10 May 2020, 09:18
ދަރިފުޅުގެ ބޭނުންތައް ފުއްދައި ދިނުމަށް ބެލެނިވެރިން ތަފާތު މަސައްކަތް ކުރާނެ އެވެ. މިފަހަރު ދަރިފުޅު މެކްޑޯނަލްޑް ބޭނުން ވުމުން އެ ހޯދައިދެވެން އޮތް ހަމައެކަނި ގޮތަށް އެ ހޯދައިދިނީ އެވެ. އެއީ ކާރެއް ނެތުމުން ޑްރައިވް ތްރޫއަށް ކާޑްބޯޑު ކާރެއްގައި ގޮސް މެކްޑޯނަލްޑް ހޯދީ އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރެސްޓޯރެންޓްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަނީ ބެލްޖިއަމްގައިވެސް މެދުކަނޑާލާފަ އެވެ. އެހެންކަމުން މިހާރު އެތަކެތި ބޭނުންވާ ނަމަ ޖެހޭނީ ޓޭކްއަވޭ ނުވަތަ ޑްރައިވް ތްރޫ ހިދުމަތް ބޭނުންކުރާށެވެ. އެހެންނަމަވެސް ޑްރައިވްތްރޫ ހިދުމަތް ހޯދުމަށް ބޭނުންވާނަމަ ކާރެއް އޮންނަން ޖެހޭނެ އެވެ.
ނެތަލީ މޯމަންސް، އޭނާގެ 16 އަހަރު އަންހެން ދަރިފުޅު މެކްޑޯނަލްޑް އިން ކާއެއްޗެހި ބޭނުންވިއިރު އެކަން ފަސޭހައިން ކޮށްދެވޭނެ ގޮތެއް ނެތެވެ.
ބެލްޖިއަމްގެ ސިޓީއެއް ކަމަށްވާ ލަ ލޫވިއޭގައި ދެމައިން މެކްޑޯނަލްޑް އަށް ދިޔައީ ކާރެއް ނެތުމުން، މޮޅު ގޮތެއް ހޯދައިގެންނެވެ. ޑްރައިވް ތްރޫ މެދުވެރިކޮށް މެކްޑޯނަލްޑް ހިދުމަތް ހޯދާފައިވަނީ ކާޑްބޯޑު ކާރެއްގަ އެވެ.
"ދަރިފުޅު ބޭނުންވީ މެކްޑޯނަލްޑް އަށް ދާން ވެގެން. އެކަމު އަހަރެމެން އަތުގައި ކާރެއް ނެތީމައި ދެވޭކަށް ނެތް ހިދުމަތް ހޯދުމަށް. އެހެން ބައެއްގެ ގާތުގައި އެހެން ނެތީ ލޮކްޑައުންއެއް އޮތީމައި،" މޯމަންސް ބުންޏެވެ.
ދެމައިން އެކަންތައް ކުރީ ފުރަތަމަ ޖޯކެއްގެ ގޮތުގައެވެ. ނަމަވެސް އެންމެ ފަހުން އެ ކާޑްބޯޑު ކާރު ހެދުމުން ދެމައިން އެ ކާރު ހިފައިގެން ދިޔައީ މެކްޑޯނަލްޑް ޑްރައިވް ތްރޫއަށެވެ.
އެ ކާރުގެ ބޭރުގައި ލިޔެފައި ވަނީ؛ "މައާފުކުރައްވާ. ކާރެއް ނެތް. އެކަމު މެކްޑޯނަލްޑް ބޭނުންވޭ އެބަ،" އެވެ.
އެންމެފަހުން ދެމައިން ގޮސް މެކްޑޯނަލްޑް އިން އޯޑަރު ކުރުމުން ދެމީހުންގެ މަސައްކަތް ފެނަށް ގޮސްފައި ނުވާކަން ހާމަވި އެވެ. މެކްޑޯނަލްޑް އިން ދެމައިންގެ އޯޑަރަށް ތަކެތި ވިއްކާފައިވެ އެވެ.