނަމަވެސް ޓެސްޓްތަކުން ނެގެޓިވްވާ މީހުންނެވެ.

ޓެސްޓް ކުރުން ގިނަވެ، ކޮންޓެމިނޭޓްވުން!

ޓެސްޓެއްގެ ނަތީޖާ ފޯލްސް ނެގެޓިވްވުމުގެ ފުރަސަތު ބޮޑު ނަމަވެސް، ފޯލްސް ޕޮޒިޓިވްވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ކެނެޑާގެ ސައިންޓް ބޮނިފޭސް ހޮސްޕިޓަލުގައި މެޑިކަލް މައިކްރޯބައިލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ފިލީޕޭ ލަގާސޭ-ވިއެންސް ވިދާޅުވާ ގޮތުގައި މަދު އަދަދަކަށް ޓެސްޓް ކުރާ އިރު، ފޯލްސް ޕޮޒިޓިވްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

"ނަމަވެސް ގިނަ އަދަދަކަށް ޓެސްޓު ހަދާއިރު، ފޯލްސް ޕޮޒިޓިވްވުމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ދިމާވާ ކަމެއް،" ކެނެޑާގެ މަނިޓޮބާ ޔުނިވާސިޓީގައި އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން އަންނަ ޑރ. ފިލީޕޭ ލަގާސޭ-ވިއެންސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހާ ގިނައިން ޓެސްޓުތައް ހަދާއިރު، ކިތަންމެ ރަނގަޅު މެޝިނެއް ނަމަވެސް އެއް ސާމްޕަލް އިން އަނެއް ސާމްޕަލަށް ވައިރަސް ދިޔުމުގެ ނުވަތަ "ކްރޮސް ކޮންޓިމިނޭޓް" ވުމުުގެ ހަނި ފުރުސަތުތަކެއް އޮންނަ ކަމަށެވެ. އަދި އެއީ ފޯލްސް ޕޮޒިޓިވްވުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރަނީ: ޓެސްޓްގެ ނަތީޖާ ނުބައިވުމުގެ ފުރުސަތު އޮވޭ --

އެގޮތުން މެޝިނުން ޓެސްޓްކުރުމުގައި ސާމްޕަލްތައް ކްރޮސް ކޮންޓެމިނޭޓް ވުމުގެ ފުރުސަތު އޮންނަނީ ވައިރަސްގެ އަސަރު ވަރަށް ގަދަ އަށް ހުރި ސާމްޕަލްއެއް ފޯލްސް ޕޮޒިޓިވްވި ސާމްޕަލްއާ ޖެހިގެން ހުރުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހާލަތުގައި ފޯލްސް ޕޮޒިޓިވްވި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވިކަން ދައްކާނީ ވަރަށް "ވީކް ޕޮޒިޓިވް"ކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. މާނައަކީ އެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވުމުގެ ފުރުސަތު ހަނިވުމެވެ. ނޫނީ ކިރިޔާ ކިރިޔާ ޕޮޒިޓިވް ކަމަށް ދެއްކުމެވެ.

"ކިރިޔަ ކިރިޔާ މިގޮތަށް ނަތީޖާ ޕޮޒިޓިވްވާނަަމަ، ދެވަނަ ޓެސްޓެއް ހަދަން ޖެހޭ ކަމުގެ ހިންޓެއް އެއީ. އަދި އެއާ ޖެހިގެން ހުރި ސާމްޕަލް ވަރަށް ވަރުގަދައަށް ޕޮޒިޓިވްވެފައި ހުރި ނަމަވެސް ބަލަން ޖެހޭނީ މިގޮތަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފޯލްސް ޕޮޒިޓިވްއަށް ޝައްކު ކުރެވިގެން ލެބްތަކުގައި އަމަލު ކުރަމުންދާ ގޮތަކީވެސް މިއީ ކަމަށެވެ.

ބައެއް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ސާމްޕަލް ނަގާއިރުވެސް އަދި ލެބްތެރެއިންވެސް ކްރޮސް ކޮންޓިމިނޭޓް ވުމުގެ ފުރުސަތު އޮވެ އެވެ.

ފޯބްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ކޮންމެ ޓެސްޓެއްގައިވެސް ފޯލްސް ޕޮޒިޓިވްވުމުގެ ޕުރުސަތަކީ އެއް ޕަސަންޓެވެ.

ރާޖޭގައި ހަދާ ޕީސީއާރު ޓެސްޓް ރަނގަޅުތަ؟

މާފުށީ ޖަލުގައި ކޮވިޑް ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ: ރާއްޖޭގައި މި ވައިރަހަށް ހަދާ ޓެސްޓަކީ ޕީސީއާރު ފޮޓޯ/ ކަރެކްޝަންސް

ރާއްޖޭގަައި ކޮވިޑަށް ހަދާ ޓެސްޓަކީ މޮސްޓް ޕޮލިމެރޭސް ޗައިން ރިއެކްޝަން (ޕީސީއާރު) ޓެސްޓެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަމަށް ގެންގުޅޭ އެންމެ އާންމު ޓެސްޓެވެ.

އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް)ގައި މަސައްކަތް ކުރައްވާ ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، ޓެސްޓު ހެދުމުގައި ބަލަނީ އެ ޓެސްޓެއްގައި "ސެންސިޓިވިޓީ އަދި ޕެސިފިސިިޓީ" އަށެވެ. މާނައަކީ ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ނިސްބަތުން ކިތައް ޕަސެންޓް މީހުން، ޓެސްޓަކަށް ޕޮޒިޓިވް ވޭތޯ ބެލުމެވެ. އަދި ކޮވިޑް ނުޖެހި ތިބި މީހުންގެ ތެރެއިން ނިސްބަތުން ކިތައް ޕަސަންޓް މީހުން ޓެސްޓުން ނެގަޓިވްކަން ދައްކާތޯ ބެލުމެވެ.

ޕީސީއާރު ޓެސްޓަކީ ޓެސްޓު ހެދުމުގައި ބަލާ މިންގަނޑުތަކުން ބަލާއިރުވެސް އިތުބާރު ކުރެވޭ މަތީ ޕަސެންޓޭޖެއްގެ ޓެސްޓެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ކޮންމެ ޓެސްޓެއްގައިވެސް އުޅޭނެ ކުޑަ ޕަސަންޓޭޖެއް [ނަތީޖާ ފޯލްސްވުމުގެ]. ލޯވަސް އިޒް 100 ޕަސަންޓް. އެހެންވީމަ ޓެސްޓް އަހަރުމެން ސެލެކްޓް ކުރަނީ ސެންސިޓިވިޓީއާއި ޕެސިފިސީޓީ ވީހާވެސް މަތިކޮށް ހުންނަ ޓެސްޓުތައް. ޕީސީއާރު އަކީ އެގޮތަށް ވަރަށް މަތީ ޕަސަންޓެއް ހުރި ޓެސްޓެއް، އެކަމަކުވެސް އޭގައިވެސް ހަނި ފުރުސަތު އޮވެދާނެ ފޯލްސް ނެގަޓިވް އަދި ފޯލްސް ޕޮޒިޓިވް އައުމުގެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ރާއްޖޭގައި މިގޮތަށް ކަންކަން ނުވުމަށްޓަކައި ވަރަށް ބޮޑަށް ކަންކަން މެއިންޓެއިންކޮށްގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެެވެ. އެގޮތުން ލެބްގެ ސްޓޭންޑަަޑްތައް ހިފަހައްޓައި ސާމްޕަލް ނަގަނީ އެކަމަށް ގާބިލް، ތަމްރީން ލިބިފައި ތިބި ޓެކްނީޝަނުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އައްޑޫ މީހާގެ ކޮވިޑް ނެތްކަން ޔަގީންކުރި!

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންއީއޯސީ

މިހާރު ބައެއް ރައްޔިތުންގެ ހިތުގައި އުފެދޭނެ ނުތަނަވަސް ކަމަކީ، ފޯލްސް ޕޮޒިޓިވްވި އައްޑޫ މީހާގެ ގައިގައި ހަގީގަތުގައިވެސް ވައިރަސް ނެތީ ހެއްޔެވެ؟ ރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ދެވަނަ ޓެސްޓަކީ ނެގެޓިވްކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އޭނާގެ ދެވަނަ ޓެސްޓް ނެގެޓިވްކަން ވަރަށް ބޮޑަށް ކަށަވަރު. ފުރަތަމަ ސާމްޕަލްގައި ޕޮޒިޓިވްކަން ދެއްކުން އެއީ އިޓް ހެޕެންސް ރެއާލީ [މަދުން ނަމަވެސް] ވާކަމެއް އެއީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އަފްޒަލްވެސް ވިދާޅުވީ، ލެބް ޓެސްޓިންގައި ފޯލްސް ޕޮޒިޓިވް ވުމަކީ އަބަދުވެސް އޮންނަ ފުރުސަތެއް ކަމަށާއި އެ ހަގީގަތް އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. މިފަދަ ކަންކަމުގައި އިތުރަށް ކުރެވޭނެ ކަމަކީ، އެކަން ނުވުމަށް ހަރުދަނާ ފިޔަވަޅުތައް އަޅައި އެފަދަ ކަމެއް ނުވާނެ ގޮތަށް އިތުރު ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި ރާއްޖޭގައި އެކަން ކަންބޮޑުވާ ދަރަޖައަކަށް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަލި ރަނގަޅުވާ ފަހުންވެސް ޕޮޒިޓިވްވެދާނެ!

