09 May 2020, 14:05
ސްޕެނިޝް ފްލޫއަކީ މިދިޔަ ގަރުނުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ވޭން ބޮޑު ބަލި މަޑުކަމެވެ. އެ ރޯގާގައި އެތައް 50 މިލިއަން މީހަކު ދުނިޔެ ދޫކުރި އެވެ. އެ ބަލިމަޑުކަމުން އަރައިގަނެވުނު ފަހުން، ގަރުނެއް ފާއިތުވީ އިރު، މުޅި ދުނިޔެ މިވަނީ އެއަށް ވުރެވެސް ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.
ކުރުކޮށް ބުނާނަމަ މިހާރު ކުރިމަތިވެގެން އުޅޭ ބަލިމަޑުކަން ސްޕެނިސް ރޯގާާއާ ވަރަށް އެއްގޮތެވެ. އެ ރޯގާއިން އަރައިގަންނަން އޭރު އަޅަން ޖެހުނު ފިޔަވަޅުތަކާ މިހާރު އަޅަން ޖެހޭ ފިޔަވަޅުތަކުގައި ވެސް އެއްގޮތް ކަންކަން ވަރަށް ގިނަ އެވެ.
ސްޕެނިޝްފްލޫއާ ގުޅިގެން ވެކްސިން އުފައްދައި، ތަފާތު ފަރުވާތަކާއި ބޭސްތައް ހޯދައި އެކި ކޮމިއުނިކޭޝަންސް ސްޓްރެޓަޖީތައް އެކުލަވާލައި ޕަބްލިކް ހެލްތް ނެޓްވޯކްތައްވެސް އެކުލަވާލި އެވެ.
ނަމަވެސް ކޮވިޑް-19 އާ ދުނިޔެ ކުރިމަތިލިއިރު އަލުން އަނބުރާ މި ވަނީ އެ ތަޖުރިބާތަކަށް ރުޖޫއަވާން ޖެހިފަ އެވެ.
ކޮވިޑް-19 އާ އެކު މީގެ ކުރިން ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންކުރި ކަރަންޓީނުގެ އުސޫލް އަނެއްކާވެސް ދުނިޔެއިން ވަނީ ބޭނުންކުރަން ފަށައިފަ އެވެ. މިއީ ކޮރޯނާވައިރަސް މައިތިރިކުރަން އޮތް އެންމެ ކާމިޔާބު އެއްހައްލެވެ. އަދި ސްޕެނިޝް ފްލޫގެ ދުވަސްވަރެކޭ ވެސް އެއްގޮތަށް، ބައްޔާ ގުޅޭ ތޯތޯ ވާހަކަތަކާއި ސައިންޓިފިކް އެއްވެސް އަސްލެއް ނެތް ފަރުވާތައް ހުންނަ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. ކޮރޯނާވައިރަހާ ދެކޮޅު ހަނގުރާމަ ދޮގު މައުލޫމާތު ހުއްޓުން ވެސް ވަނީ ގޮންޖެހުމަކަށް ވެފަ އެވެ.

ސްޕެނިޝް ފްލޫގެ ދުވަސްވަރު އަންހެނަކު ފްލޫ މާސްކެއް ބޭނުން ކުރަނީ --
ނަވާރަ ސަތޭކަ އަށާރަވަނަ އަަހަރު ތަހައްމަލު ކުރި ސްޕެނިޝް ފްލޫގެ ދުވަސްވަރު، ބައްޔަށް ފަރުވާއެއްގެ ގޮތުގައި ފިޔާ ބޭނުންކުރެވިދާނެކަމަށް ބުނެ ތޯތޯވާހަކަތަކުގެ އަޑުގަދަވި އެވެ. އެގޮތަށް، ކޮރޮނާއަށް ފަރުވާއެއްގެ ގޮތުގައި ޑިސްއިންފެކްޓެއް ބޭނުންކުރެވިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަ އަޑުނާހަންހެއްޔެވެ؟
ފަންސާސް މިލިއަނަށް ވުރެ ގިނަ މީހުން ސްޕެނިޝް ފްލޫ ޖެހިގެން މަރުވިއިރު އެ ބައްޔަކީ އޭގެ ކުރިން އަޑުއެހި ބައްޔެއް ނޫނެވެ. އެ ބައްޔަށް އޭރު ފަރުވާއެއް ވެކްސިނެއްވެސް ނެތެވެ.
