މައިންގެ ކެތްތެރިކަމާއި ގުރުބާނީ ސިފަކޮށްދޭނީވެސް ކިހިނެއް ހެއްޔެވެ. ދަރީންގެ އުފަލަށްޓަކައި އެ މީހުންގެ މުޅި ހަޔާތް ހޭދަކުރެ އެވެ. އުފާތަކާއި ހިތްހަމަޖެހުން ދޫކޮށް ދަރީންނަށްޓަކައި އެތައް ވޭނަކާއި ތުރާލެއް އުފުލަނީ އެއްވެސް ޝަކުވާއެއް ނެތި އެވެ. މިވަރުގެ އިންސާނިއްޔަތު ކަމުގެ ނަމޫނާއެއް އަޅެ ފެންނާނެ ހެއްޔެވެ؟ އެ މީހުންގެ އަގު ނުކުރެވޭ ގުރުބާނީއަށް މުޅި ދުނިޔެ އިއްތިފާގުވާ އެއް ދުވަހަކީ މޭ 10އެއް، މަންމައިންގެ ދުވަހެވެ. ހުރިހާ މަންމައިންނަށް ދުވަހުގެ ތަހުނިޔާ އެވެ!

ކޮރޯނާވައިރަހާ ދެކޮޅަށް ދުނިޔެ މި ކުރާ ހަނގުރާމައިގާ އެތައް މަންމައިންނެއް ކުރީ ސަފަށް ނިކުމެ، އަންނަނީ ނަމޫނާ ދައްކަމުންނެވެ. އެތައް މައިންމައިންނެއް ދަރީންނާއި ލޯބިވާ އާއިލާތައް ދޫކޮށް ކުރީ ސަފަށް ނިކުމެ އެ ތިބީ އިންސާނިއްޔަތަށް ޓަކަ އެވެ. އެ މަންމައިން ތިބީ މި ހަނގުރާމައިގައި ކާމިޔާބު ނުހޯދާ ގެއަށް ނުވަނުމުގެ އަޒުމުގަ އެވެ. އެމީހުން ތިބީ، މޭ އަށްޑަނައަކަށް ދިއްކޮށްގެންނެވެ. މުޅި ގައުމަށް ޓަކައި ދިވެހީންނަށް ޓަކައި ކުރީ ސަފަށް ނިކުމެ ތިބި، ދިވެހި މަންމައިން ވެސް ބައިވަރެވެ. ހާލަތު ނިޔާކުރާ ގޮތުން ލޯބިވާ ދަރީންނާއި އާއިލާއާ އެކު، މިދުވަސް ފާހަގަކުރުމުގެ ނަސީބުން މަހުރޫމްވެފައިވާ އެތައް މަންމައިންނެއް އެބަތިއްބެވެ. އެ މަންމައިންގެ އެ ގުރުބާނީއަކީ ގައުމާއި އިންސާނިއްޔަތުގެ ލޯބީގެ ލާމަސީނު ނަމޫނާ އެކެވެ.

މިދުވަހުގެ މުނާސަބަތުގައި މި ކިޔައިދެނީ ކޮރޯނާވައިރަހާ ދެކޮޅު މަސައްކަތުގެ ފުރަންޓްލައިން ނޫނީ ކުރީ ސަފަށް ނިކުމެ ތިބި، މަންމައިގެންގެ ވާހަކަތަކެވެ. އެ މީހުންގެ ބޮޑު ގުރުބާނީގެ ވާހަކަ އެވެ. އެ މަންމައިންގެ ހިތަށް އަރައި ފައިބަމުން ދާ އެތައް ވާހަކަތަކެކެވެ.