ކޮވިޑް-19ގެ ބަލި ޖެހިފައިވާ މީހުން ރަނގަޅުވި ކަމަށް ބަލަނީ، އެ މީހުންގެ ބަލީގެ އަލާމާތްތައް ފިލައި ދެ ސާމްޕަލް ނެގެޓިވްވުމުންނެވެ. އެހެން ނަމަވެސް، ސައުތު ކޮރެއާގައި ބަލި ރަނގަޅުވެ ދޫކޮށްލި 100 އެއްހާ މީހުން އަނެއްކާ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެކަމާ ގުޅިގެން، ފުރަތަމަ ބެލެވުނީ ބަލި ފަސޭހަވާ މީހުންނަށް އަނެއްކާ ދެވަނަ ފަހަރަށް ވައިރަސް ޖެހެނީ ކަމަށެވެ. އެހެންވެ، ކޮވިޑް-19 އަށް އިންސާނުން އިމިއުން ވާ ކަމާ މެދުވެސް ސުވާލު އުފެދުނެވެ. މިކަހަލަ ކޭސްތަކާ އެކު އެކަން އޮތީ އަދިވެސް ސުވާލުތަކެއްގެ ތެރޭގަ އެވެ.

އެހެން ނަމަވެސް، މިފަހުން ޑަބްލިއުއެޗްއޯގެ އިސްނެގުމަކަށް ހެދި ދިރާސާއަކާ ހަވާލާދީ އޭއެފްޕީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބަލި ޖެހުމަށް ފަހު ފުއްޕާމޭ ރަނގަޅުވަމުންދާ އިރު މަރުވެފައިވާ ނުވަތަ ގެއްލުންވެފައިވާ އެތިކޮޅުތައް ފުއްޕާމެއިން ބޭރުކޮށްލަ އެވެ. އަދި ވައިރަހުގެ ޓެސްޓުތައް ޕޮޒިޓިވް ވަނީ އެތަކެތީގެ އަސަރު ކަރުތެރޭގައި ހުރުމުގެ ސަބަބުން ކަމަށް ވެދާނެ އެވެ.

ކޮރޯނާ ވައިރަހަށް ޓެސްޓް ކުރަނީ -- ފޮޓޯ/ އޭއެފްޕީ

ޑަބްލިޔުއެޗްއޯގެ ހެލްތް އެމާޖެންސީސް ޕްރޮގްރާމްގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ މާރިއާ ވަން ކާހޮވްވެސް ވަނީ ބަލިން ރަނގަޅު ވުމަށް ފަހު އަނެއްކާވެސް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނަ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ވަނަ ފަހަރަށް އެ ޕޮޒިޓިވް ވަނީ ފުއްޕާމޭ ރަނގަޅުވަމުން އަންނަ އިރު ބޭރު ކުރާ، މަރުވެފައިވާ ސެލްތަކުންނެވެ. އަދި އެއީ ވައިރަސް އަލުން ހަށިގަނޑުގައި އެކްޓިވޭޓުވުން ނޫން ކަމަށާއި އޭގެ ސަބަބުން އެހެން މީހުންނަށް ވައިރަސް ނުފެތުރޭނެ ކަމަށް މާރިއާ ވިދާޅުވި އެވެ.

އެހެންވެ، މީގެ ކުރިން ބަލި ޖެހުނުކަން ނޭނގި ބަލިން ރަނގަޅުވެފައި ހުރި މީހަކު ފުރަތަމަ ޓެސްޓް ހަދާއިރު ބައްޔަށް ޕޮޒިޓިވް ކަމަށް ދެއްކުމުގެ ފުރުސަތު އޮވެދާނެ އެވެ. އަދި ބަލި ރަނގަޅުވެ ދޫކޮށްލި މީހަކު ދުވަސްކޮޅެއް ފަހުން ޓެސްޓް ކުރާއިރު ޕޮޒިޓިވް ކަމަށް ދެއްކުމުގެ ފުރުސަތު އޮވެދާނެ އެވެ.

މިވައިރަހަކީ މުޅިންއާ ޒާތެއްގެ ވައިރަހަކަށް ވުމުން މިކަހަލަ އެތައް ހާލަތެއް ދިމާވެ، ޓެސްޓުން ނުބައި ނަތީޖާއެއް ނުކުތުމުގެ ފުރުސަތު އޮވެދާނެ އެވެ. މިވައިރަހުގެ ކަންކަން ކޮންމެ ގައުމަކުން ވެސް ދަނީ ދަސްކުރަމުންނެވެ. އެހެންވީއިރު، ކޮންމެ ދުވަހަކު ހަދާ އެތައް ސަތޭކަ ޓެސްޓެއްގެ ތެރެއިން، ވަރަށް މަދު އިންސައްތައެއް ނުބައި ވުމަކީ ޓެސްޓަށް އިތުބާރު ނުކުރަންވީ ސަބަބެއް ނޫނެވެ.