10 May 2020, 08:40
ފްރާންސްގެ ގައުމީ އެއާލައިން "އެއާ ފްރާންސް" އިން ދަތުރު ކުރާ ހުރިހާ އެންމެން މާސްކް އެޅުމަށާއި، ދަތުރު ފެށުމުގެ ކުރިން ފިނި ހޫނުމިން ޓެސްޓް ކުރުމަށް މަޖުބޫރު ކޮށްފި އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ޔޫރޮޕުގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު ހަރުކަށި ގަވާއިދުތަކަކާ އެކު އަލުން އެއާލައިންތަކުގެ ހިދުމަތްތައް ވަނީ މަޑު މަޑުން ފަށައިފަ އެވެ. އެގޮތުން އެއާ ފްރާންސްގެ ދަތުރުތައް ފަށާފައިވާ އިރު މިއަދުން ފަށައިގެން އެ އެއާލައިންު ދަތުރުކުރާ ކްރޫއިންނާއި ޕެސެންޖަރުންނަށް ވަނީ ގަވާއިދުތަކެއް ހަދައިފަ އެވެ.
އެގޮތުން ފްލައިޓަށް އަރާ އެންމެން ވެސް މުޅި ދަތުރުގައި އުޅެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އަދި ދަތުރު ފެށުމުގެ ކުރިން ހުރިހާ އެންމެންގެ ފިނިހޫނުމިން ބެލުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު 38 އަށް ވުރެން މަތީގައި ފިނހޫނުމިން ހުރެއްޖެ ނަމަ އެ ފްލައިޓުގައި ދަތުރު ނުކުރެވޭނެ އެވެ.
އެހެން ނަމަވެސް ފިނިހޫނުމިން އެއަށްވުރެން ދަށްވުމުން އެހެން ދުވަހެއްގެ ފްލައިޓުގައި އިތުރު އެއްވެސް ހަރަދަކާ ނުލައި ދަތުރު ކުރެވޭނެ ކަމަށް އެއާ ފްރާންސުން ވަނީ ބުނެފަ އެވެ.
އެ އެއާލައިން ބޭނުން ކުރާ ހުރިހާ ކަސްޓަމަރުންނަށް މެސެޖް އަދި އީމެއިލްގެ ޒަރިއްޔާއިން މިހާރު ގަވާއިދުތަކަށް އައި ބަދަލުތަކުގެ ތަފްސީލް ފޮނުވާފައިވާ ކަމަށް އެއާލައިނުން ވަނީ ބުނެފަ އެވެ.
އެއާލައިންގެ އާ ގަވާއިދުތައް:
ދަތުރު ކުރާ ހުރިހާ ކްރޫއިންނާއި ކަސްޓަމަރުން މާސްކް އެޅުން.
- އެއާޕޯޓުގެ ތެރޭގައި އުޅުމުގެ ތެރޭގައި ސޯޝަލް ޑިސްޓެންސްގެ ހަމަތަކަށް ތަބާވުން
- ކަސްޓަމަރުންނާއި، ކްރޫއިން ކޮންޓެކްޓްވެފައިވާ ހުރިހާ ތަނެއް ދުވަހުން ދުވަހަށް ޑިސްއިންފެކްޓް ކުރުން
- އިން ފްލައިޓް ސާވިސްތައް މެދު ކަނޑާލުން (ފްލައިޓުތަކުގައި ކެއުމާއި، އެހެނިހެން ސާވިސްތައް)
މީގެ އިތުރުން ކެބިން ތެރޭގައި ދައުރުވާ ވައި ތިން މިނެޓުން ތިން މިނެޓުން ބަދަލުވާނެ ކަމަށް އެއާ ފްރާންސުން ވަނީ ބުނެފަ އެވެ. އެ އެއާލައިންގައި ބޭނުން ކުރާ އެއާ ރިސައިކަލިންގް ސިސްޓަމަކީ ހޮސްޕިޓަލުތަކުގެ އޮޕަރޭޝަންތަކުގައި ވެސް ބޭނުންކުރާ ޒާތުގެ ސިސްޓަމެކެވެ. އެހެން ކަމުން ވައިގައި ހުންނަ 99.99 އިންސައްތަ ވައިރަސް މި ސިސްޓަމުން ބޭރުކުރާނެ އެވެ.