ބެއިޖިން (މެއި 10): ޗައިނާގެ ސައިންސުވެރިންގެ ޓީމަކުން ހެދި ދިރާސާއެއްގައި ބައިވެރިވި ކޮވިޑް-19 ޖެހިފައިވާ ފިރިހެނުންގެ ތެރެއިން 16 ޕަސެންޓު މީހުންގެ ދަރިފަނިން ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް އެޓީމުން ބުނެފި އެވެ.

ޗައިނާގެ ޝަންގްކިއު މުނިސިޕަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި 38 ފިރިހެނަކު ހިމަނައިގެން ހެދި އެ ދިރާސާގައި ބަލި ހުރި މީހުންނާއި ބަލިން ރަނގަޅުވެފައިވާ މީހުންވެސް ބައިވެރިވި އެވެ. އަދި އޭގެ ތެރެއިން ހަ މީހެއްގެ ދަރިފަނިން ވައިރަސް ފެނިފައިވާ އިރު، އެ ހަ މީހުންގެ ތެރެއިން ދެ މީހުންނަކީ ބަލިން ރަނގަޅުވެފައިވާ މީހުންނެވެ.

ޖާނަލް އޮފް ދަ އެމެރިކަން މެޑިސިން އެސޯސިއޭޝަންގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ވަނީ ދަރިފަނިން ވައިރަސް ފެނުނު ނަމަވެސް، ޖިންސީ ގުޅުމުން ވައިރަސް ފެތުރޭކަން އެ ދިރާސާއިން ޔަގީން ނުވާ ކަމަށް ބުނެފަ އެވެ. އަދި ދަރިފަނީގައި ހުންނަނީ އެކްޓިވް ވައިރަސްތޯ އާއި ވައިރަސް ހުންނަ މުއްދަތު ފަދަ މައުލޫމާތު ހޯދަން އިތުރު ޓެސްޓުތައް ހަދަން ޖެހޭ ކަމަށް ބުނެފަ އެވެ.

"ސާސް-ސީއޯވީ-2 ޖިންސީ ގުޅުމުން ފެތުރޭކަން ސާބިތު ކުރެވިއްޖެ ނަމަ، އެއީ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކަށް މުހިއްމު މައުލޫމާތަކަށް ވާނެ. ހާއްސަކޮށް ބަލިން ރަނގަޅުވަމުން އަންނަ މީހުންގެ ދަރިފަނިން ވައިރަސް ފެނިފައިވާތީ،" ޑޮކްޓަރުން ވިދާޅުވި އެވެ.

މީގެ ކުރިން ތަފާތު ވައިރަސްތަކާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކުން ވަނީ ދަރިފަނީގައި ވައިރަސް ހުރި ނަމަވެސް ޖިންސީ ގުޅުމުން ނުފެތުރޭ ވައިރަސްތަކާއި ފެތުރޭ ވައިރަސްތައްވެސް ފެނިފަ އެވެ. އެގޮތުން ޒިކާ އާއި އެބޯލާ ވައިރަސް ޖިންސީ ގުޅުމުން ފެތުރޭކަން ވަނީ ހޯދިފަ އެވެ.

ދުނިޔޭގެ 187 ގައުމާއި ޓެރިޓަރީއަށް ފެތުރިފައިވާ ކޮރޯނާވައިރަހަށް މިހާތަނަށް ހަތަރު މިލިއަން މީހުން ޕޮޒިޓިވްވެ، ބަލީގައި 279،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.