ޕޮލިސް ސްޓާފް ސާރޖެންޓް ނުހާ އަހްމަދު -- ފޮޓޯ:ޕޮލިސް

ނުހާ އަހްމަދު: ޕޮލިސް ސްޓާފް ސާޖެންޓް

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހިދުމަތުގައި ފާއިތުވެދިޔަ 10 އަހަރު ދެމިހުންނެވި ސްޓާފް ސާޖަންޓް ނުހާ އަހްމަދަކީ ކުޑަކުޑަ ދެ އަންހެންކުދިންގެ މަންމައެކެވެ. އުމުރުން ފަސް އަހަރާއި ހަތް އަހަރުގެ ކުއްޖެއް ހުންނައިރު، މަންމަމެންގެ ދުވަހު އޭނާ ހުންނަންޖެހިފައިވަނީ އެކުދިންނާއި ދުރުގައި ގައުމީ ހިދުމަތުގަ އެވެ. ހަށިގަނޑުގެ އެއްބައި ގޮތުގައި ނުހާ ސިފަކުރާ އޭނާގެ ދެކުދިންނާއި ވަކިން ދިރިއުޅޭތާ މިހާރު ތިން ހަފްތާއެއްހާ ދުވަސްވަނީ އެވެ.

"އަސްލު ވަރަށް ދެރަވޭ، މި ހާލަތް އިއުލާނުކުރި ހިސާބުން ދެކުދިންވެސް ތިބެނީ ތިމާގެ މީހެއް ކައިރީގައި. ވަރަށް ބިރުވެރި މިތާންގައި މިހެން މަސައްކަތްކުރަން އުޅެއެޅެފައި އެނބުރި އެކުދިންކައިރިއަށް ގެއަށްދާން. އެހެންވެ އަޅުގަނޑުގެ ތިމާގެ މީހެއް ކައިރީ ކުދިން ތިބީ. ދެން ފޯނުން ކުދިންނާއި ވާހަކަދައްކަނީ." ނުހާ ކިޔައިދިނެވެ.

ޝިފްޓް ޑިއުޓީއެއްގައި ނުހާ މަސައްކަތްކުރަމުންދަނީ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަންގަ އެވެ. ލޮކްޑައުންއަށްފަހު ނުހާގެ އެކޮމޮޑޭޝަން ހަމަޖެހިފައިވަނީ ވަކިން ގެސްޓްހައުސްއެއްގަ އެވެ.

ނުހާ ބުނާގޮތުން ވިޑީއޯކޯލަކުން ގުޅާލާ ކޮންމެ ފަހަރަކުވެސް ދަރިންގެ ޝަކުވާއަކަށް ނުވަތަ ސުވާލަކަށް ވަނީ މަންމަ ގެއަށް އަންނާނީ ކޮންއިރަކުތޯ އެވެ. އެ ސުވާލަށް ނުހާއަށް ދެވެން އޮތް ހަމައެކަނި ޖަވާބަކީވެސް މަންމަ ވަރަށް އަވަހަށް ދާނަމޭ އެވެ. އޭނާގެ އަތުގައި އެހެން ޖަވާބެއް ނުވެސް ނެތީ އެވެ. އެހެން ނަމަވެސް، ދަރިންނާ ދުރުގައި މިހާ ގިނަ ދުވަހު ހުންނަންޖެހުނު މިއީ ފުރަތަމަ ފަހަރަށްވާއިރު ނުހާ މި ދުވަސްތައް ސިފަކުރަނީ އޭނާގެ ގައިގެ އެއްބައި މަދުވުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެންވެސް ބޭނުން މިހާލަތުން އަރައިގަނެ ވީހާވެސް އަވަހަށް ގެއަށް ދަރިން ކައިރިއަށްދާން. ނޯމަލް ދިރިއުޅުމަކަށް ދާން. މި ދުވަސްތައް ހީވަނީ ހަމަ ހުވަފެނެއްހެން. މިއީ އަސްލު ކަމެއްކަމަށް ގަބޫލެއްވެސް ނުކުރެވޭ. އެހެންވީމަ ހުރީހާ ބޭފުޅުންވެސް އަޅުގަނޑުމެން ފުލުހުން މިދޭ އިރުޝާދުތަކާއި ސިއްހީ ބޭފުޅުން ދެއްވާ ނަސޭހަތް ގަބޫލްކުރައްވާ ގޭގައި ތިއްބަވާށޭ ދަންނަވާލަން ބޭނުން." ނުހާ ބުންޏެވެ.

