24 Dec 2011, 00:52
"އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މިނަމުގައި މިރޭ ކުރި މުޒާހަރާ ނިންމާލި އިރު އެފަދަ އެހެން މުޒާހަރާއެއް ބާއްވާނެ ދުވަހެއް ކަނޑައަޅައި އިއުލާން ނުކުރީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް، ކަންތައްތައް އިސްލާހުކުރުމަށް ވަގުތު ދިނުމަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝެއިޚު އިމުރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މުޒާހަރާއަށް ފަހު ވާހަކަފުޅު ދައްކަވަމުން އިމްރާނު ވިދާޅުވީ މިއަދުގެ މުޒާހަރާގައި ޑިމާންޑްކުރި ކަންތައްތަކަކީ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ ކަންކަން ކަމަށާއި އެކަންކަން ކުރުމަށް ސަރުކާރަށް ވަގުތު ދޭން ބޭނުން ކަމަށާއި ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރަކީ ޑިމޮކްރެޓިކް ސަރުކާރެއް ކަމަށް ވާނަމަ ރައްޔިތުންގެ ޑިމާންޑްތަކަށް އިޖާބަދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިމްރާނު ވިދާޅުވީ މުހިއްމީ ސުންގަޑިއެއް ނޫންކަމަށާއި އަދި ސަރުކާރުން ރައްޔިތުންގެ ޑިމާންޑްތަކަށް އިޖާބަ ނުދޭނަމަ ރައްޔިތުން ނުކުމެ އެކަންތައްތައް ހައްލުކުރާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މުޒާހަރާއަށް ފަހު ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު އައްޝެއިޚު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ މުޒާހަރާ ކުރީ ވަރަށް ބޮޑަށް މަޝްވަރާކޮށް، ސުލްހަވެރިކަމާ އެކު ބޭއްވޭނެ ގޮތަކަށް އިންތިޒާމުކޮށްގެން ކަމަށެވެ.
އަދި ވިދާޅުވީ މިހާ ގިނަ ބަޔަކު މިހާ ގިނަ ވަގުތު މިހާ އަމާންކޮށް މުޒާހަރާ ބޭއްވުމަކީ ބައިނަލް އަގުވާމީ މުޖުތަމައަށް ވެސް ދެއްކުނު ނަމޫނާއެއް ކަމަށެވެ.