12 May 2020, 11:14
ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެ ހުއްޓި، "ނިއު ނޯމަލް" އަށް ގައުމުތަކުން ފަރިތަކުރަމުން އަންނަ އިރު، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ބެލަރުސްގައި އަދިވެސް އޮތީ އާންމު ދިރިއުޅުމެވެ. އެ ގައުމުގައި އެހެން ގައުމުތައް ފަދައިން ލޮކްޑައުން އެއް އިއުލާނެއް ނުކުރެއެވެ. އެއްވެސް އޮފީހެއް ވެސް ބަންދެއް ނުކުރެއެވެ. މި ކަންތައްގަނޑުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެ ނަސްރުގެ ދުވަހުގެ ޕެރޭޑު ވެސް ވަނީ ބާއްވައިފަ އެވެ.
ނަމަަވެސް އެ ގައުމުގައި ވެސް ހަލުވި ކަމާއެކު ބަލި އަންނަނީ ފެތުރެމުންނެވެ. މިހާތަނަށް އެގައުމުގައި 23,906 މީހަކަށް ބަލި ޖެހި 135 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ނަސްރުގެ ދުވަހުގެ ޕެރޭޑުގެ ތެރެއިން -- ފޮޓޯ/ރޮއިޓާސް
ބެލަރުސްގައި ބަލި ޖެހޭ މީހުންނާއި ބަލީގަައި މަރުވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، އެ ގައުމުގައި ތިބި 140 އެއްހާ ދިވެހި ދަރިވަރުންނާއި އެކުދިންްގެ ބެލެނިވެރިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ދަތުރުފަތުރު ހުއްޓިފައި ވާތީ އަނބުރާ ގައުމަށް ދެވޭނެ ދުވަހެއް ނޭނގެއެވެ. ދިރިއުޅެމުން އަންނަ ގައުމުގެ ހާލަތު ބަދަލުވެދާނެ ގޮތެއް ބުނަން ނޭނގުމުގެ ބިރުވެރިކަން ވެސް އެބައޮތެވެ.
"ވަރަށް ބިރުގަނޭ އެހާ ދުރުގަ ތިބޭތީ. އުންމީދުކުރަން އަވަހަށް ގޮތެއް ހަމަޖެހޭނެ ކަމަށް،" ބެލެނިވެރިޔަކު ބުންޏެވެ.
ސަރުކާރުން އެބަ މަސައްކަތް ކުރޭ، އަދި ގޮތެއް ހަމަ ނުޖެހޭ!
މި ބިރުވެރިކަމާ ހާސްކަމުގައި ދަރިވަަރުންގެ އިތުރުން، ބެލެނިވެރިން ވެސް ތިއްބައި ސޯޝަލް މީޑިއާގައި ފެތުރެން ފެށީ އެކުދިންނަށް ސަރުކާރުން އަޅާނުލާ ވާހަކައެކެވެ. އެކުދިންގެ ހާލު ސަރުކާރުން ބަލަމުން ނުދާ ކަމަށާއި ރާއްޖެ އަންނާނެ ގޮތެއް ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ވާހަކަ އެވެ.
އެހެން ގައުމުތަކާ ހިލާފަށް، ބެލަރުސްގައި ތިބި ދިވެހިން ގެންނަން ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވާހަކަ ދެކެވެން ފެށީ، ޔޫކްރެއިންގައި ތިބި 32 ދަރިވަރަކު ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުުމާ ގުޅިގެންނެވެ.