ހަމައެފަދައިން މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑަށްވެސް ފަރުވާއެއް ވެކްސިނެއް އަދި ނެތެެވެ. ކޮވިޑް-19 އަކީ މީގެ ކުރިން އިންސާނަކު، އަޑުއެހި ބައްޔެއްވެސް ނޫނެެވެ.
މީގެ ކުރިން ސްޕެނިޝް ފްލޫ ފެތުރުނުއިރު ބައްޔަށް ޓެސްޓްކުރުމުގެ ގާބިލްކަމެއް ނުލިބެ އެވެ. އެހެން ނަމަވެސް މިޒަމާނުގެ ސައިންސްގެ ހޯދުންތަކުގެ އަލީގައި ކޮރޯނާވައިރަސްގެ ޖެނެޓިކް ކޯޑް ހޯދައި ބައްޔަށް ޓެސްޓްކުރުމުގެ ގާބިލްކަން ވަނީ ހޯދައިފަ އެވެ. އެހެންކަމުން ބައްޔަށް ގިނައިން ޓެސްޓްކުރި ދެކުނު ކޮރެއާ ފަދަ ގައުމުތައް ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ސްޕެނިޝް ފްލޫގެ ދުވަސްވަރު ލަންޑަންގެ ބަހެއް ޑިސްއިންފެކްޓް ކުރަނީ --
އެހެން ނަމަވެސް ކުރިއެކޭ އެއްގޮތަސް ބަލި ޖެހުމުން ދިފާއުވެވޭނެ ގޮތެއް ނެތް އިރު ބައްޔަށް ފަރުވާއަކަށް ކުރެވޭނެ މާބޮޑު ކަމެއްވެސް ނެތެވެ. އެކަމުގައި އެމެރިކާގެ ރައީސުންގެ ނާގާބިލްކަންވެސް ޝާމިލްވެ އެވެ.
ކުރިން ސްޕެނިޝް ފްލޫ ފެތުރުނު ދުވަސްވަރު އެމެރިކާގެ އޭރުގެ ރައީސް ވުޑްރޯ ވިލްސަން ހުންނެވީ ހަނެވެ. މި ދުވަސްވަރު ވެސް ފެންނަނީ ޓްރަމްޕްގެ ނާގާބިލްކަމެވެ. ބަލި އެހާ ބޮޑަށް ނުފުތުރެނީސް ޓްރަމްޕް ވަނީ ކޮރޯނާގެ މައްޗަށް ކާމިޔާބު ލިބުނުކަން އިއުލާންކުރައްވައި އެއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ތާރީހު ދިރާސާކުރާ ބޭފުޅުން ފާހަގަ ކުރައްވާ ގޮތުން، ސްޕެނިޝް ފްލޫގައި އެހާ ގިނަ ބަޔަކު މަރުވަމުންދާތީ ކުރީގެ ރައީސް ވުޑްރޯ އެންމެ ފަހަރަކުވެސް ފަބްލިކްގައި އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޮޑަށް އިސްކަން ދެއްވީ ފުރަތަމަ ބޮޑު ހަނގުރާމައަށެވެ.
ކޮރޯނާއެކޭ އެއްގޮތަށް ސްޕެނިޝް ފްލޫވެސް އައީ ކޮން ގައުމަކުންކަމެއް ސީދާ އޮތީ ނޭނގުމުގެ ތެރޭގަ އެވެ. ބައްޔަށް ސްޕެނިޝް ފްލޫ ކިޔަސް އެބަލި ފެތުރެން ފެށީ ސްޕެއިންއަކުން ނޫނެވެ. ނަމަވެސް އެ ދުވަސްވަރު ސްޕެއިންގައި އެ ބަލި ފެތުރެމުންދާލެއް ގިނަކަމުން އެ ގައުމުގެ ނޫސްތަކުގައި ސްޕެނިޝް ފްލޫ ލިޔަމުން ދިޔުމުމުގެ ސަބަބުން، އެބަސް އާންމުންގެ ތެރޭ ހަރުވީ އެވެ. ނަމަވެސް އެމެރިކާގެ މީޑިއާތަކުން އެ ބައްޔަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.

ސްޕެނިޝް ފްލޫގެ ދުވަސްވަރު މީހަކު މަގު ކުނިކަހަނީ --
އެމެރިކާގެ މިހާރުގެ ސަރުކާރުގެ ކަމަކީ ވެސް، ކޮރޯނާވައިރަހަކީ ޗައިނާއިން އައި ބައްޔެއްތޯ ނޫނީ އެހެންގައުމަކުން ފެތުރެންފެށި ބައްޔެއްތޯ ބަލައި އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރުމެވެ.
