ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ އަދި މާލީ ދަތިކަމާ އެކު، ދިރާގުގެ ބިލަށް ފައިސާ ދެއްކުމަށް ދަތިވާ ކަސްޓަމަރުންނަށް އެ ކުންފުނިން ލުއި ދީފި އެވެ.

ދިރާގުން ބުނީ ކަސްޓަމަރުންނަށް ލުއި ދިިނުމުގެ ގޮތުން ބިލު ފޮނުވާ ތާރީހުން ފެށިގެން ދެ މަހުގެ މުއްދަތަށް ބިލުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދުމުން އެ ކަން ހަމަޖައްސައިދޭނެ ކަމަށެވެ. ލޭޓް ޕޭމެންޓް ޗާޖަސް، އަދި ރިކަނެކްޝަން ފީ ވެސް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު ކަމަށް ރެޖިސްޓްރީ ކޮށްފައިވާ ކަސްޓަމަރުންގެ ހިދުމަތްތައް ވެސް މި ޖޫންމަހުގެ ނިޔަލަށް މެދުކަނޑާނުލާ ދޭނެ ކަމަށާއި އެ ފަރާތްތަކަށް އިތުރު ގޮތެއް ފެންނަންދެން ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ހިދުމަތް ހޯދުމަށް ފަސޭހަ ޕޭމަންޓް މެތަޑުތައް ވެސް ކަސްޓަމަރުންނަށް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ އެލަވެންސް ތަކާއި ޑިސްކައުންޓުތައް ދޭން ފަށައިފަ އެވެ.