09 May 2020, 15:14
ކޮރޯނާވައިރަސް، ކޮވިޑް-19އަށް އިތުރު 22 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ، 16 ދިވެއްސަކާއި ހަތަރު ބަންގްލަދޭޝް މީހަކާއި އިންޑިއާ އެކަކު އަދި ނޭޕާލް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެއާ އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 766 އަށް އެރީ އެވެ. އޭގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ އިރު ކޮވިޑް-19 ޖެހިފައިވާ ތިން މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ. އަދި 20 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފަ އެވެ.
އިއްޔެ އެކަނިވެސް ރާއްޖޭގައި ވަނީ، 96 މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރޭގައި މިހާރު ފެނިފައިވާ އެއްވެސް ކުލަސްޓާއަކާ ގުޅުމެއް ނެތް، 33 އިންޑިޕެންޑެންޓް ކޭސް ހިމެނެ އެވެ. އަދި އެ ޖުމްލަ 38 އަކަށް ވަނީ އަރައިފަ އެވެ.
އެޗްޕީއޭއިން ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވެ "ސާޖެއް" އަންނާނެ އެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު އެކަނި 1،600 މީހަކަށް ބަލި ޖެހި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ގިނައިން ބަލި ފެތުރެމުން އަންނަނީ، ތޮއްޖެހިގެން އެއް ތަނެއްގައި އުޅޭ ބަންގަލަދޭޝްގެ މީހުންގެ މެދުގަ އެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ 55.91 ޕަސެންޓަކީ ބަންގަލަދޭޝް މީހުންނެވެ. ދިވެހިންއަކީ، 31.99 ޕަސެންޓެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ގޭބިސީތަކަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.