09 May 2020, 12:13
އައްޑޫއިން މާލެ ގެނައި ބަލި މީހަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އައްޑޫ ޓާސްކް ފޯހުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ރެފާކޮށް ރޭގެ ވަގުތެއްގައި ފޮނުވާލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެ ސިޓީގައި ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖޭރު ސާދާތް ޝަރަފު "ސަން" އަށް ވިދާުވީ، ހިތުގެ މައްސަލައެއް ހުންނަ އެ މީހާ ހޮސްޕިޓަލަށް ގެނައީ، އިއްޔެ ހެނދުނު 8:00 ގައި ކަމަށާއި އޭނާ ގައިން ކޮވިޑަށް ޝައްކު ކުރެވޭ އެއްވެސް ކަހަލަ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.
"ހިތުގެ މައްސަލައެއް ދިމާވުމުން އިމަޖެންސީ އިވަކުއޭޝަނެއްގައި ފޮނުވާލީ، މާލެއަށް ރޭ ދަންވަރު 3:00 ހާއިރު. އުސޫލު އޮންނަ ގޮތުން އައިޖީއެމްއެޗަށް އެގޮތަށް ގެންނަ ބަލި މީހުންގެ ސާމްޕަލް ނަގައި، ކޮވިޑަށް ޓެސްޓް ކުރާނެ. އެގޮތަށް ހެދި ޓެސްޓުން އޭނާ ކޮވިޑަށް ޕޮޒިޓިވްވީ،" ސާދާތު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ، މަރަދޫފޭދޫއަށް ނިސްބަތްވާ އެ މީހާއަކީ، މާލެ އަތޮޅުގައި އޮންނަ އަންނަތާރާގެ ރިސޯޓެއްގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އޭނާ އައްޑޫއަށް އައީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށް ވެސް ސާދާތު ވިދާޅުވި އެވެ.
އައްޑޫއިން ޕޮޒިޓިވްވި މީހާ މަސައްކަތް ކުރަމުން ދިޔަ އަނަންތާރާގެ ދިގު ރިސޯޓުން މިިދޔަ މާޗް 13 ވަނަ ދުވަހު ޓެސްޓުކުރި ބިދޭސީއަކު ކޮރޯނާ ވައިރަަހަށް ޕޮޒިޓިވްވެ އެ ރިސޯޓުން ބައެއް މީހުން އެކަހެރި ކުރި އެވެ. އެހެން ނަމަވެސް، ކޮންޓެކްޓް ޓްރޭސިން އަދި ކުރިއަށް ދާތީ މިކޭސްއާ އެކަމާ ކިހާވަރެއްގެ ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "އައްޑޫ ލައިވް" ނޫހަށް ވިދާޅުވެފައި ވަނީ، ބައްޔަށް ޕޮޒިޓިވްވި މީހަކީ މާޗް 10 ވަނަ ދުވަހު ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ފަހު އައްޑޫއަށް އައި މަރަދޫފޭދޫ މީހެއް ކަމަށެވެ.
ޕޮޒިޓިވްވި މީހާގެ އުމުރެއް އަދި ކަށަވަރެއް ނޫންނެވެ.
ޓާސްކް ފޯސްގެ އޮފިޝަލް ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން މިއަދު މެންދުރުފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި މި ކޭސްއާ ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ.
މިއީ އައްޑޫ އިން މިހާތަނަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެެވެ. އެޗްޕީއޭ އިން މިހާތަނަށް އާންމުކުރި ނަތީޖާ ތަކުން ދައްކާގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 744 އެވެ. ތިން މީހަކު މަރުވި އިރު، 20 މީހުން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.