މިގޮތުގައި ނުހާ އަށް މަސައްކަތްކުރެވުމުގެ އެންމެ ބޮޑު ސިއްރަކީ އާއިލާގެ ފަރާތުން ދޭ އެހީތެރިކަމެވެ. އޭނާ ބުނާގޮތުން ދަރިންނާ ދުރުގައި އޭނާ ހުންނަން ޖެހުނަސް، އެކުދިންގެ ކަންކަން އާއިލާއިން ވަރަށް ފުރިހަމައަށް ބަލަހައްޓަމުން ދިއުމަކީ އޭނާ ހިދުމަތުގައި ހުންނަން ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

"ވަރަށް ރަނގަޅު ފެމިލީ. ވަރަށް ހިތްހަމަޖެހޭ. ބަރާބަރަށް އަޅުގަނޑަށް ގުޅާ ފޮޓޯ ފޮނުވާނެ. އެނގޭ އެކުދިން މިސްވެގެން ގުޅިއަސް އަސްލު ތިބެނީ ވަރަށް އުފަލުގައި ކަން. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެކަމަކުވެސް މިސްވޭ، ދެރަވޭ އެކުދިން ހަނދާންވެފައި" ނުހާ ބުންޏެވެ.

ކޮވިޑް- 19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. ނަޒްލާ ރަފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ.ނަޒްލާ ރަފީގު: އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް

ކޮވިޑް19އިގެ ބިރުވެރިކަން ފެށުނީއްސުރެ، ދިވެހީންނާ އެންމެ ރަހުމަތްތެރި އެއް މޫނަކީ ޑރ.ނަ ޒްލާ ރަފީގެވެ. މުޅި މާލޭގައި މި ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު، ބަލި ފެތުރުނަ ނުދިނުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ "ކޮންޓެކްޓް ޓްރޭސިން"ގެ މަސައްކަތްތައް އެންމެ އިސްވެ ބަލަހައްޓަވަމުން ގެންދަނީ ޑރ. ނަޒްލާ އެވެ. ވައިރަސް ފަހާ ދުވާ ޓީމް ލީޑް ކުރެއްވުމުގައި މި ހުންނެވީ ދެ ކުދިންގެ މަންމަ ޑރ. ނަޒްލާ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ އެކު، އޭނާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއާއި އެއްވަރަށް ކުޑަ ދެކުދިންގެ މަންމައެއްގެ ހައިސިއްޔަތުން އޭނާ އަދާކުރައްވާ ރޯލުވެސް ވަކި ކުޑައެއް ނޫނެވެ.

"އަޅުގަނޑު ގެއަށް އަންނަނީ ރޯދަވީއްލަން. މިދިޔަ 4 މަހެއްހާ ދުވަހު މަސައްކަތްހުރިގޮތުން ކުދިން ނިދާގަޑިއަށް ގެއަށް ނާދެވޭތީ، މި ރޯދަމަހުން ފެށިގެން މި ބަލަނީ އެ ގަޑީގައި ގޭގަ ހުރެވޭތޯ އެކުދިން ކައިރީގައި. އެއަށްފަހު ހެނދުނު ހެނދުނާއި އަނެއްކާ އަންނަނީ މަސައްކަތަށް" ޑރ. ނަޒްލާ އޭނާގެ ޝެޑިއުލް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ޑރ.ނަޒްލާގެ ދޮށީ ދަރިފުޅަށް 10 އަހަރެވެ. އަދި ހަގު ދަރިފުޅަށް 3 އަހަރެވެ. މަސައްކަތުގައި އެހާ ބުރަކޮށް އުޅޭއިރު ދަރީންގެ ކަންކަން ފުރިހަމަކުރުމަށް ފިރިމީހާއާއި އަދި އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަން އޭނާ އުފަލާއިއެކީގައި ފާހަގަކުރެ އެވެ.

