ކޮވިޑް 19 ގެ ސަބަބުން ސުކޫލުތައް ބަންދުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދެން ސުކޫލުތައް ހުޅުވޭއިރު ކުދިންނާއި ޓީޗަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

ކޮވިޑް 19 ފެތުރެމުންދާތީ ސުކޫލުތައް ބަންދުކުރި ފަހުން މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ހިމެނިވަޑައިގަންނަވާ ގޮތަށް ތައުލީމީ ދާއިރާގެ އިސްވެރިންނާއެކު ކުދިންގެ ކިޔެވުމާއި ސުކޫލުތައް ހުޅިވޭއިރު އަމަލުކުރާނެ ކަންކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އެގޮތުން މިހާލަތުގައި ސްކޫލުކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި އިމްތިހާނުތައް ބޭއްވުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދަރިވަރުންގެ ކަންކަން މި ދުވަސްވަރު ބެހެއްޓުމަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވި ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

"މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަންއާއި އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޮވިޑް-19ގެ ހާލަތަށްފަހު ސްކޫލުތައް ހުޅުވޭއިރު ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން ވެސް މައުލޫމާތު ހިއްސާކުރައްވާފަ. އެގޮތުން ސްކޫލުތައް ދެން ހުޅުވޭއިރު އިންތިޒާމު ކުރަންޖެހޭ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންރޭވިފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިނިސްޓަރ އޮފް އެޑިއުކޭޝަންއާއި އަދި ދާއިރާގެ އިސްބޭފުޅުން މައުލޫމާތު ހިއްސާކުރެއްވި." ރައީސް އޮފީހުން ބުންޏެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް އަމަލު ކުރައްވަން ނައިބު ރައީސް އިރުޝާދު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މާލޭ މިހާރު ފުލް ލޮކްޑައުންއަކަށް ގޮސްފައިވާއިރު ރާއްޖޭގައި ސުކޫލުތައް ހުޅުވޭނެ ދުވަހެއް އަދި ނޭންގެ އެވެ. އެކަމާ ބެހޭ މައުލޫމާތެއް ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މިހާރު ސުކޫލުތައް ހުޅުވާފައިވާއިރު ކިޔަވައިދެމުން ދަނީ ތިން ފޫޓު ދުރުގައި ގޮނޑިއާއި ޑެސްކް ޖަހައިގެންނެވެ. އަދި ދަރިވަރުން މާސްކް އެޅުމަށާއި އަންގި ލެއްވުމަށް ވަނީ މަޖުބޫރުކޮށްފަ އެވެ.