09 May 2020, 19:05
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "ކޮމްޕްރޮމައިޒް" ކޮށްގެން ސަރުކާރުގެ ހިސާރުކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝިދު ސީޕީ ހަމީދުގެ ދިފާއުގައި މިގޮތަށް ނިކުނެންވީ، ކޮމިޝަނަރު ހަމީދު ކުލަބެއްގެ ތެރޭގައި ޕާޓީ ކުރައްވާތަން ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި އާންމުވެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދަކީ އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކާއި ހައްދުފަހަނަ އެޅި ފިކުރުގެ މީހުން އަޑީގައި ތިބެގެން ސީޕީ ކުރައްވާ މަސައްކަތުގެ މިސްރާބު ބަދަލުކޮށްލުމަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ސީޕީ ހަމީދު ކޮމްޕްރޮމައިޒް ކޮށްގެން، ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި ކޮރަޕްޝަނާއި، ހައްދުފަހަނައެޅި މީހުން ރެކި ތިބެ، ސަރުކާރު ހިސާރުކުރަން ޖާގައެއް ނުދެވޭނެ،" ސަރުކާރުން ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަންވެސް ކުރައްމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
ސީޕީގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ޓުއަރިސްޓުންތަކަކަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތުވާ ހައްދު ފަހަނައެޅި ފިކުރުމުގެ ބައެއްގެ މައްޗަށް ދައުވާ ނުކުރެވި އެ މީހުން ދޫވެފައި ތިބި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.