"ވަރަށް އުނދަގޫވޭ ކުދިންނާއި އެކީގައި އެ ވަގުތުތައް ހޭދަނުކުރެވޭތީ. ގޭތެރޭގެ ކަންކަމާއި މާބޮޑަކަށް ވިސްނާކަށް ނުޖެހޭ. އެއީ އެންމެންވެސް ބަލައިގަނޭ މި ކުރާ މަސައްކަތަކީ މުހިންމު ކަމެއްކަން. އެކަމަކުވެސް ދަރިންނަށް މަންމައެއްގެ ހައިސިއްޔަތުން އަޅުގަނޑު ދޭންޖެހޭ ވަގުތެއް އެހެން މީހަކަށް ނުދެވޭނެތީ އެކަން ކުރެވޭތޯ ބަލަން" ނަޒްލާ ވިދާޅުވި އެވެ.

ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 12 އަހަރުވާއިރު ޑރ. ނަޒްލާ ވިދާޅުވީ މިފަދަ ތަޖުރިބާއެއް އަދި ދުވަހަކުވެސް އޭނާ ކުރަންޖެހިފައި ނުވާކަމަށެވެ. މިގޮތުން 2011 ގައި ޑެންގީ އައުޓްބްރޭކް ފަދަ ނެޝެނަލް ލެވެލްގެ އައުޓްބްރޭކްތަކެއް ފެނި މެނޭޖްކުރަން ޖެހުނުއިރު، މިހާ ބައިވަރު ބަޔަކު ޝާމިލްވާ މިހާ ގިނަދުވަހަށް ދިގުދެމިގެންދާ އަދި މިހާ ނުރައްކާތެރި ކަމެއް މުޅި ކެރިއާގައިވެސް ކުރިމަތިވެފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

"މީސަލްސް އައުޓްބްރޭކްއަކީވެސް މިއިން ޒަމާނަކު ނާންނާނެ ކަހަލަ އައުޓްބްރޭކެއް. އެކަމަކު ތަފާތަކީ އެ ބައްޔާއި ބެހޭގޮތުން އެނގޭ، މީހުން އިންފެކްޝަސް ވަނީ ކޮންއިރަކު ކަމާއި، އަލާމަތާއި، ޖެހޭގޮތާއި، ޕްރިވެންޓްކުރާ ގޮތްވެސް އެނގޭ. އެކަމަކު ކޮވިޑްއަކީ އާކަމެއް ވީމަ ބައްޔާއި ބެހޭގޮތުން އަދިވެސް ހޯދެމުންދަނީ. އަނެއްކޮޅުން އެހާ ހަލުވިކޮށް ފެތުރޭއިރު އަދި ޕްރިވެންޓިވް ގޮތްތަކެއްވެސް ހޯދިފައެއް ނެތް. އެހެންވީމަ މިކަހަލަ ކަމަކާއި އަދި ދުވަހަކުވެސް ކުރިމައްޗެއް ނުވޭ" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިފަދަ ދަނޑިވަޅެއްގައިވެސް އަންހެނަކަށް ނުވަތަ މަންމައަކަށްވުމަކީ ފަސްޖެހެންވީ ނުވަތަ ހިދުމަތަށް ނިކުންނަން ނުކުރެވެންވީ ސަބަބެއްކަމަށް ޑރ. ނަޒްލާ ނުދެކެ އެވެ. އޭނާއަށް ލިބޭ ހިތްވަރަކީ މުޅި ގައުމުން އޭނާގެ އަގު ވަޒަންކުރުމެވެ. އާއިލާއިން އޭނާ ހިދުމަތުގައި ހުންނަން ދޭ ބޮޑު އެހީ އެވެ. ޑރ. ނަޒްލާ ވިދާޅުވާ ގޮތުގައި، މަންމައަކަށް ވުމަކީ އެއްފަހަރާއި އެތަށްކަމެއް ކުރަން ދަސްވާ ކަމެކެވެ. އެއީ މަސައްކަތުގެ މާހައުލުގައި ނުހަނު ބޭނުންތެރި ސިފައެއްކަމަށް ނަޒްލާ ފާހަގަކުރި އެވެ.