ކޮރޯނާވައިރަހާ އެއްގޮތަށް ސްޕެނިޝް ފްލޫއަކީވެސް ނޭވާލާ ނިޒާމަށް ޖެހުނު ބައްޔެކެވެ. އެ ބަލިވެސް ފެތުރެން ފެށީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ވާސިލްވެގެންނެވެ. ބަލި ޖެހުމުން ބަލި ކޮންޓްރޯލްކުރަން އޭރުވެސް ބޮޑަށް އިސްކަންދިނީ މާސްކްފަދަ ތަކެތި އެޅުމާއި ގައިދުރުވުމާއި އަތް ދޮވުން ފަދަ ކަންތައްތަކަށެވެ.
ކޮރޯނާ ވައިރަސްގައި އާންމުކޮށް މަރުވަނީ ދުވަސްވީ މީހުންނާއި ތަފާތު ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ދިފާއީ ބާރު ދަށް މީހުންނެވެ. ނަމަވެސް ސްޕެނިޝް ފްލޫ އެންމެ ނުރައްކާތެރިވީ 20 އަަހަރާއި 40 އަހަރުގެ މީހުންނަށެވެ. އެދުވަސްވަރު އެ ރޯގާގައި މީހުން މަރުވަމުން ދިޔައީ، ފުރަތަމަ ބޮޑު ހަނގުރާމައިގައި އެންމެ ވަރުގަދަ ކުރިމަތިލުންތަކުގައި މީހުން މަރުވާހާ ގިނައިންނެވެ. އެގޮތުން ބަލީގައި ފުއްޕާމޭ ދިޔައީ ވަރަށް ބޮޑަށް ހަލާކުވަމުންނެވެ.
ސްޕެނިޝް ފްލޫ ޖެހިގެން މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްްޕްގެ ކާފަ ފްރެޑްރިޗް ޓްރަމްޕް ހިމެނެ އެެވެ. ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ޔޫކޭގެ އިސް ހަނގުރާމަވެރި ލީޑަރުންނާއި އެގައުމާއި ސްޕެއިންގެ ރަސްގެފާނާއި ފަހުން އެމެރިކާގެ ރައީސްކަން ކުރެއްވި ފްރޭންކްލިން ރޫޒްވެލްޓް ހިމެނިލައްވަ އެވެ.

ސްޕެނިޝް ފްލޫގެ ދުވަސްވަރު ސެލޫންތަކުގެ މީހުން މާސްކް ބޭނުން ކުރަނީ --
ކޮރޯނާ ވައިރަސް ޖެހުނު މަޝްހޫރު ބޭފުޅުންގެ ތެރޭގައި އެކި ގައުމުތަކުގެ މިނިސްޓަރުންނާއި ޕާލަމަންޓް މެމްބަރުންނާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހިމެނެ އެެވެ.
ކުދި ކުދި އަވަށްތަކުގައި އުޅުނު މީހުންނާއި ފަގީރުން ވެސް ސްޕެނިޝް ފްލޫގައި މަރުވި އެވެ. އެބަލީގައި އެމެރިކާއިން 675،000 މީހުން މަރުވިއިރު މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގައި 68،000 އަށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް އެމެރިކާގައި މަރުވެފަ އެވެ.
ކޮރޯނާއެކޭ އެއްގޮތަށް ސްޕެނިޝް ފްލޫ ޖެހޭ ބައެއް މީހުންގެ ފަރާތުން މާބޮޑު އަލާމާތެއް ނުފެންނައިރު އެމީހުންގެ ފަރާތުން ބަލި އެހެން މީހުންނަށް ޖެހި ވަރަށް ބޮޑަށް ބަލިވި އެވެ. ބައްޔަށް ފަރުވާއެއް އެދުވަސްވަރު ނެތްއިރު ވަރަށް ތަފާތު ތާކުންތާކު ނުޖެހޭ ފަރުވާތައްވެސް ބޭނުންކުރި އެވެ. އޭގެތެރޭގައި އެޕްރޫވްނުކުރާ ބޭސްތަކާއި ވިހަ ގަހެއްގެ މާއްދާތައް ބޭނުންކުރި އެވެ. -- އޭޕީ