އައްޑޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ދެވަނަ ޓެސްޓުން އެ މީހާ ބައްޔަށް ނެގެޓިވް ވުމުން، އައްޑޫގައި އިއްޔެ އިއުލާން ކުރި ލޮކްޑައުން އުވާލައިފި އެވެ.

އެޗްޕީއޭގެ އެންގުމަށް އިއްޔެއިން ފެށިގެން އައްޑޫ ލޮކްޑައުން ކުރީ ހިތުގެ މައްސަލައެއްގައި މާލެ ފޮނުވި ބަލި މީހަކު ކޮވިޑް-19 އަށް ޓެސްޓް ހެދިއިރު ޕޮޒިޓިވް ވުމުންނެވެ. އެއާ އެކު އައްޑޫ ލޮކްޑައުން ކުރީ، އިއްޔެއިން ފެށިގެން 14 ދުވަހަށެވެ.

އެހެން ނަމަވެސް، އައްޑޫއިން ޕޮޒިޓިވްވީ ބަލި މީހާގެ ޓެސްޓް ދެވަނަ ފަހަރަށް ހެދުމުން އޭނާ ވަނީ ބައްޔަށް ނެގެޓިވްކަން ހާމަވެފަ އެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން މިއަދު އައްޑޫ ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނީ، އައްޑޫ ލޮކްޑައުންކޮށްފައި ބާއްވަން ޖެހޭ ފަދަ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެން ކަމުން ލޮކްޑައުންގެ ފިޔަވަޅުތައް އުވާލުމަށް އަންގާ ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.

އެއާ އެކު، ގެއިން ބޭރަށް ނިކުތުމާއި ލަފާފުރުން މަނާކޮށްފައި އޮތް އޮތުން ސިޓީ ކައުންސިލުން މިހާރު ވަނީ އުވާލައިފަ އެވެ.

ލޮކްޑައުން އުވާލި ނަމަވެސް، ލޮކްޑައުންގެ ކުރީން އަމަލުކުރަމުން ގެންދިޔަ ގޮތަށް އައްޑޫ ސިޓީގައި އަމަލު ކުރާނެ ކަމަށް ޓާސްކްފޯސް އިން ވަނީ ބުނެފަ އެވެ. އެގޮތުން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުމަށް މަނާ ވާނެ އެވެ. އެއް އަވަށުން އަނެއް އަވަށަށް ދާން ބޭނުންވާ ނަމަ އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ އެވެ.

ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ ދެވަނަ ޓެސްޓު ހެދިއިރު ނެގެޓިވް ވެފައިވާ މީހަކީ ކ. އަނަންތަރާ ރިސޯޓެއްގައި މަސައްކަތް ކުރުމަށް ފަގު މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު މާލެއިން އައްޑޫ އަށް ދިޔަ މީހެކެވެ.

އަދި އެކަމާ ގުޅިގެން އެމީހާއާ ކޮންޓެކްޓުވި 26 މީހަކު އެކަހެރިކޮށްފައިވާ ކަމަށް އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. އޭގެތެރޭގައި ހަތް ޑޮކްޓަރުންނާއި 10 ނަރުހެއް ހިމެނެ އެވެ.