ކޮރޯނާވައިރަސް، ކޮވިޑް-19 ގެ ފުރަތަމަ ކޭސް އައްޑޫއިން ފެނުމާ އެކު، މިއަދުން ފެށިގެން 14 ދުވަހަށް އެ ސިޓީ ލޮކްޑައުން ކުރަން ނިންމާފައިވާކަން އެ ސިޓީގެ ކައުންސިލުން ހާމަކޮށްފި އެވެ.

އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އޮންލައިންކޮށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އައްޑޫ ލޮކްޑައުން ކުރަން ނިންމީ، އެޗްޕީއޭއިން އެގޮތަށް އެންގުމުން ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން 14 ދުވަސް ވަންދެން އާންމުންނަށް ގެއިން ބޭރަށް ނިކުތުން މަނާވާނެ ކަމަށާއި ފިހާރަތަކަށް ނިކުތުން ވެސް މިވަގުތަށް މަނާވާނެ ކަމަށް ސޯބެ ވިދާޅުވި އެވެ.

މިއާއެކު އެ ސިޓީއަށް އަރާފޭބުން ވެސް ވަނީ މަނާކޮށްފައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

އައްޑޫ ސިޓީއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވިކަން އެނގުނީ، އިއްޔެ ހެނދުނު އެ ހޮސްޕިޓަލަށް ދިޔަ ހިތުގެ ބައްޔަށް ފަރުވާހޯދާ މީހަކު އިތުރު ފަރުވާ އަށް މާލެ ގެނެސް، އައިޖީއެމްއެޗުން ހެދި ރޫޓިން ޓެސްޓަކުންނެވެ. ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ހާލު ސްޓޭބަލް ކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފް ސާދާތު ޕްރެސްގައި ވިދާޅުވި އެވެ.

ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ ކ. އަނަންތަރާ ރިސޯޓެއްގައި މަސައްކަތް ކުރުމަށް ފަގު މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު މާލެއިން އައްޑޫ އަށް ދިޔަ މީހެކެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ސޯބެ ވިދާޅުވީ މިހާލަތުގައި އޭނާގެ ގައިގައި ކުރީއްސުރެ ބަލި ހުރީކަމެއް ނޫނީ ކޮމިޔުނިޓީ ތެރެއިން ބަލި ޖެހުނީކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އައްޑޫގައި މިހާރު ކޮވިޑްގެ ކޮމިޔުނިޓީ ސްޕްރެޑެއް އެބައޮތްކަމަށް ބެލެވޭ ކަމަށް ސޯބެ ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ މެނޭޖަރު ސާދާތު ވިދާޅުވީ، ބަލިމީހާ އާއި ކޮންޓެކްޓުވި ހަތް ޑޮކްޓަރަކާއި 10 ނަރުހަކު މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި ބަލިމީހާ މާލެ ފުރުވަން ދިޔަ އޭނާގެ ތިމާގެ މީހުންނާއި ބަލިމީހާ އުފުލުމުގައި ހަރަކާތްތެރިވި ސަޕޯޓް ސްޓާފުންނާއި އެއާޕޯޓުގެ މުވައްޒަފުންވެސް ފާހަގަ ކޮށްފައިވާ ކަމަށް ސާދާތު ވިދާޅުވި އެވެ.

"މިހާތަނަށް ފާހަގަވެފައިވޭ ބަލިމީހާ އާ ޑައިރެކްޓުކޮށް ކޮންޓެކްތުވި 26 މީހެއް. އެމީހުންނާ ކޮންޓެކްޓުވި މީހުން ނުވަތަ ސެކަންޑްރީ ކޮންޓެކްޓްސް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން،" ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރައްވާ ސާދާތު ވިދާޅުވި އެވެ.

ބައްޔަށް ޕޮޒިޓިވްވި މީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާދާތު ވިދާޅުވީ ބަލިމީހާ އެއާޕޯޓަށް ގެންދިޔަ އެމްބިޔުލާންސްގައި އިތުރު ބަލިމީހަކު ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

"އޭރު އަޅުގަނޑުމެންނަކަށް ނޭނގެ އޭނާ ބައްޔަށް ޕޮޒިޓިވްވި ކަމެއް. އެމްބިޔުލާންސްގައި ހޮސްޕިޓަލަށް ގެނައި ޕޭޝަންޓް ދަނީ މިހާރު މޮނީޓާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މޭޔަރު ސޯބެ ވަނީ ފާއިތުވި ދުވަސްތަކުގައި ޕޮޒިޓިވްވި މީހާ އާއި ބައްދަލުވި އެއްވެސް މީހަކު ވާނަމަ، އަދި އެ ގެއަށް ގޮސްފައިވާ މީހަކު ހުރިނަމަވެސް އެ މައުލޫމާތު ޓާސްކް ފޯހާ ހިއްސާ ކުރުމަށް އެދިލައްވައިފަ އެވެ.

އައްޑޫގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމަށް ބަލާ، އައްޑޫ ސިޓީ ފުލް ލޮކްޑައުން އަކަށް ގޮސްފައިވާއިރު މިހާތަނަށް ރާއްޖެއިން ކޮވިޑްގެ 766 ކޭސް ފެނިފައިވެ އެވެ.

އުތުރުގެ ބައެއް ރަށްރަށުންވެސް ކޮވިޑް19 ގެ ކޭސްތައް ފެނިފައިވާއިރު ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަޑުޖައްސާލައިފަ އެވެ. ހާއްސަ ހުއްދައެއްގެ ދަށުން ދަތުރުތައް ކުރެވުނު ނަމަވެސް، އެފަދަ ދަތުރުތައްވެސް ނުކޮށް ފަރުޖެހެން އޮތްނަމަ ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.