24 Dec 2011, 14:29
ގިނަ ހަރަދުތަކެއް ކުރަމުންދާ ރަޝިޔާގެ އަންޒީ މަކަޝްކަލާ އިން ކޯޗް ގޫސް ހިޑިންކް އާއި ވާހަކަ ދައްކާފައި ނުވާކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.
އަންޒީ އިން ހޯދުމަށް މަސައްކަތް ކުރާނެ ކޯޗުންގެ ލިސްޓުގައި ހިޑިންކްގެ ނަން ހިމެނެ އެވެ.
އުމުރުން 65 އަހަރުގެ ހިޑިންކް އެންމެ ފަހުން ހުރީ ތުރުކީގެ ކޯޗުކަމުގަ އެވެ. ތުރުކީގެ ކޯޗުކަމުގެ މަގާމުން ހިޑިންކް ވަކިވީ މިދިޔަ މަހު އެވެ. 2010 ވަނަ އަހަރާއި ޖެހެންދެން ހިޑިންކް ހުރީ ރަޝިޔާ ގައުމީ ޓީމަށް އިރުޝާދު ދިނުމަށެވެ.
"މިދިޔަ ހަފްތާއިން ފެށިގެން ހިޑިންކް ހުރީ ޗުއްޓީ ހޭދަކުރުމަށް އެފްރިކާ ގައި. އޭނާ އެނބުރި އަންނާނީ ޖެނުއަރީ މެދުތެރޭ ގައި. އެފްރިކާ އިން އެނބުރި އައުމަށް ފަހު ހިޑިންކް ގެ ކުރިމަގު އޮތް ގޮތް ނިންމާނެ. އޭނާ ޚިޔާރު ކުރާނީ އޭނާ އަށް ލިބިފައި އޮތް ހުށަހެޅުމެއް. އަންޒީ އިން އެއްވެސް ހުށަހެޅުމެއް ނުލިބޭ." ހިޑިންކްގެ އެޖެންޓް ވެން ނިއުވެންހޫޒެން ބުންޏެވެ.
އަންޒީ އަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި ވަނީ އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ފަބިއޯ ކަޕެއްލޯ އާއި ހިޑިންކް ކަމަށް އެކުލަބާއި ވަގުތީ ގޮތުން ހަވާލުވެފައިވާ ރޮބާޓޯ ކާލޮސް އާއި ގޯޑޭޗް ދާދި ފަހުން ބުނެފައި ވެއެވެ.
ހިޑިންކްގެ ކޯޗުކަމުގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދައިދެވުނީ ސައުތު ކޮރެޔާ ގައުމީ ޓީމަށެވެ.
ހިޑިންކް ވަނީ ސައުތު ކޮރެޔާގެ ގައުމީ ޓީމު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލާއި ހަމައަށް ގެންގޮސްދީފަ އެވެ. މީގެ އިތުރުން ހޮލެންޑް ގައުމީ ޓީމު 1998 ވަނަ އަހަރުގެ ސެމީ ފައިނަލާއި ހަމައަށް ގެންގޮސްދީ ރަޝިޔާ ގައުމީ ޓީމު 2008 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް ގެންގޮސްދީފަ އެވެ.