އދ. މަޖިލިސް (9 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް މަސައްކަތް ކުރުމަށް ބާރުއެޅުމުގެ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރަށް އެމެރިކާ ހުރަސް އަޅައި އެގަރާރު ހުއްޓުވައިފި އެވެ.

ފަރަންސޭސިވިލާތުގެ ތާއީދާ އެކު އަރަބި ގައުމެއްކަމަށްވާ ތޫނިސް އިން ހުށަހެޅި އެގަރާރަށް އެމެރިކާ ދެކޮޅު ހެދުމާ އެކު ވީޓޯކޮށްފާނެކަން ކަށަވަރުވުމުން އެގަރާރަށް ވޯޓަށް ނާހައި ވަނީ ދޫކޮށްލައިފަ އެވެ.

ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ދެލިކޮޕީ ބުނަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތައް، ދުނިޔޭގެ ގައުމުތަކުން ކޮވިޑް-19 އާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހުއްޓުމަކަށް ގެނައުމަށް ގޮވާލާ ކަމުގަ އެވެ.

އެގަރާރަށް ހުރަސް އަޅަމުން އެމެރިކާގެ މަންދޫބު ވިދާޅުވެފައި ވަނީ އެގަރާރު އޮތްގޮތް އެމެރިކާ ގަބޫލުނުކުރާ ކަމަށާއި އެއަށް އެމެރިކާ ބޭނުންވާ ބަދަލު ނުގެންނަ ނަމަ ފާސްކުރުމަށް ހުރަސްއަޅާނެކަމުގަ އެވެ. ނަމަވެސް އެގަރާރަށް އެމެރިކާ ގެންނަން ބޭނުންވަނީ ކޮންބަދަލެއްކަން އެގައުމުގެ މަންދޫބު ސާފުކޮށްދީފައެއް ނުވެ އެވެ.

އެމެރިކާ ހުރަސްއެޅީ އެ ގަރާރުގައި، ކޮވިޑް-19ގެ މައްސަލާގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ "ޑަބްލިއު.އެޗް.އޯ" ކުށްވެރިކޮށްފައި ނުވުމާއި ކޮވިޑް-19ގެ ޒިންމާ ޗައިނާ އުފުލަންޖެހޭ ގޮތަށް އެގަރާރު ބައްޓަންކުރުމަށް އެމެރިކާ ހުށަހެޅި ހުށަހެޅުންތައް އޭގައި ހިމަނާފައި ނުވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ ހުށަހެޅި ހުށަހެޅުންތައް ހިމެނިނަމަ އަނެއްކޮޅުން ޗައިނާއާއި ރަޝިއާއިން އެގަރާރު ވީޓޯ ކުރާނެކަމަށްވަނީ ބެލެވިފައެވެ.

ޓްރަމްޕް

ކޮވިޑް-19 އަކީ ދުނިޔޭގެ އަމަނާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވިޔަސް ކޮވިޑް-19 އާ ދެކޮޅަށް ގަރާރެއް ފާސްކުރުމުގައި ސަލާމަތީ މަޖިލިސް ވަނީ ނުކުޅެދިފަ އެވެ. ނުކުޅެދިފައިވަނީ ޗައިނާއާއި އެމެރިކާގެ ދެބަސްވުންތަކުގެ ސަބަބުންނެވެ. އެބޯލާ ވައިރަސް އާއި ސާސް ވައިރަސް އާ ދެކޮޅަށް ވެސް އެ ރޯގާތައް ފެތުރުނު ދުވަސްވަރު ސަލާމަތީ މަޖިލީހުން ވަނީ ގަރާރުތައް ފާސްކޮށްފަ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން އުޅޭތާ ދޮޅުމަސްވަނީ ވެފައެވެ. އެ ގަރާރު ފާސްނުކުރެވިފައިވަނީ ކޮވިޑް-19ގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވަން އެމެރިކާ ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ވަނީ ކޮވިޑް-19 ގެ ހަގީގަތް ޗައިނާ އިން ފޮރުވާފައިވާ ކަމަށާ ޑަބްލިއު.އެޗް.އޯއިން އެރޯގާ އާ ދެކޮޅަށް މަސައްކަތް ފަށާފައިވަނީ މާލަހުން ކަމަށް ވިދާޅުވެ ޑަބްލިއު.އެޗް.އޯ އަށް އެމެރިކާ ދޭ ފައިސާގެ އެހީވެސް އެއްކޮށް ކަނޑާލާފައެވެ. އަދި މިހާރު ޓްރަމްޕް ވަނީ ކޮވިޑް-19 އަކީ އޭނާ ދެވަނަ ދައުރަކަށް އިންތިޚާބުވިޔަ ނުދިނުމަށްޓަކައި ޗައިނާއިން އެމެރިކާއަށް ދިން އުދުވާނީ ހަމަލާއެއްކަމަށް ސިފަކުރައްވައި ވަރަށް ހަރުކަށި އިބާރާތުން ޗައިނާއަށް ބަހުގެ ޙަމަލާތައް ދޭން ފައްޓަވާފައެވެ.

