ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ބަންޑާނައިބްގެ އޮފީސް ތަމްސީލު ކުރާނެ ވަކީލަކު ފޮނުވުމަށް ނެރެފައިވާ އަމުރެއްކަމަށް ހައިކޯޓުން ކުރި ހުކުމަށް ތަބާވެ، ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވާން ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި މާދަމާ ހެނދުނު އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވާ ވަކީލު މިއަދު ގައްދު އަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފް ކުރުމަށް ބަންޑާރަ ނައިބު އޮފީހުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު ހައިކޯޓުން މި މަހުގެ 13 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ބަންޑާރަ ނައިބު ކޯޓަށް ހާޒިރުވުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަކީ ސީދާ ބަންޑާރަ ނައިބް ހާޒިރު ވުމަށް ނެރެފައިވާ އަމުރެއް ނޫން ކަމަށެވެ.
ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވި، ކޯޓަށް ހާޒިރުވާ އަމުރަކީ އެ ކޯޓަށް ހުށަހެޅިފައިވާ ޕެންޝަނާ ގުޅޭ މައްސަލަ އަކާ ގުޅިގެން ފޮނުވި އަމުރެކެވެ.

ބަންޑާރަ ނައިބްގެ ބަދަލުގައި ބަންޑާރަ ނައިބް ކަނޑައަޅުއްވާ އެހެން ފަރާތެއް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވައިދެވިދާނެ ކަމަށް އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައިވެ އެވެ.