މިހާރު މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ވަނީ ހަރުކަށި ލޮކްޑައުންއެއް ކަމަށާއި އިތުރަށް ލޮކްޑައުން ހަރުކަށި ކުރާކަށް ސަރުކާން ނޫޅޭ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކޭސްތަކެއް ފެނިދާނެ ކަމަށް ބެލެވޭތީ ސަރުކާރުން ލޮކްޑައުން އިތުރަށް ހަރުކަށި ކުރުމަށް ނިންމާފައިވާކަމަށް ބުނެ މިދިޔަ ދެ ދެ ދުވަސް ތެރޭ ޝޯޝަލް މީޑިއާގައި މެސެޖުތަކެއް ވަރަށް ބޮޑަށް ދައުރުވަމުންދިޔަ އެވެ.

މިރޭ ދަރުބާރުގޭ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި މަބްރޫކު ވަނީ އެކަން ދޮގު ކުރައްވާފައެވެ. މަބްރޫކު ވިދާޅުވީ، އެފަދަ އެއްވެސް މަޝްވަރާއެއް އަދި މިހާތަނަށް ސަރުކާރުން ކުރަމުން ނުދާ ކަމަށާއި ކުރިއަށް އެފަދަ ފިޔަވަޅެއް އަޅާނަމަ، ހާލަތު އިތުރަށް ވަޒަން ކޮށް އަޅަން ޖެހޭ ފިޔަަވަޅުތައް އަޅާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. މިއަންނަ ސާޖަށް ތައްޔާރުވުމުގެ ގޮތުން ލޮކްޑައުން ހާލަތު ގެންނަ ޖެހޭ ވަރަށް މިއޮތީ ގެނެވިފައި. އަދި އިތުރަށް ފިޔަވަޅެއް ގެނައުމުގެ ކުރިން އަޅުގަނޑުމެން ދަތުރުކުރަމުންދާ މިސްރާބު އެސެސްކުރުމަށްފަހު ފިޔަވަޅެއް އަޅާނަމަ އަޅާނެ،" މާލޭގެ ލޮކްޑައުން ހަރުކަށި ކުރުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށް މަބްރޫކް ވިދާޅުވި އެވެ.

މާލެއިން މިދިޔަ މަހު 15 ވަނަ ދުވަހު އެންމެ ފުރަތަމަ ކޭސްއެއް ފެނުމާއެކު އެންމެ ފުރަތަމަ ލޮކްޑައުން އިއުލާން ކުރީ 24 ގަޑި އިރަށެވެ. އެފަހުން ތިން ފަހަރެއްގެ މަތިން ލޮކްޑައުންގެ މުއްދަތު އިތުރުކުރިއެވެ. އެގޮތުން އެންމެ ފަހުން އިތުރުކުރި ލޮކްޑައުންގެ މުއްދަތު ނިމޭނީ މިމަހު 14 ވަނަ ދުވަހަށެވެ.

މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދަކީ، 785 އެވެ. އޭގެ ތެރެއިން 29 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެެ މީހުންގެ ތެރެއިން 19 މީހަކު ވައިރަހުން ރަނގަޅުވި ކަމަށް އިއުލާން ކުރީ މިރެއެވެ. މިހާތަނަށް ވައިރަހުން މަރުވި މީހުންގެ އަދަދަކީ ތިނެކެވެ.

މިހާރުގެ އަންދާޒާތަކުން ރާއްޖެއިން މުޅި ޖުމްލަ 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކުރިން އަންދާޒާ ކުރި ވަރަށް ވުރެ، މަރުވާ މީހުންގެ އަދަދު 50 ޕަސަންޓް ދަށްވާނެ ކަމަށް ލަފާ ކުރެވެއެވެ.