10 May 2020, 09:19
ޓޮޓެންހަމްގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުންގް މިން އެގައުމުގެ އަސްކަރީ ހިދުމަތުގެ ގޮތުގައި ތިން ހަފްތާގެ މުއްދަތު ފުރިހަމަކޮށް އެންމެ ރަނގަޅަށް މަސައްކަތްކުރި ފަރާތަށް ދިން ހާއްސަ އެވޯޑް ވެސް ހާސިލްކޮށްފިއެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއާ އެކު ގިނަ ކުލަބުތަކުގެ ކުޅުންތެރިން ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ. އެކަމަކު ގައުމުތަކުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުުތަކާ އެކު ކުޅުންތެރިން ވަނީ ގޭގައި މަޑުކުރަން މަޖުބޫރުވެފަ އެވެ.
އެކަމަކު ޓޮޓެންހަމްގެ ހުނަރުވެރި ފޯވާޑް މި ދަނޑިވަޅުގައި ވަނީ އޭނަގެ ގައުމު ކަމަށްވާ ދެކުނު ކޮރެއާގެ އަސްކަރިއްޔާއާ ގުޅިފަ އެވެ. އެ ގައުމުގައި ފިރިހެނުން އުމުރުން 28 އަހަރުވުމުގެ ކުރިން އަސްކަރީ ހިދުމަތުގައި ވަކި މުއްދަތެއް ހޭދަކުރުމަކީ މަޖްބޫރު ކަމެކެވެ.
ނަމަވެސް 2018 ވަނަ އަހަރު އޮތް އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ދެކުނު ކޮރެޔާ އަށް ރަން މެޑަލް ހޯދައިދިނުމުގައި އެހީތެރިވެދިނުމުގެ ސަބަބުން އެގައުމުން ވަނީ ސޮންއަށް 21 މަސް ދުވަހު އަސްކަރިއްޔާގައި ހިދުމަތްކުރަން މަޖުބޫރު ނުވާ ގޮތަށް ހަދައިދީފަ އެވެ.
އެކަމަކު ސޮން ވަނީ އެގައުމުގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ގައުމީ ވާޖިބު އަދާކުރުމުގެ ގޮތުން ތިން ހަފުތާގެ އަަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. އެގައުމުގެ އަސްކަރީ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އުމުރުން 27 އަހަރުގެ ސޮންގެ ފަރާތުން އެންމެ ބޮޑު ކުޅަދާނަކަމެއް ފެނިފައިވަނީ ޝޫޓިންގް ގައި ކަމަށާއި އޭނާ އެވޯޑް ހާސިލްކޮށްފައިވަނީ 157 ފަރާތެއް ހިމެނުނު ޕޫލެއްގެ ތެރެއިން ކަމަށެވެ.
ސޮން ގައުމަށް ކޮށްދިން ހިދުމަތަށާއި އޭނާ އަސްކަރިއްޔާގައި އެ ހޯދި ކާމިޔާބީއަށް އޭނަގެ ކުލަބް ޓޮޓެންހަމުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ޓޮޓެންހަމްއިން މިހާރު ރަސްމީކޮށް ޕްރެކްޓިސްތައް ފެށުމަށް ތައްޔާރުވަމުންދާ އިރު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސޮން ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާނެ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.