24 Dec 2011, 01:22
ބޮޑު މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކުރި ފަސް ކަންތައްތަކުގެ ގާނޫނީ ހަސިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށާއި ދީނުގެ ނަމުގައި ބޭއްވި މުޒާހަރާއަށް އެތައް ސަތޭކަ ބަޔަކު އެއްވުމުން ސިޔާސީ ބޭނުމެއްގައި ސަރުކާރަށް ޑިމާންޑު ކުރުމުގެ ހައްގު ސިޔާސީ ފަރާތްތަކަށް ލިބިގެންނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިސްލާމް ދީނުގެ ހިޔާމަތުގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން އަށް ގަޑި އިރުވަންދެން ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކުރި ފަސް ކަންތަތަކަކީ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓުތަކުން އައްޑޫ ސިޓީ ތާހިރު ކުރުމަށާއި އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތުމަށާއި އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިޒްރާއިލް" ގެ ފުލައިޓްތައް ރާއްޖޭގެ ޖެސުމުގެ ހުއްދަ ބާތިލް ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ހިސާބުތައް ފަޅު ރަށްތަކުގެ ގޮތަށް ނިންމެވި ނިންމުން ބާތިލް ކުރުމަށާއި ހަށި ވިއްކުމަށް ހުޅުވާފައިވާ މަސާޖު ޕާލާތައް ބަންދު ކުރުމަށެވެ.
މުޒާހަރާގެ ފަސް ޑިމާންޑާ ބެހޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިރޭ ވިދާޅުވީ ފަސް ޑިމާންޑާ ސުވާލު އުފެދެނީ އެ ޑިމާންޑުތައްކޮށްފައި ވަނީ މަދަނީ އިއްތިހާދުންތޯ ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީތަކުންތޯ އަދި މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރި ޑިމާންޑުތަކެއްތޯ ސަރުކާރަށް ސާފުނުވާތީ ކަމަށެވެ. އަދި އެ ޑިމާންޑްތަކަކީ ސަރުކާރަށް އާ ޑިމާންޑުތަކެއް ނޫން ކަމަށާއި އެއީ މީގެ ކުރިންވެސް ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތަކެއް ކަމަށް ޒުހައިރު ވިދާޅުވި އެވެ. ނަމަވެސް އެ ޑިމާންޑްތަކަށް ސަރުކާރުން އަމަލު ކުރާނެ ކަމުގެ ޔަގީންކަމެއް ޒުހައިރު ނުދެއްވަ އެވެ.
ދީނުގެ ނަމުގައި ފެށި މުޒާހަރާއަށް 5000 މީހުން އެއްވި ކަމަށް އިޝާރާތް ކުރައްވާ ޒުހައިރު ވިދާޅުވީ އެތަށް ސަތޭކަ ދިވެހި ރައްޔިތުން މުޒާހަރާއަކަށް އެއްވުމުން ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ބަޔަކު މަސައްކަތް ކުރި ކަމަށާއި އެކަމާ ސަރުކާރުން ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށެވެ.
މިރޭގެ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރަށް ހުށަހެޅި ޑިމާންޑްތަކަށް ރައީސް ނަޝީދު އިޖާބަ ނުދެއްވައިފިނަމަ ދެން ނުކުންނަ ބޮޑު މުޒާހަރާގައި ސަރުކާރު ވައްޓާލަންޖެހިދާނެ ކަމުގެ އިޝާރާތެއް ކުރެއްވި އެވެ. އަދި ދީނާ ކުޅެން ސަރުކާރުން އުޅެފިނަމަ ރައްޔިތުންގެ އުތުރި އެރުން އެއްވެސް ބަޔަކަށް ކޮޓްރޯލް ނުކުރެވޭނެ ކަމަށް ޝެއިހް އިލްޔާސް ހުސައިން ވެސް ވަނީ ވިދާޅުވެފަ އެވެ.
މިއަދު ހަވީރު 4:00 ގައި ސުނާމީ ބިނާ ސަރަހައްދުގައި ފެށި މުޒާހަރާއަށް އެތައް ހާސް ބަޔަކު އެއްވެ ދީނުގެ ހިމާޔަތުގައި ދިވެހިން ތިބިކަން ދައްކުވައިދިނުމުން އެ ސަރަހަށްދަށް ވަނީ "ނަސްރުގެ މައިދާންގެ"ގެ ނަމުން ނަންދީފަ އެވެ. އަދި އަށް ގަޑިއިރަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި މަޣުރިބް ނަމާދާއި އިޝާނަމާދުކޮށް، ބޮޑު މުޒާހަރާ ވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ.