10 May 2020, 12:45
ވޭތުވެ ދިޔަ އަހަރުގެ އަންހެނުންގެ ވޯލްޑްކަޕު އެމެރިކާއަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެލެކްސް މޯގަން އޭނަގެ ފުރަތަ ދަރި ވިހައިފި އެވެ.
އެމެރިކާގެ ހުނަރުވެރި ފޯވާޑް އެލެކްސް މޯގަން ދަރިއަކަށް ބަލިވެ އިންކަން އިއުލާން ކުރީ ވޯލްޑްކަޕުގެ ތަށި އުފުލާލިތާ ތިން މަސް ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
އެއަށް ފަހު ފުޓުބޯޅައިގެ ހަރަކާތްތަކާއި ދުރުގައި އުޅުނު މޯގަންއާއި އޭނަގެ ފިރިމީހާ ސާވަންޑޯ ކަރެސްކޯ ވަނީ އިއްޔޭގެ ވަގުތެއްގައި އެ ދެމަފިރިންނަށް އަންހެން ކުއްޖެއް ލިބިފައިވާ ކަން އިއުލާން ކޮށްފަ އެވެ. މޯގަންގެ ފިރިމީހާ، ސާވަންޑޯ ކަރެސްކޯ އަކީ ވެސް މީގެ ކުރިން އެމެރިކާގެ އެމްއެސްއެލްގެ ކުލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއަކަށް ވާއިރު މޯގަންއާއި އޭނައަށް ލިބުނު ދަރިފުޅަށް ދީފައިވާ ނަމަކީ ޗާލީ އެލީނާ ކަރެސްކޯ އެވެ.
"މޭ ހަތްވަނަ ދުވަހުގެ 11:30 ގައި އަހަރެންގެ ދަރިފުޅު ޗާލީ އެލީނާ ކަރެސްކޯ ވަނީ ދުނިޔެއަށް ލޯ ހުޅުވާލައިފައި. މި ދުވަސް ދެކުމަށް ކެތްކުރާތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު ދަރިފުޅު ބޭނުންވި ވަގުތަކުން ދަރިފުޅު އަންނާނީ." މޯގަން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
އެމެރިކާއާ އެކު ވިދިވިދިގެން ދެފަހަރަށް އަންހެނުންގެ ވޯލްޑް ކަޕު އުފުލާލުމުގެ އިތުރުން މޯގަން ވަނީ 2012 ވަނަ އަހަރު ލަންޑޮންގައި ބޭއްވި އޮލިމްޕިކް ގޭމްސް ވެސް ކާމިޔާބު ކޮށްފަ އެވެ.
ވޭތުވެ ދިޔަ އަހަރުގެ ބެލެންޑިއޯއަށް ވެސް ނޮމިނޭޓްވި މޯގަން ކުޅުމުން ބޭރުގައި ހުއްޓަސް އޭނާ މިވަގުތު އަންނަނީ އެމެރިކާގެ އަންހެން ކުޅުންތެރިންނަށް ފިރިހެނުންނެކޭ އެއްހަމައަކަށް މުސާރަ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވަމުންނެވެ.