10:00


މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކާ ހަވާލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅު ހެދުމުގެ ގޮތުންނާއި އެކަންތައްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުންގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ކުރެވެން އޮތްހާ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ޤަރާރެއްގައި ސޮއިކުރައްވައިފި އެވެ.


މި ކަމަށްޓަކައި ރޭ ބޭއްވި ބައްދަލުވުމުގައި މި ޤަރާރުގައި ސޮއިކުރައްވާފައި ވަނީ ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ އާއި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ޤައުމީ ޕާޓީ ލީޑަރ ޑރ. ހަސަން ސައީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމެވެ.


މި ޤަރާރުގައި ސޮއިކުރެއްވުމަށްފަހު ޕާޓީތަކުގެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުންތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް އެތައް ކަމެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކަންތައްތައް ބެލުމަށްފަހު އެމައްސަލަތައް ވަރަށް އަވަހަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވެސް މި ޤަރާރުގައި ސޮއިކުރެއްވި ލީޑަރުން ވިދާޅުވި އެވެ.


މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކާ ހަވާލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ރޭގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވީ އެ މައްސަލާގައި ރާއްޖޭގެ ސަލާމަތީ ކަންތައްތަކުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރެވެނޭ ވަސީލަތްތައް ނެތްއިރު ރާއްޖޭގައި އޮތް ހަމައެކަނި ބައިނަލްއަގުވާމީ އެއާޕޯޓް ބޭރުގެ ބަޔަކާ ހަވާލުކުރުމަކީ ޤަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ޤައުމުގެ އެންމެ މަތީ ސަލާމަތީ މަސްލަހަތާއި ރައްކާތެރިކަން ހިމެނޭ ކަމެއް ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ.


މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ބޭރުގެ ބަޔަކާ ހަވާލުކުރެއްވުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ހުށަހެޅުއްވުމުން ވެސް އެކަމާ ދެކޮޅު ހައްދަވާފައިވާނެ ކަމަށް މިސަރުކާރުގެ އެންމެ ފުރަތަމަ ހޯމް މިނިސްޓަރކަން ވެސް އަދާކުރައްވާފައިވާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވި އެވެ. އަދި އެއަށްވުރެ މާ ކުޑަ ހަރަދެއް ކޮށްގެން އަޅުގަނޑުމެންގެ ރާއްޖެ އަށްވެސް އެއާޕޯޓް ތަރައްޤީކުރެވިދާނެ ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.


ރޭގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ ކުރީގައި ރާއްޖޭގައި އޮތް ހަމައެކަނި ބައިނަލްއަގުވާމީ އެއާޕޯޓަކީ މާލޭ ބައިނަލްއަގުވާމީ އެއާޕޯޓް ކަމަށްވާތީ އެއިރު އެތަން ބޭރުގެ ބަޔަކަށް ދިނުމުގެ ވިސްނުމެއް އެ ސަރުކާރުން ނުގެންގުޅުއްވާ ކަމަށާއި އެހެންވެ އެކަމާ ބެހޭ ޤާނޫނެއް ހެދިފައިނުވާ ކަމަށެވެ. އަދި ބޭރުގެ ބަޔަކަށް މާލޭ އެއާޕޯޓް ދޫކޮށްލައިފިނަމަ ނުވެނުދާނެ ކިތަންމެ ގެއްލުންތަކެއް ވެގެން ހިނގައިދާނެ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭން މިހުޅުވާލެވެނީ ޓެރަރިޒަމަށް ހުޅުވާލެވޭނެ މަގެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤައުމީ ޕާޓީގެ ލީޑަރ ޑރ. ހަސަން ސައީދު ވެސް ވިދާޅުވީ މި ސަރުކާރުން މިފަދަ ކަމެއް ކުރާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް އެކަމާ ވިސްނަންޖެހޭނެ ކަމަށެވެ. އަދި މި ކަންތައްތައް ކުރައްވާއިރު މަޖިލީހުގެ މެންބަރުންނާ ވެސް ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާ ނުކުރައްވާ ކުއްލިއަކަށް އަވަސް އަރުވާލައިގެން ކުރެއްވުމަކީ ވަރަށް ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށް ވެސް ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.


މާލިއްޔަތުގެ ޤާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލާއި ޕްރައިވެޓައިޒޭޝަން ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދަނިކޮށް ސަރުކާރުން އަވަސް އަރުވާލައިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކާ ހަވާލު ކުރުމުގައި ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއްވާނެ ކަމަށްވެސް ޕާޓީތަކުގެ ލީޑަރުން ވަނީ ތުހުމަތުކުރައްވާފަ އެވެ. އަދި މާލޭ ބައިނަލްއަޤްވާމީ އެއާޕޯޓް ބޭރުގެ ފަރާތްތަކަށް ދިނުމުގައި ޤާނޫނާއި ގަވާއިދާ ހިލާފްވެފައިވާ އެންމެހާ ފަރާތްތަކާ މެދު ޤާނޫނީ އަދި ޝަރުއީ ގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ވެސް އެޤަރާރުގައި ސޮއިކުރެއްވި ސިޔާސީ ޕާޓީތަކުގެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.


މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް، ބޭރުގެ ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ހިންގާފައި ވަނީ، ދެފުށް ފެންނަ، އެއްވެސް ހާލެއްގައި ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތެއްގެ މަތިން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު ދެއްވި އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި ވިދާޅުވެފަ އެވެ.