"އަޅުގަނޑަކީވެސް ވޯކިން މަމްއެއްގެ ދަރިއެއް. ހަމަ އެންމެ ކުޑައިރުއްސުރެ މަންމަ މަސައްކަތްކުރެއްވި. އަޅުގަނޑުގެ ފުރަތަމަ ދަރިފުޅަށް 3 އަހަރުވާންދެން މަންމަ މަސައްކަތްކުރެއްވި. އެހެންވީމަ އަޅުގަނޑުމެންވެސް މިތިބީ އެގޮތަށް އާދަވެފައި. އެކަމަކު މަސައްކަތްކުރާއިރު ކުދިންގެ ކަންކަން ހަމަޖެއްސުމަށާއި ގޭތެރޭގެ ކަންކަމަށް އާއިލާގެ ނުވަތަ ފިރިމީހާގެ ސަޕޯޓް ލިބޭތީ ކުރިއަށްމިދެވެނީ،" ނަޒްލާ ވިދާޅުވި އެވެ.

ޚަދީޖާ ޝާކިރު (ވ) ދަރިފުޅާއި ރަހުމަތްތެރިއަކާއި އެކު

ހަދީޖާ ޝާކިރު: އެމްއާރްސީ، ރެޖިސްޓާޑް ނާސް

އުމުރުން ދުވަސްވީ މަންމައާއި، ދަރިފުޅާއިއެކީ ދިރިއުޅެމުން އަންނަ ޚަދީޖާ ޝާކިރު (ހައްޖު) އަކީ ކޮވިޑް19ގައި ސައިކޯސޯޝަލް ސަޕޯޓް ދިނުމުގައި ހަރަކާތްތެރިވާ މޯލްޑިވިއަން ރެޑްކްރެސެންޓްގެ ދަރުމަވެރިއެކެވެ. އެއާއެކު ރަސްމީ ވަޒީފާއެއްގެ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގެ ލެކްޗަރާއެއްގެ ގޮތުގައި ވަޒީފާ އަދާކުރާ ހީވާގި ނަރުހެކެވެ.

މި ހާލަތުގައި އޭނާގެ ޒިންމާގެ ތެރޭގައި ހިމެނެނީ ސައިކޯސޯޝަލް ސަޕޯޓްދޭނެ ވޮލެންޓިއަރުންނާއި، ސިއްހީ ކުއްލި ހާލަތުގައި ފަރުވާދެވޭނެ ނަރުހުން ތަމްރީނު ކުރުމެވެ. އެއާ އެކު، ކޮވިޑް-19ގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގައި ފޯނުކޯލުތަކަށް ޖަވާބުދިނުމާއި އަމަލީގޮތުން އެންއީއޯސީގައިވެސް ހަރަކާތްތެރިވަމުން އަންނައިރު، "ސިންގަލް މަންމަ"އެއްގެ ގޮތުގައިވެސް އޭނާއަށް މިއީ ޗެލެންޖިން ދުވަސްވަރެކެވެ.

"އަޅުގަނޑުގެ އާއިލާގެ މެންބަރުންވެސް ވަރަށް ބިރުގަނޭ ގެއިން ބޭރަށް ނުކުންނަން ޖެހޭތީ. އެކަމަކު ދަރިފުޅަށް ވިސްނައިދެން މަންމަގެ މި ވަޒީފާގެ ގޮތުން ގޭގައި މިއަދު ހުރެވެން ނެތްކަން. މި ޕްރޮފެޝަންގައި ނޫނީ ނަރުހަކަށް ވީމަވެސް ގޭގައި މަޑުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން. ދެން މަންމައަކަށްވާއިރު، އެހެންކުދިންގެ މަންމަމެންވެސް އެކުދިން ބިރުގަންނާތީ ގޭގައި ތިބޭނަމަ އެހީވާންދާނީ ކޮންބައެއްކަމާއި، ދަރިފުޅުގެ މަންމައަށް މިކަހަލަ ހިދުމަތެއް ކޮށްދޭން ފުރުސަތު ލިބުމަކީ ކިހާބޮޑު އުފަލެއްކަންވެސް ވިސްނައިދެން" ހައްޖު އޭނާގެ 14 އަހަރުގެ ދަރިފުޅަށް ވިސްނައިދޭން ދެއްކި ބައެއް ވާހަކަތައް ހިއްސާކުރަމުން ބުންޏެވެ.

