މިދިޔަ ފެބުރިއަރީ މަހުގެ ތެރޭގައި ބަޔަކު ހުޅުމާލޭގައި ޓޫރިސްޓުންތަކަށް ހަމަލާދިން މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ރަނގަޅު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ ތަހުގީގުކޮށް އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕީޖީއިން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމަށް ލިބޭ ގާނޫނީ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ މައްސަލައިގައި ދައުވާ ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.

އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ހިންގާފައިވާ ގޮތާއި އެކަމުގައި އަމަލު ކުރި ގޮތް، ހޯމް މިނިސްޓަރާއި ރައީސް އޮފީހުގެ އިސް ލޯޔަރާކާ އަދި ފުލުހުންގެ އެކްސްޕާޓުން ބައިވެރިވި ޕެނަލަކުން އިއްޔެ ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގު ރަނގަޅު ކަމަށާއި ދައުވާ ކުރެވޭ ވަރަށް ހެކި ހޯދުމަށް އެކަށީގެންވާ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

"މި މައްސަލައިގައި ޕީޖީއާ ގުޅިގެން އިތުރު ގޮތްގޮތުން [ދައުވާކުރެވެން] ހުރިކަންކަން މި އަންނަނީ ބަލަމުން،" ކޮމިޝަނަރު ހަމީދު ޓްވީޓްކުރެއްވި އެވެ.

އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ "މޮނިކޮން އަމުރެއް" ނެރެފަ އެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިފަ އެވެ.

މި ދިޔަ ފެބުރުއައީ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތެއް އަދި އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، ހުޅުމާލޭގައި ބިދޭސީންނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ ހަތަރު މީހެއްކަމެވެ. އަދި އެމީހުން ހަމަލާދިނުމުގައި ބޭނުންކުރި ސައިކަލުތަކާއި، ވަޅިއާއި، އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނުތައް ފުލުހުން ހޯދި ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހުންގެ ދިރިއުޅޭ ތަންތަނާއި ގެންގުޅުނު އިލެކްޓްރޯނިކް ވަސީލަތްތައް އެނަލައިޒް ކުރިއިރު، އޭގެއިން ޓެރަރިޒަމަށް ހިތްވަރު ދޭ ޒާތުގެ ތަކެތި ވަނީ ފެނިފަ އެވެ.

ތަހުގީގައި ލިބުނު މި މައުލޫމާތުތަކަށް ބަލައި ފުލުހުން ނިންމީ، އެ ހަމަލާތަކަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ސެލްއަކަށް ނިސްބަތްވާ ބައެއް ހިންގި ކަމެއް ކަމަށެވެ. އަދި އެ މީހުން އެ ހަމަލާދިނުމުގެ ބޭނުމަކީ، ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނާ ގުޅިގެން އެ އޮޕަރޭޝަން ހުއްޓާވާލަން މަޖުބޫރު ކުރުވުމެވެ.