ޔޫކްރެއިންގައި ތިބި ކުދިން ގެނެވޭކަމުގައި ވާނަމަ، ބެލަރުސްގައި ތިބި ކުދިން ނުގެނެވެންވީ ސަބަބެއް ނެތް ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހަައްމަދު ވިދާޅުވީ އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑާލާފައި ވުމުގެ އިތުރުން، ބޯޑަރުތައް ބަންދުކޮށްފައި ވުމުގެ ސަބަބުން، ދަރިވަރުން ގެންނަން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"ނަމަވެސް ހަމަ ހުއްޓާނުލާ އެ މަސައްކަތް އެބަ ކުރެވޭ. ރާއްޖޭގެ އިތުރުންް ވެސް އެހެން ގިނަ ގައުމުތަކަށް ވެސް ވަނީ ބެލަރުސް އިން އެގައުުމުތަކުގެ މީހުން ނެރެން ދަތިތަކާ ކުރިމަތިވެފަ،" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ބެލަރުސްގައި ތިބި ދިވެހީންނާ، މުއާމަލާތު ކުރަމުން އަންނަ ކަމަށާއި ފްލައިޓެއް ހަމަޖެހެންދެން ބެލަރުސްގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދޭކަމަށެވެ. އަދި ޒަރޫރީ ކަމެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށެވެ.

ބެލަރުސްގެ ޕާކެއްގައި ބަޔަކު ވަގުތު ހޭދަކުރަނީ -- ފޮޓޯ/ގެޓީ
އެމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް ނުވަތަ ފޮރިން މިނިސްޓްރީއަށް އެންގުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.
އެކި ގޮތްގޮތަށް ވާހަކަތެއް ދެކެވުނު ނަމަވެސް، ސަރުކާރުން މިކަމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބެލަރުސްގައި ތިބި ބައެއް ދަރިވަރުން ގަބޫލުކުރެ އެވެ.
ބެލަރުސްގެ ގްރޮޑްނޯ ސްޓޭޓް މެޑިކަލް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަަރަކު "ސަން" އަށް ބުނީ އެގައުމުން ބަލި ފެންނަން ފެށުމަށް ފަހު ވެސް ކޮލެޖުތަކުގައި ކިޔަވައިދިނުން ކުރިއަށްދިޔަ ކަމަށެވެ. އަދި މެޑިސިން ކިޔަވާ ކުދިންގެ ތެރެއިން، ބައެއް ކުދިންގެ ކްލާސްތައް ހޮސްޕިޓަލުގައި ވެސް ކުރިއަށް ދިޔަ ކަމަށެވެ.
ހޮސްޕިޓަލަށް ނުގޮސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިގެން ދިޔައީ، އެ ޔުނިވާސިޓީގައި ކިޔަވާ އިންޑިއާ ދަރިވަރުންތަކެއް، ކްލާސްތައް ބޮއިކޮޓްކޮށް، ޔުނިވާސިޓީއަށް ދާން ދެކޮޅު ހެދުމުގެ ސަބަބުން، އެކަމަށް ސަރުކާރުތަކުން ވެސް އެދިގެންނެވެ.
އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ދަރިވަރުން ގޭގައި ތިބެގެން އޮންލައިންކޮށް ކްލާސް ކުރިއަށް ގެންދަން ކޮލެޖުގައި އެދުނު ކަމަށް އެ ދަރިވަރު ބުންޏެވެ.
އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެ ޔުނިވާސިޓީގެ ކުދިން ކްލާސްތައް ނަގަނީ އޮންލައިންކޮށެެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރަކަށް ނުނުކުމެއެވެ. ނުކުންނަން ޖެހުނު ނަމަވެސް ނުކުންނަނީ މާސްކް އަޅައި، ރައްކާތެރިވާން ކުރެވޭނެ ކަންކަން އަމިއްލައަށް ކޮށްގެންނެވެ.
ޔޫއެލް ފްލައިޓަކާ އެކު ކުޑަ އުންމީދެއް!
މިވަގުތު ރާއްޖޭގެ ހާލަތު ވެސް ގޯސްވަމުން އަންނާތީ، ސިއްހީ ދާއިރާއިން ކިޔަވަމުން އަންނަ ހުރިހާ ކުދިންގެ އެހީތެރިކަން ވެސް މިވަނީ ބޭނުންވެފައެވެ. ބެލަރުސްގައި ތިބި މެޑިސިން ކިޔަވާ ކުދިން ވެސް ތިބީ މަސައްކަތަށް ނުކުންނަން ރާއްޖެ އަންނަން ބޭނުންވެފައެވެ. އެކުދިންނަށް ރިލީޒް ދިނުމަށް ސަރުކާރުން ވަނީ ޔުނިވާސިޓީގައި އެދިފަ އެވެ.