މީގެކުރިން ނަރުހެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކޮށް އަދި މާސްޓާސްއަށްފަހު ހެލްތް މިނިސްޓްރީ ފަދަ ވުޒާރާތަކުގައިވެސް ހިދުމަތްކޮށްފައިވާއިރު، ސުނާމީ ކާރިސާގައިވެސް އެހީއަށް ބޭނުންވި ފަރާތްތަކާއި ވަރަށް ގާތުން ހިދުމަތްކުރުމުގެ ފުރުސަތު ހައްޖުއަށް ލިބުނެވެ. މީގެއިތުރުން ހައްޖުއަކީ މިހާރުވެސް މޯލްޑިވްސް ނާސިން އެސޯސިއޭޝަނާއި ހޯޕް ފޯ ވިމެންގައިވެސް އެގްޒެކެޓިވް މެންބަރެކެވެ.

މިފުރުސަތުގެ ބޭނުން އޭނާ ހިފަނީ ދަރިފުޅަށް ދަރުމަވެރިކަމުގެ މުހިންމުކަމާއި އެއިން ލިބޭ ހިތްހަމަޖެހުމާއި އުފާ އަންގައިދިނުމަށެވެ. މިގޮތުން ލޮކްޑައުންގެ ކުރިން ބައެއް މަސައްކަތްތަކުގައިވެސް ދަރިފުޅު ބައިވެރިކޮށް، ހޭލުންތެރިކުރާކަމަށް ހައްޖު ބުންޏެވެ.

ހަމައެޔާއެކު ހައްޖު ފާހަގަކުރަނީ މަންމައިންނަކީ ކޮންމެ އާއިލާއެއްގެވެސް ބިންގަލެއްގެ ގޮތުގަ އެވެ. ކުދިންނަށް މަގުދައްކައިދީ ތަރުބިއްޔަތު ކޮށްދިނުމުގެ އެންމެ ބޮޑު މޭސްތިރިޔާގެ ގޮތުގަ އެވެ.

"ކޮންމެ އަންހެނަކީވެސް މަންމައެއް. ކޮންމެ ދުވަހެއްވެސް އެމީހުން ހޭދަކުރަނީ މުހިންމު ނިންމުންތަކެއް ނިންމާ، އެތަކެއް ގޮންޖެހުންތަކާއި ކުރިމަތިލާ، ހަމަނުޖެހުންތައް މަސަލަސްކޮށް، މަލްޓިޓާސްކިންގައި. އަދި އެމީހުންނަކީ އުމުރުން ދޮށީ ފަރާތްތަކާއި މުސްތަގްބަލާއި ދެމެދު އެޅޭ ބްރިޖެއް ފަދަ ބައެއް" މުޖްތަމައުގައި އަންހެނުންގެ ދައުރުގެ މުހިއްމުކަން ފާހަގަކުރަންމުން ހައްޖު ބުންޏެވެ.

މަރްޔަމް ޝިފާނާ ހުސެއިން

މަރްޔަމް ޝިފާނާ ހުސައިން: އާރްއާރްޓީ ޓީމް

މަރްޔަމް ޝިފާނާ ހުސައިން އަކީ ކޮވިޑް19ގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ މެންބަރެކެވެ. ޓެގް ޓީމުގެ އިރުޝާދުގެ ދަށުން ސާމްޕަލް ނެގުމާއި އަދި އެފަރާތްތަކަށް ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، ސަސްޕެކްޓްކުރެވޭ ފަރާތްތައް ޓްރާންސްފާ ކުރުމާއި ޑީކޮންޓެމިނޭޝަންގައިވެސް އަމަލީގޮތުން އެންމެ ކުރީ ސަފަށް ނިކުންނަ ޓީމްގެ މެންބަރެކެވެ.