ޗައިނާ ބުނަނީ ޓްރަމްޕްގެ މަގްސަދަކީ ކޮވިޑް-19 އަކީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެއިން ނާޖާއިޒު ފައިދާ ނެގުންކަމުގައެވެ. އަދި ޓްރަމްޕް މަސައްކަތް ކުރައްވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އޭނާގެ ސަރުކާރު ނާކާމިޔާބުވެ އެމެރިކާގެ ހަތްދިހަ ހާހަށްވުރެ ގިނަ މީހުން އެރޯގާ މަރުވެ 30 މިލިޔަން މީހުން ގެ ވަޒީފާ ގެއްލުމުން އެކަމުގެ ބަދުނާމު ޗައިނާގެ ބޮލުގައި އަޅުވައިގެން ޒިންމާއިން ރެކިވަޑައިގެން ސިޔާސީ ނާޖާއިރު ފައިދާ ނެގުމުގެ ފުރުސަތެއް ހޯދުން ކަމުގައެވެ.

ޗައިނާގެ ރައްދު

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނުވަނީ ދޮގުތައް ހެދުމުގެ ބަދަލުގައި ކޮވިޑް-19 ކޮންޓްރޯލްކޮށް އެމެރިކާގެ ރައްޔިތުންގެ ފުރާނަތައް ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ.

ޗައިނާގެ ތަރްޖަމާން

ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭން ނިމެންދެން ކޮވިޑް-19 ގެ ޒިންމާ ޗައިނާ ގެ ބޮލުގައި އެޅުވުމުގެ ކޭންޕޭން ޓްރަމްޕްގެ ސަރުކާރުންނާއި އޭނާގެ ރިޕަބްލިކަން ޕާޓީން ކުރިޔަށް ގެންދާނެއެވެ. ނަމަވެސް ބަހުގެ ޙަމަލާތައް ދިނުން ފިޔަވައި އެހެންކަމެއް ޗައިނާއާ ދެކޮޅަށް އެމެރިކާއަށް ނުކުރެވޭނެ ކަމުގައެވެ.

އަދި ކޮވިޑް-19 ޖެހިގެން އެމެރިކާގެ އެތަށް ހާސް ބަޔަކު ކޮންމެ ދުވަހަކު މަރުވަމުންދާއިރު އެމެރިކާ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ ކޮވިޑް-19 ގެ ޒިންމާ ޗައިނާ ގެ ބޮލުގައި އަޅުވަން އެމެރިކާ ކުރާ މަސައްކަތް ބޮޑުވެއްޖެނަމަ އެމެރިކާގެ އިހްތިރާމް ދުނިޔޭގައި ގެއްލި އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަގްބޫލުކަން ގެއްލުން ފިޔަވައި އެހެންކަމެއް ނުވާނެކަމުގައެވެ.

އެމެރިކާވަނީ ކޮވިޑް-19 އަށް ބޭނުންވާ ވެކްސިން އިޖާދުކޮށް އަގުހެޔޮކޮށް އެވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ބޮޑެތި އަދި މުއްސަނދި ގައުމުތަކުން އޮންލައިންކޮށް މިދިޔަ ހަފްތާގައި ބޭއްވި އެހީ ހޯދުމުގެ ކޮންފަރެންސްވެސް ބޮއިކަޓް ކޮށްފައެވެ. (ނޫސްއެޖެންސީތައް)