މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އަށް އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިއްޖެ އެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅުމަށްފަހު 2010 ވަނަ އަހަރު މެންސިޓީ އަށް ބަދަލުވުމަށް ފަހު އެކުލަބުގެ މެދުތެރޭގައި ހަރަކާތްތެރި ވަމުންދާ މުހިންމު ކުޅުންތެރިޔަކަށް ޓޫރޭ ވެފައި ވެއެވެ. ޕްރެމިއާ ލީގުގައި ކުޅެމުންދާ އެންމެ ނުރައްކާތެރި މިޑްފީލްޑަރުންގެ ތެރޭގައި ވެސް ޓޫރޭ މިހާރު ހިމެނެ އެވެ.

މެންސިޓީ އަށް މުހިންމު ކާމިޔާބީތަކެއް ހޯދައިނުމަށް ޓޫރޭ އެހީތެރިވެފައި ވެއެވެ. އެގޮތުން އެފްއޭ ކަޕް ސެމީ ފައިނަލުގައި މެންޔުނައިޓެޑް ކޮޅަށް ގޯލު ޖަހައިދިނުމާއި ފައިނަލުގައި ސްޓޯކް ސިޓީ ކޮޅަށް ގޯލެއް ޖަހައިދިނުން ފަދަ ބޮޑެތި ކާމިޔާބީތައް ހޯދައިދިނުމުގައި ވެސް ޓޫރޭ އެހީތެރިވެދީފައި ވެއެވެ.

މިއަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޔާޔާ ޓޫރޭ ހޯދީ ބާސެލޯނާގެ މާލި ކުޅުންތެރިޔާ ސޭޑޫ ކޭޓާ އާއި މާސޭލްގެ ގާނާ ކުޅުންތެރިޔާ އަންދުރޭ އަޔޫ އާއި ވާދަކޮށްގެން ނެވެ.

މީގެ ކުރިން އައިވަރީ ކޯސްޓްގެ ޑިޑިއާ ޑްރޮގްބާ ފިޔަވާ އެގައުމުގެ އެހެން ކުޅުންތެރިއެއް މިއެވޯޑު ކާމިޔާބު ކޮށްފައެއް ނުވެއެވެ. ޑްރޮގްބާ މިއެވޯޑު ކާމިޔާބު ކުރީ 2006 ވަނަ އަހަރާއި 2009 ވަނަ އަހަރު އެވެ.