ލަންޑަން (10 މޭ 2020) : އިނގިރޭސި ސަރުކާރުގެ ސިއްހަތާބެހޭ ލެބޯޓްރީތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން ކޮރޯނާ ވައިރަސް "ކޮވިޑް-19" ގެ ސާމަޕްލްތައް ޓެސްޓް ކުރަން އެމެރިކާއަށް ފޮނުވަން ޖެހިއްޖެ އެވެ.

އިނގިރޭސި މީޑިއާ ބުނާގޮތުން އެންއެޗްއެސް ގެ ލެބޯޓްރީތަކަށް މައްސަލަތަކެއް ދިމާވެފައިވާއިރު ބައިލައްކައެއްހާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތައް ވައިގެ މަގުން އެމެރިކާއަށް ފޮނުވާލާފައިވާ ކަމުގައެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާބެހޭ މަސްއޫލުވެރިއަކު ވިދާޅުވީ މިގޮތަށް އަމަލުކުރީ ލެބޯޓްރީތަކަށް މައްސަލަތައް ކުރިމަތިވެއްޖެ ހާލަތެއްގައި އަމަލުކުރުމަށް ރާވާފައިވާ އޮންނަ ކޮންޓިންޖެންސީ އާ އެއްގޮތަށް ކަމުގައެވެ.

ކޮވިޑް-19 ގެ ސާމަޕަލްތައް އެމެރިކާއިން ޓެސްޓު ކުރިނަމަވެސް ނަތީޖާ ނެރޭނީ އިނގިރޭސިވިލާތުގައި އޮންނަ ކަމާބެހޭ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓްގެ ކަންތައް ކުރިޔަށް ދިޔަކަން ޔަގީން ކުރުމަށްފަހުގައި ކަމަށް އިނގިރޭސި ސަރުކާރުގެ އިނގިރޭސިވިލާތުގެ އޮފް ހެލްތް އެންޑް ސޯޝަލް ކެއާގެ ޑިޕާޓްމަންޓްގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުވާލެއްގެ މައްޗަށް ކޮވިޑް-19 ގެ އެއްލައްކަ ސާމަޕަލް ޓެސްޓް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ހާސިލް ނުވެވޭ ކަމަށާ ލެބޯޓްރީތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން އެ އަމާޒު ހާސިލް ކުރުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމުގައެވެ.

އިނގިރޭސި ސަރުކާރުގެ ސިއްޙަތާބެހޭ ނިޒާމު ކަމަށްވާ އެންއެޗްއެސް ގެ ލެބޯޓްރީތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު އެކަމާގުޅިގެން ކުރިމަތިވި ދަތިތަކަށް މަޢާފަށް އެދޭކަމަށް ހެލްތް އެންޑް ސޯޝަލް ކެއާގެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއް ބުނެއެވެ.

އިނގިރޭސިވިލާތަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޔޫރަޕްގެ އެހެން ގައުމުތަކަށްވުރެ ފަހަތުގައި އުޅޭ ގައުމެކެވެ. މިގޮތަށް ދިމާވީ އެރޯގާ ފެތުރުނުތާ ކުރީކޮޅު އިނގިރޭސި ސަރުކާރުން އެކަމުގައި ވީ އިހުމާލުތަކުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ފަހުންވަނީ ވަރަށް ސީރިޔަސް ކަމާއެކު ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިއާއެކު މިމަސް ނިމޭއިރު އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު މަޑުޖައްސާލެވޭނެކަމަށް އެގައުމުގެ ތަޖްރިބާކާރުން ލަފާކުރައްވައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުންވަނީ ކަރަންޓީނާއި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ކޮވިޑް-19 އަށް ޓެސްތް ކުރުމުގެ ގާބިލްކަންވެސްވަނީ އެތަށް ގުނައެއް އިތުރުކޮށް ފައެވެ. ނަމަވެސް ސަރުކާރުގެ އަމާޒުކަމަށްވާ ދުވާލަކަށް އެއްލައްކަ މީހުން ޓެސްޓް ކުރުމުގެ މަގްސަދު އަދި ހާސިލް ކުރެވިފައެއް ނުވެއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ފުރަބަންދުގެ ފިޔަވަޅުތަކަށް މިހާރު ލުއިދޭން ފަށާފައިވީނަމަވެސް އިނގިރޭސިވިލާތުން އަދި އެކަން ކުރާކަށް އަދި ނުވިސްނައެވެ. އިނގިރޭސިވިލާތުގައި 215 ހާސް މީހުންނަށް ކޮވިޑް-19 ޖެހި އޭގެތެރެއިން 31 ހާސް މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. (ނޫސްއެޖެންސީތައް)