އަމިއްލަ ނަފްސަށް މިހާބޮޑު ނުރައްކަލެއް އޮތް ހާލަތެއްގައި ސަސްޕެކްޓްކުރެވޭ މީހަކާއި އެންމެ ކައިރިން މަސައްކަތްކުރުމަށް އެއްވެސް ވަރަކަށް ފަސްނުޖެހޭތޯ އަހާލުމުން އޭނާދިނީ ވަރަށް ކުރު ފޮނި ޖަވާބެކެވެ. ވަކި ބައްޔެއް ހުންނަ މީހަކަށްވުމަކީ، އެ މީހަކަށް ދޭން ޖެހޭ އަޅާލުން ދިނުމުގައި ތަފާތު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ޝިފާނާއަކީ ރެޖިސްޓާޑް ނަރުހެކެވެ. މިވަގުތު އިސްކަންދަރު ސްކޫލްގެ ހެލްތު އޮފިސަރުވެސް މެއެވެ. ކޮވިޑް19ގެ ޓީމުގެ ތެރެއަށް އޭނާއަށް ވަދެވުނީ 1 ފެބްރުއަރީގައި އެމްއާރްސީއިން ބޭއްވި ކޮވިޑް ތަމްރީން ސެޝަންއަކުންނެވެ. އެއަށްފަހު ކޮވިޑް ޓްރެއިނާއެއްގެ ގޮތުގައި އެކި ކުންފުނިތަކަށާއި، ދައުލަތުގެ މުވައްސަސާތަކަށާއި، މީހުން އެއްވާ ތަންތަނަށާއި ބިދޭސިންނަށްވެސް ހޭލުންތެރިކުރުވުމުގައި ހަރަކާތްތެރިވި އެވެ. އާރްއާރްޓީމާއި އޭނާ ގުޅުނީ 15 މާޗް ގައެވެ.

ޝިފާނާއަކީ ތިން ކުދިންގެ މަންމަ އެވެ. އެންމެ ދޮށީ ދަރިފުޅަށް 11 އަހަރު ވީއިރު އަނެއް ދެ ކުދިންގެ އުމުރަކީ ނުވަ އަހަރާއި ހަތަރު އެވެ. އެކުދިންނާއި ވަކިން ދުރުގައި ހުންނަންޖެހުމަކީ ބުނެދޭން ނޭނގޭ އެތަށް ހިތްދަތި އަސަރުތަކެއް ޝިފާނާއަށް ވެސް ކުރުވާ ކަމެކެވެ.

"ކުރިންނަމަ ހުރިހާ ވަގުތެއްވެސް ގާތްގަނޑަކަށް އުޅޭނީ ކުދިންނާއި އެކީގައި. އަޅުގަނޑާއި ފިރިމީހާ ކުދިންގެ ކަންކަން މެނޭޖްކުރަނީ. ކުދިންނަށް ވަގުތު ދޭންވެގެން ނަރުހެއްގެ ގޮތުގައި ހޮސްޕިޓަލުގައި މަސައްކަތް ނުކޮށް ސްކޫލެއްގައި މަސައްކަތްކުރަނީ. ސްކޫލް ނިމިގެން ކުދިން ގޭގައި ތިބޭ ވަގުތުތަކުގައި އެކުދިން ކައިރީގައި ހުންނަން. އެކަމަކު މިހާރު އެކުދިންނާއި ދުރުގައި މިހެން ހުންނަންވީމަ ވަރަށް ބޮޑު ބަދަލެއް މިއީ" ޝިފާނާ ބުންޏެވެ.

ލޮކްޑައުންއާއިއެކު، ކުދިންނަށާއި އޭނާގެ އުމުރުން ދުވަސްވީ މަންމައަށާއި މައިދައިތަ ނުރައްކަލަކަށް ހުށަހެޅިދާނޭކަމުގެ ބިރާއި އެކު ޝިފާނާ މިވަގުތު ހުރީ އާރްއާރްޓީމުގެ ހާއްސަ އެކޮމޮޑޭޝަނެއްގަ އެވެ. ގާތް ރަހުމަތްތެރިންތަކެއް ލިބުނެއްކަމަކު، ދަރިންނާއި އާއިލާއާއި ދުރުގައި ހޭދަކުރަންޖެހޭ މި ވަގުތުތަކުގައި އެކަނިވެރިކަމުގެ އިހުސާސް ވަރަށްބޮޑަށް ކުރެވޭކަމުގައި ޝިފާނާ ބުންޏެވެ.

"ވަރަށް ބޮޑަށް ހަނދާންވޭ ކުދިން މަތިން. އަޅުގަނޑު އަންނަން ޖެހުމާއެކު ކޮއްކޮ އެކުދިންކައިރީގައި މިހާރު ހުރެދީ ހުރިހާކަމެއް ކޮށްދެނީ. އަޅުގަނޑުގެ މަންމައާއި މައިދައިތަވެސް އެއީ އުމުރުން ދޮށީ ބޭފުޅުން. އެހެންވީމަ މި މަޑުކުރަނީ. ބޭނުންވޭ ދާން އެކަމަކު ރިސްކެއް ނަގަން ބޭނުމެއް ނުވޭ. އެކަނިވެރިވާ ވަގުތުތައްވެސް އާދޭ ވަރަށް ގިނައިން. ސައިކޯސޯޝަލް ސަޕޯޓް އަޅުގަނޑުމެންނަށްވެސް ލިބޭ. އެގޮތަށް ރަނގަޅު. އެކަމަކުވެސް ކުދިންމަތިން ހަނދާންވޭ. ވަރަށް ލޯބިވޭ ކުދިންދެކެ" ޝިފާނާގެ ހިތުގައި ހުރި އުދާސްތަކާއި އެކީ ދަރިންދެކެ ވާ ލޯބި އޭނާ ހާމަކުރި އެވެ.

ކިތަންމެ ހިތްދަތިވިއަސް، ރޮވުނަސް، ޝިފާނާ ފަދަ އެތަށް މައިންނެއް މިއަދު ކޮވިޑް19 ގެ ފްރަންޓްލައިންގައި ސާބިތުވެ އެތިބީ ހަމަ އަމިއްލަ ގައުމާއި ދަރީންގެ ދިފާއުގަ އެވެ.

"ދަރީން ލިބުމަކީ މިފަދަ މަސައްކަތަކަށް ނުކުންނަށް ހުރަހެއް ނޫން. އެއީ ހިތްވަރެއް. އަޅުގަނޑަށް މިކަމުގައި ކުރިއަށްދާން ލިބުނު އިތުރު ސަބަބެއް. މި މަސައްކަތް އެއްގޮތަކުން ބަލާއިރު ފަސޭހަ. ހަމައެކަނި ފުލް ޕީޕީއީގައި ތިބުމުން ވާ އުނދަގޫނޫނީ އިތުރުއެއްވެސް ކަމެއް ނެތް. އެކަމަކު މީހާ ބަލިކަށިވަނީ ހުރިހާ ކަނެކްޝަންއެއް ނެތީމައި ނަފްސާނީ ގޮތުން އެވާ އެކަނިވެރިކަމުން. އެކަމަކު އަޅުގަނޑުމެން ދިވެހިން ދިވެހި ގައުމަށްޓަކައި މި މަސައްކަތް ނުކުރާނަމަ ދެން އެހެން ބަޔަކު ނާންނާނެތީ މިކުރަނީ." ޝިފާނާ ބުންޏެވެ.

މި ނޫނަސް އެންމެ ކުރީ ސަފުގައި އެތައް މަންމައިންނެއް އެބަ ތިއްބެވެ. އެ މީހުންގެ އުފާތައް ގުރުބާންކޮށް، ލޯބިވާ މީހުން ދޫކޮށް ނިކުމެ އެ ތިބީ ގައުމީ ހިދުމަތުގަ އެވެ. ދިވެހީންގެ އެތައް ފުރާނައެއް ސަލާމަތް ކުރަން އެ ގުރުބާން ކުރަނީ އެ މީހުންގެ އަމިއްލަ ފުރާނަ އެވެ. މި ބިރުވެރި ވަގުތުގައިވެސް މަންމައިން އެ ސާބިތުކޮށްދެނީ އެ މީހުންގެ ކެތްތެރިކަމެވެ. މަންމައިން ނަކީ، ގުރުބާނީ އާއި އިންސާނިއްޔަތު ކަމުގައި ދެވަނައެއް ނެތް ނަމޫނާ އެކެވެ.