09 May 2020, 14:42
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަަޅަމުން ގެންދާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ސިޔާސީ އެކި ޕާޓީތަކާއި ފަރާތްތަކުން އެ މަސައްކަތްތައް ބަލައިގަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިހާރު ފެތުރެމުންދާ ވައިރަސް އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުންގެ ފާޑުކިޔުން ރައްދުވަމުންދާ ވަގުތެއްގައި އެކަމާ ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ވިސްނުމުން ދުރުވެ ކަމާ ގުޅުންހުރި މާހިރުންގެ އިރުޝާދާއި ލަފާގެ މަތީން ކަމަށެވެ.
"ސަރުކާރުން މިއަދު ކުރަމުން ގެންދާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން. މިއީ މިއަދު ދިމާވެފައިވާ ބޮޑު ކާރިސާއިން އަރައިގަތުމަށް ހުރިހާ ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތަށް، އެންމެ ރައްކާތެރިގޮތަށް ކުރަމުންދާ މަސައްކަތް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އެ މަސައްކަތުގައި ސިޔާސީ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ސިޔާސީ ބޭފުޅުން، އަދި ވަކިން ހާއްސަކޮށް އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެކެވޭ ކަމަށާއި އެ ފަރާތްތަކުން ވިދާޅުވަނީ ސަރުކާރުން ވަރަށް ރަނގަޅު ފިޔަވަޅުތައް އަޅަމުން ދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެެވެ.
"އެބަ ވިދާޅުވީ ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަކީ އެބޭފުޅުން ބަލައިގަންނަ ކަންކަންތައް ކަމަށް. އެހެންވީމަ މިކަމުގައި، ޓެކްނިކަލް ޓީމުތަކުގައި ސިޔާސީ ގޮތުން އެކި ބަޔަށް ނިސްބަތްވާ ބޭފުޅުން ތިއްބަވާނެ. އެ ބޭފުޅުންނަށް އެނގިވަޑައިންނަވާނެ މި ނިންމުންތައް ނިންމަނީ ސިޔާސީގޮތުން ތަފާތުކުރުމެއް ބާއްވައިގެން ނޫން ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، މިނިސްޓަރުގެ އެ ވާހަކަތަށް ވަނީ، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބަޔާނެއް ނެރެ ދޮގުކޮށްފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަލައި ނުގަންނަ ކަމަށެވެ. އަދި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެވާހަކަތައް ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ކޯލިޝަނުން ބުނެފައިވަނީ ކޮވިޑް-19 ރާއްޖޭގައި މިހާރު ފެތުރިފައިވާ މިންވަރަށް ފެތުރިގެން ގޮސްފައިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސަރުކާރުގެ އިހުމާލު އެކަމުގައި އޮތް މިންވަރު ބޮޑުކަމުން ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިސްރާފުކޮށް ނަހަމަގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ އަމަލު ހިންގައި ބޭރުގެ އެކިއެކި ފަރާތްތަކުން ލިބޭ ހިލޭ އެހީއާއި ނަގަމުން ގެންދާ ލޯނުތަކަށް ވާނުވާ ނޭނގޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.