ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ގެ 180 ބަލި މީހަކަށް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ކަމަށްވާ، ޗަމްޕާ އާއިލާއިން ހިންގާ އެ ހޮސްޕިޓަލްގެ އާންމު ހިދުމަތްތައް ހުއްޓާލައި ތިން މަސް ވަންދެން، އެ ހޮސްޕިޓަލް ވަނީ ކޮވިޑްއަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި މިއަދު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓެންޓް އެނަސްތެޓިސްޓް އެންޑް އައިސީޔޫ، ޑރ. އަމްރު ސަފްވަތު ވިދާޅުވީ، އެ ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި އެއް ފަހަރާ 45 މީހުންނަށް ފަރުވާ ދެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 15 އައިސީޔޫ އެނދާއި 15 ޕްރީ އައިސީޔޫ އެނދުގެ އިތުރުން 15 ޕޯސްޓް އައިސީޔޫ އެނދު ހިމެނޭނެ ކަމަށް ޑރ. ސަފްވަތު ވިދާޅުވި އެވެ.

"މިއީ މިހާރު އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާ ކެޕޭސިޓީއަކީ. މި ކެޕޭސިޓީގައި މިވަގުތު ހުރިހާ ޕޭޝަޓުންނަށް ފަރުވާ ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ފުލް ކެޕޭސިޓީގައި ހޮސްޕިޓަލް އޮޕަރޭޓް ކުރަން ފެށުމުން، 180 މީހަކަށް ފަރުވާދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕްގެ ސީއީއޯ ޑޭވިޑް ފެއިންބާގް ވިދާޅުވީ، އެ ހޮސްޕިޓަލް ކޮވިޑް-19 ބަލި މީހުންނަށް ހާއްސަ ކުރަން އެ ހޮސްޕިޓަލްގެ ބޯޑުން ނިންމީ، މިވަގުތު ރާއްޖެއެއަށް ދިމާވެފައިވާ ބަލިމަޑުކަމުން ގައުމު ސަލާމަތް ކުރުމަށް އެހީތެރިވުމަކީ ގައުމީ ޒިންމާއެއް ކަމުގައި ދެކިގެން ކަމަށެވެ. އަދި އެކަމުގައިި އެ ހޮސްޕިޓަލްގައި މިވަގުތު ވަޒީފާގައި ތިބި ހުރިހާ ސްޓާފުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ބޭނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ވަސީލަތްތައް ހާއްސަކޮށް ކޮވިޑް-19 އަށް ފަރުވާދެވޭ ސެންޓަރެއްގެ ގޮތުގައި ދިނުމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރުން މިހާރު ނިންމަވާފައިިވާކަމަށް ކުރިން ވަނީ ބުނެފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކެޕޭސިޓީ ގާއިމުކުރުމަށް ބޭނުންވާ އިކުއިޕްމެންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި މިހާރު އެތަކެތި ރޭވުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެ ހޮސްޕިޓަލްގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭހާއި އެހެން ބައެއް ތަކެއްޗާއި ބައެއް މުވައްޒަފުން ވެސް ފޯރުކޮށްދޭނީ ސަރުކާރުންނެވެ.