24 Dec 2011, 14:32
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހއ. ފިއްލަދުއަށާއި ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފައްޓަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރައީސްގެ މިދަތުރުފުޅުގައި އެ ރަށްރަށް ވަޑައިގެން، އެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގައި ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި، ހިންގެވުމަށް ހަމަޖައްސަވާފައިވާ ތަރައްޤީގެ ޕްރޮގްރާމްތަކާ ބެހޭގޮތުން ކައުންސިލްތަކާ ޚިޔާލު ބަދަލުކުރައްވާނެ އެވެ.
މީގެއިތުރުން، އެ ރަށްރަށުގައި ޤާއިމްކުރެވިވާ ތަޢުލީމީ، ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތް ފޯރުވައިދިނުމުގެ ވަސީލަތްތައް ހުރި ނެތްގޮތް ވެސް ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދު މެންދުރުވަނީ ހއ. ފިއްލަދުއަށް ވަޑައިގެންފަ އެވެ.
ރައީސް ހއ. އަތޮޅާއި ށ. އަތޮޅަށް ދަތުރު ކުރައްވާއިރު، ށ. އަތޮޅުގެ އަތޮޅު ކައުންސިލުން ހުސްވެފައިވާ ދެ ގޮޑިއަކާއި އަދި ހއ. ފިއްްލަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއެއްގެ ބައި އިލެކްޝަން އޮންނަނީ އަންނަ ހޮނިހިރު ދުވަހު އެވެ.