ކޮވިޑް-19 އަށް ފަރުވާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް، ކޮވިޑް-19 އަށް ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރި އިރު އެތަނަށް ކޮންމެ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މި މުއްދަތުގައި ވެސް އެ ހަރަދުތައް ކުރާނީ ތަނުގެ މަނޭޖްމަންޓުން ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ކަމަށްވާ، ޗަމްޕާ އާއިލާއިން ހިންގާ އެ ހޮސްޕިޓަލްގެ އާންމު ހިދުމަތްތައް ހުއްޓާލައި ތިން މަސް ވަންދެން، އެ ހޮސްޕިޓަލް ވަނީ ކޮވިޑްއަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.

އެކަމާ ގުޅިގެން މިއަދު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފައިންބާގް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލު، ކޮވިޑް ފެސިލިޓީގެ ގޮތުގައި ހިންގާއިރު އެ ހޮސްޕިޓަލުގެ މެނޭޖުމެންޓާއި މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.

ތިން މަހަށް އެތަން ކޮވިޑް-19 ފެސިލިޓީއަކަށް ހަމަޖައްސާފައިވާއިރު އެ މުއްދަތުގައި 20 މިލިއަން ވަރަކަށް ރުފިޔާ ކޮންމެ މަހަކަށް ހޭދަވާއިރު އެ ހަރަދުތައް ކުރާނީ ކުންފުނީގެ ޝެއާ ހޯލްޑަރުން ކަމަށް ފައިންބާގް ވިދާޅުވި އެވެ.

"މި ހޭދަތަކުގެ ތެރޭގައި އެތަނުގައި މަސައްކަތް ކުރާ މުވަައްޒަފުންގެ މުސާރަ ވެސް ހިމެނޭނެ،" ފައިންބާގު ފާހަގަކުރެއްވި އެވެ.

ފައިންބާގު އިތުރަށް ވިދާޅުވީ އެ މުއްދަތުގައި ޓްރީ ޓޮޕްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް "ހެޒާޑަސް ޕޭ"ގެ ގޮތުގައި ހާއްސަ އިނާޔަތެއް ލިބޭނެ އެވެ. ހެޒާޑަސް ޕޭ އަކީ މުވައްޒަފުގެ މުސާރައިގެ 10 ޕަސެންޓް ގޮތުގައި ކަމަށް ފައިންބާގު ވިދާޅުވި އެވެ.

އަދި ޕެއިޑް ސިކް ލީވްގެ 30 ދުވަހުގެ އިތުރުން، ސިކް ލީވްގެ ގޮތުގައި 60 ދުވަސް އެ ފަރާތްތަކަށް އިތުރަށް ލިބިގެންދާނެ ކަމަށްވެސް ފައިބާގު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތުގައި އުޅެނިކޮށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިއްޖެނަމަ އެ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތާ ހަމައަށް ޕެއިޑް ޑިސެބިލިޓީ ލީޥް އެއް ލިބޭނެ ކަމަށެވެ. މަސައްކަތުގެ މާހައުލުގައި ފޭޓާލިޓީއެއް ވެއްޖެނަމަ އެ ފަރާތްތަކަށް ހާއްސަ ކޮމްޕެންސޭޝަން ސްކީމެއް ވެސް ގާއިމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓްރީ ޓޮޕް ފެސިލިޓީއަކަށް ހެދިނަމަވެސް އެކަމަށް ބޭނުންވާ އާލާތްތައް ހޯދުމާއި އިތުރު ވަސީލަތްތައް ފަހިކުރުމުގެ މަސައްކަތް ކުރާނީ ސަރުކާރުން ކަމަށް ފައިންބާގު ވިދާޅުވި އެވެ. އެގޮތުން ފަރުވާ ކުރަން ބޭނުންވާ ބޭހާއި އެހެން ވެސް ސާމާނު ސާރުކާރުން ދޭއިރު، އިތުރު މުވައްޒަފުން ވެސް ސަރުކާރުން ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.