އިދިކޮޅު ސިޔާސީ ޕާޓީތަކާއި ބައެއް މަދަނީ ޖަމާއަތްތައް ގުޅިގެން އިއްޔެ ސުނާމީ ބިނާ ސަރަހައްދުގައި ކުރި މުޒާހަރާއާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އާޓިފިޝަލް ބީޗްގައި ކުރި "މެދުމިނަށް ކުރާ ތާއީދު" މުޒާހާ އަށް ބައިނަލްއަގުވާމީ މީޑިޔާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު ވޮޝިންޓަން ޕޯސްޓްގައި އެ ދެ މުޒާހަރާގެ ވާހަކަ ގެނެސްދީފައިވާ ހަބަރުގައި ބުނަނީ، އިސްލާމްދީނާ ހިލާފު ހަރަކާތްތައް ކަމަށް އެ މީހުން ބުނާ ހަރަކާތްތައް އިސްރާއީލުގެ ޑައިރެކްޓް ފްލައިޓް ބާއްވަން ހުއްދަ ދިނުން ވެސް ހިމެނޭ ގޮތުން ހުއްޓާލުމަށް ގޮވާލާއި އެތައް ހާސް ބަޔަކު އިއްޔެ މުޒާހަރާކުރި ކަމަށެވެ.

އަދި ރާއްޖޭގެ ދީނުގެ މުސްތަގުބަލާ މެދު ބަހުސްތައް ހޫނުވެފައިވާ މިދަނޑިވަޅުގައި ސަރުކާރަށް ތާއީދުކުރާ މެދުމިނުގެ މީހުން ވެސް މުޒާހަރާ ކުރި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

"ހަރުކަށި އިސްލާމީ ގާނޫނުތައް ރައީސް ނަޝީދު ކޮމްޕްރޮމައިޒް ކުރައްވާ ކަމަށް ތުހުމަތުކުރާ އަދާލަތު ޕާޓީ އާއި އެހެން އެތައް ގްރޫޕަކުން ގޮވާލި މުޒާހަރާ އަށް 3000 އަށް ވުރެ ގިނަ މީހުން އެއްވި އެވެ." އެސޯސިއޭޓެޑް ޕްރެސްއާ ހަވާލާދީ ވޮޝިންޓަން ޕޯސްޓްގައި ބުނެފައިވެ އެވެ.

ވޮޝިންޓަން ޕޯސްޓްގެ އިތުރުން ދެ މުޒާހަރާ އަށް ކަވަރޭޖްދީފައިވާ ބައިނަލްއަގުވާމީ ނޫސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ "ދަ ބޮސްޓަން ގްލޯބް" ހިމެނެ އެވެ.