އެހެންކަމުން ގްރޮޑްނޯގައި ތިބި ކުދިންގެ ތެރެއިން 65 ކުދިން މިހާރު ވެސް ތިބީ އެނބުރި ގައުމަށް އަންނަން ތައްޔާރުވެގެންނެވެ. ފްލައިިޓެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި ފުރަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހަމަކޮށް ތައްޔާރަށް ތިބުން ބުއްދިވެރިކަމަށް ފޮރިން މިނިސްޓްރީން އެންގުމާއެކު އެކުދިން ވަނީ ގައުމުން ބޭރުވާން ވިސާ ނަގައި، ގައުމަށް ހިދުމަތް ކުރަން އަންނަން އަތުކުރި އޮޅާލައިފައެވެ. ނަމަވެސް ހަމަޖެހިފައި ނުވަނީ ފްލައިޓެކެވެ.
ބެލަރުސްގައި ތިބި ސްރީލަންކާ ރައްޔިތުން ބަލާ މި މަހުގެ 20 ވަނަ ދުވަހު، މިންސްކް އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓެއް ޖައްސާނެއެވެ. އެ ފްލައިޓާ އެކު ބެލަރުސްގައި ތިބި ކުދިންނަށް ވަނީ ކުޑަ އުންމީދެއް ލިބިފަ އެވެ.

ސްރީލަންކަން އެއާލައިންގެ ފްލައިޓެއް -- ފައިލް ފޮޓޯ
ނަމަވެސް އެ ފްލައިޓުން ދިވެހިންނަށް ޖާގަ ލިބޭނެ ކަމެއް ނޭނގެ އެވެ. އެކަމާ މިހާރު މަޝްވަރާތައް ވެސް އަންނަނީ ކުރެވެމުންނެވެ. އެ ފްލައިޓުން ދިވެހިންނަށް ޖާގަ ލިބުނު ނަމަވެސް، ޓިކެޓު އުޅޭނެ ކަމަށް ބެލެވެނީ 1000 ޑޮލަރުން މަތީގަ އެވެ. އަދި ކޮލަމްބޯއިން މާލެ ދިއުމަކީ ވެސް އިތުރު މަރުހަލާއެކެވެ. އިތުރު ހަރަދެކެވެ.
މީގެ އިތުރުން އިނަ މޯލްޑިވްސް އިން އިސްނަގައިގެން، ޔޫއެލް މެދުވެރިކޮށް ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންނަށް ފްލައިޓެއް ބޭއްވޭތޯ ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
"ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން އިނަ މޯލްޑިވްސް އަށް. އެބޭފުޅުން އެބަ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާ އަޅުގަނޑުމެން ރާއްޖެއަށް ދެވޭނެ ގޮތް ހަދައިނުމަށް. މީގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދު ވެސް ވަރަށް ގާތުން އެބަ ބައްލަވާ. ސަރުކާރުން ވެސް އެބަ މަސައްކަތް ކޮށްދޭ،" ދަރިވަރަކު ބުންޏެވެ.
މި އަހަރުގެ ސަމާ ބްރޭކަށް ރާއްޖެ އަންނަން އިއްތިހާދު އަދި ގަތަރު އެއާވޭޒް އިން ޓިކެޓު ނެގި ކުދިންގެ ޓިކެޓުތައް ކެންސަލްވެފައިވާއިރު އެކަން މިހާރު ވަނީ އަންގައިފަ އެވެ. ޔޫއެލްގެ ފްލައިޓުން އަގުބޮޑުކޮށް ޓިކެޓު ނަގައިގެން ރާއްޖެ އަންނަން ބައެއް ކުދިން ތައްޔާރަށް ތިބި ނަމަވެސް، ބައެއް ކުދިންނަށް އެ ހަރަދު ކުރެވޭކަށް ނެތެވެ. ނަމަވެސް ގިނަކުދިން އަދިވެސް ތިބީ އަނބުރާ ގައުމަށް އައިސް ގައުމީ ހިދުމަތަށް ނުކުމެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.