10 May 2020, 15:24
ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ޓަކައި ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ.
އެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް ހަނގުރާމަ ކުރާ މި ދަނޑިވަޅުގައި އަމާޒަކީ ކުޑަކުދިން އެ ބަލިން ރައްކާތެރިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އޭގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތައް ނައްތާލުމަކީ މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއާއެކު ކުޑަކުދިންނަށް ރަނގަޅު ކާނާ އާއި ތައުލީމު ލިބޭކަން ކަށަވަރު ކުރުމާއި އެކި އަނިޔާތަކުން ސަލާމަތްކޮށް ކުޑަކުދިންނަށް އުފަވެރި މުސްތަގުބަލެއްވެސް ޔަގީން ކޮށްދޭނަން،" ރައީސް ވިދާޅުވި އެެވެ.
ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި މި ފަހުން ހަތް މަހުގެ ތުއްތު ކުއްޖަކުވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެެވެ.
މިހާތަނަށްް ރާއްޖޭގެ 20 އަށް ވުރެ ގިނަ ކުޑަކުދިން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެެވެ.
ކޮރޯނާވައިރަހާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުގެ މާ ކުރިން ރާއްޖޭގެ ސްކޫލްތައް އޮތީ ބަންދުކޮށްފަ އެެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ، 790 އެވެ. އޭގެ ތެރެއިން 29 މީހަކު ރަނގަޅުވެ، ތިން މީހަކު ވަނީ މަރުވެފަ އެވެ.